Advertisement

މޮޅަކާ އެކު މެންޗެސްޓާ ސިޓީ އާއި ރެއާލް ގަދަ 16 ބުރަށް

25 ނޮވެންބަރު 2021 - 08:13 0


މޮޅަކާ އެކު މެންޗެސްޓާ ސިޓީ އާއި ރެއާލް ގަދަ 16 ބުރަށް

25 ނޮވެންބަރު 2021 - 08:13 0

މެންޗެސްޓާ (ނޮވެމްބަރު 25) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުން ޖާގަ ކަށަަވަރުކޮށްފި އެވެ.

މިދިޔަ ސީޒަނުގެ ރަނަރަޕް ސިޓީން ވަނީ ރޭ އަމިއްލަ ދަނޑުގައި 2-1 އިން ޕީއެސްޖީ ބަލިކޮށްފަ އެވެ. މުބާރާތުގެ ޗެމްޕިއަންކަން 13 ފަހަރު ހޯދާފައިވާ ރެއާލުން ވަނީ ރަށުންބޭރުގައި މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލް އަތުން 3-0 އިން މޮޅުވެފަ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމް ފުރިފައި އޮތް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސިޓީން ކުޅުނު ނަމަވެސް ޕީއެސްޖީގެ ގޯލުގައި ހުރި ކޭލޯ ނަވާސް ކައިރިން ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. ފުރަތަމަ ހާފުގައި ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އަށް ހުސްކޮށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ އެމްބާޕޭ ވަނީ ގޯލު ޖަހައި ޕީއެސްޖީ އަށް ލީޑުނަގައިދީފަ އެވެ.

ޕީއެސްޖީން ލީޑުނެގިތާ 13 ވަަރަކަށް މިނިޓް ތެރޭ ގަބްރިއެލް ޖީސޫސް ދިން ބޯޅައަކުން ރަހީމް ސްޓާލިން ވަނީ ގޯލެއް ޖަހައި ސިޓީ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މެޗު ނިމެން 14 މިނިޓަށް ވެފައި ހުއްޓައި އޭރިއާތެރެއިން ބެނާޑޯ ސިލްވާ ދިން މޮޅު ބޯޅައަކުން ޖީސޫސް ވަނީ ގޯލެއް ތެރެއަށް ބޯޅަ ފޮނުވާލައި ސިޓީ މޮޅުކޮށްދީފަ އެވެ. ޕީއެސްޖީ އަށް އެއްވަރުކޮށްދޭން ނޭމާ އަށް ލިބުނު ހުސް ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ބާކީ އެއް މެޗު އޮއްވައި ސިޓީ އަނެއް ބުރުން ފުރުސަތު ހޯދީ ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޕީއެސްޖީ އަށް ވެސް އަނެއް ބުރުގެ ޖާގަ ވަނީ ޔަގީންވެފަ އެވެ. އެ ޓީމަށް ފަސް މެޗުން ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. އެ ގްރޫޕްގައި ރޭ ކްލަބް ބްރޫޖް ދަނޑުގައި 4-0 އިން މޮޅުވި، ޖަރުމަނުގެ އާރްބީ ލައިޕްޒިގަށް ވަނީ ފަސް މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ބްރޫޖަށް ވެސް ވަނީ ފަސް މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ.

ޝެރިފް ޓީމަށް ކުޅޭ ބްރޫނޯ ފިލީޕޭ ކައިރިން ރެއާލްގެ ކްރޫސް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ


ރޭ ރެއާލުން ޝެރިފް ދަނޑުގައި ފުރަތަމަ ހާފުގައި ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ހިލޭ ޖެހުމަކުން ޖެހީ ޑޭވިޑް އަލަބާ އެވެ. އޭގެ ފަހުން އޭރިއާ ރޮނގުކައިރިން ޓޯނީ ކްރޫސް ވަނީ ގޯލެއް ޖަހައި ލީޑުފުޅާކޮށްދީފަ އެވެ. ކްރޫސް ޖެހި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ގޯލު ރޮނގު ހުރަސްކޮށް އެތެރެ އަށް ވަންކަން ކަށަވަރުކުރީ ގޯލްލައިން ޓެކްނޮލޮޖީގެ އެހީގަ އެވެ.

ދެ ވަނަ ހާފުގައި ފާލަންޑް މެންޑީ ދިން ބޯޅައަކުން ކަރިމް ބެންޒެމާ ވަނީ ރެއާލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

އެ ގްރޫޕްގެ އަނެއް މެޗުން ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކް 2-0 އިން ބަލިކޮށް އިންޓަ މިލާން ވެސް ވަނީ ގަދަ 16 ޓީމުގެ ބުރުގެ ޖާގައެއް ޔަގީންކޮށްފަ އެވެ.

ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު ރެއާލް އެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ތިނެއްގައި އޮތް ޝެރިފަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ޝަހުތަރުގެ އޮތީ އެންމެ ޕޮއިންޓެކެވެ.

ބެސިކްޓާސް ދަނޑުގައި ރޭ 2-1 އިން މޮޅުވެ، އަޔަކްސް ވެސް ވަނީ އެ ޓީމުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. އަޔަކްސް އޮތީ ރޭގެ މެޗުގެ ކުރިން ވެސް ގަދަ 16 ބުރުގެ ޖާގަ ޔަގީންކޮށްފަ އެވެ. މި ގްރޫޕުން އެ ބުރުގެ އަނެއް ފުރުސަތު ހޯދީ ރޭ އަމިއްލަ ދަނޑުގައި 3-1 އިން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ބަލިކުރި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އެެވެ. މި ނަތީޖާއާ އެކު ޑޯޓްމަންޑް ވަނީ މުބާރާތުން ކަޓައި، ޔޫރަޕާ ލީގުގައި ވާދަކުރަން ޖެހިފަ އެވެ.

ގަދަ 16 ބުރު ޔަގީންކޮށްފައިވާ ޓީމުތަކަކީ ކުޅުނު ހުރިހާ މެޗަކުން މޮޅުވި ލިވަޕޫލާއި ބަޔާން މިއުނިކް އަދި އަޔަކްސްގެ އިތުރުން މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް، ޕީއެސްޖީ، ސްޕޯޓިން ލިޒްބަން، ރެއާލް މެޑްރިޑް، އިންޓަ މިލާން، ޗެލްސީ އަދި ޔުވެންޓަސް އެވެ.