Advertisement

ކްރިސްމަސް އައިލެންޑް ގައި ރަތް ކަކުނީގެ ހިޖުރަކުރުން ފެށިއްޖެ، މަގުތައް ވެސް އެސޮރުމެންނަށް

25 ނޮވެންބަރު 2021 - 08:11 0


ކްރިސްމަސް އައިލެންޑް ގައި ރަތް ކަކުނީގެ ހިޖުރަކުރުން ފެށިއްޖެ، މަގުތައް ވެސް އެސޮރުމެންނަށް

25 ނޮވެންބަރު 2021 - 08:11 0

އޮސްޓްރޭލިއާގެ ހުޅަނގު އައްސޭރީގައި އޮންނަ ކްރިސްމަސް އައިލެންޑްގެ މަގުތައް މިވަގުތު އޮތީ ހިޖުރަކުރާ ކަކުނިން ތޮށްޖެހިފަ އެވެ. ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމުގެ ފުރަތަމަ ވާރެއާ އެކު ރަށުގެ ޖަންގަލީތަކުގައި ދިރިއުޅޭ ކަކުނިތައް ދަރިމައިވުމަށް އެ ރަށުގެ ގޮނޑުދޮށްތަކާ ހަމައަށް ދިއުމަށް ދަތުރު ފަށައެވެ. މުޅި ރަށުގެ އެކި ދިމަ ދިމާލުން އެތައް މިލިއަން ކަކުނި މި ހިޖުރަކުރުމުގައި ބައިވެރިވެ، އައްސޭރި ފަށަށް ދިއުމަށް އެއްފަހަރާ ދަތުރު ފަށަ އެވެ.

އޮސްޓްރޭލިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން، މި އަހަރުގެ މި ހިޖުރަކުރުން އާދަޔާ ހިލާފެވެ. ކަކުނިތަކުން މަގުތައް ފުރި، އެރަށުގެ ދުއްވާ އެއްޗެހީގެ ޓްރެފިކް ހުއްޓި، މަގުތަކުގައި ނުދުއްވިގެން އެސޮރުމެން އެއްފަރާތް ކުރަން ދުއްވާ މީހުން ނިކުންނަންޖެހޭ ވަރަށް ޓްރެފިކް ގޯސްވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ކަކުނި ތަކުގެ ހިޖުރަކުރުން ކޮންމެ އަހަރަކު އޮންނާތީ، ކްރިސްމަސް އައިލެންޑްގެ ނެޝަނަލް ޕާކު ގެ ސްޓާފުން، ކަކުނިތަކަށް ފަސޭހައިން އެމީހުންގެ މަންޒިލާ ހަމައަށް ދެވޭ ގޮތް ހެދުމަށް އެތައް މޭލަކަށް ދެމިގެންދާ ރޯޑް ބެރިއާ ތަކާއި ބްރިޖް ތައް ހަދައި މީހުން އެކަމަށް ސަމާލުކުރުވަން މުޅި ރަށުގައި ސަމާލު ބޯޑުތައް ހަރުކުރުމުގެ މަސައްކަތް މި ބޮޑު ހިޖުރަކުރުމުގެ އެތައް މަހެއް ކުރިން ފަށައިގަނެ އެވެ. އެހެންކަމުން ސީޒަނަށް ތައްޔާރުވާ އެރަށުގެ ރައްޔިތުންނަށް މިއީ މުހިއްމު ދުވަސްކޮޅެކެވެ. އެމީހުންގެ ވެއްޓާއި ފަތުރުވެރިކަމާއި އާމްދަނީ އާ ގުޅިފައިވާ ރަތް ކަކުންޏަކީ އެ މީހުންނަށް މުހިއްމު ދިރުމެކެވެ. ކްރިސްމަސް އައިލެންޑް ގައި ރަތް ކަކުންޏަށް ވަނީ ގާނޫނުން ވެސް ހިމާޔަތް ދީފަ އެވެ.

ދަރިމައިވުމަށް ރަތް ކަކުނިތައް ކުރާ މި ދަތުރުގައި މޭޓް މުމަށްފަހު ފިރިހެން ކަކުނި ތައް ރަށުގެ ޖަންގަލީއާ ދިމާލަށް ދަތުރު ފަށައެވެ. އަންހެން ކަކުނިތައް ބިސް އެޅުމަށް ގޮނޑުދޮށުގައި ދެ ހަފްތާވަރު މަޑުކުރެ އެވެ. އެއިން ކޮންމެ ކަކުންޏެއް އެއްލައްކަ އާ ގާތްކުރާ ވަރަށް ބިސް އަޅާނެ އެވެ. މި ބިސް ތައް އެސޮރުމެން ދޫކޮށްލަނީ މޫދަށެވެ. އެއަށްފަހު އަންހެން ކަކުނިތައް ވެސް އެނބުރި ޖަންގަލީތަކަށް މިސްރާބު ޖަހައެވެ. ބިސް ފީވެ، އުފަންވާ ކުދި ކަކުނިތައް ބިސް އަޅާތާ މަހެއް ފަހުން ރަށުގެ ގޮނޑުދޮށަށް ލައްވެ އެވެ. މި ކުދި ކަކުނިތައް ވެސް ދެން ހިޔާވަހިކަން ހޯދުމަށް ޖަންގަލީ އަށް ދަތުރުކުރެ އެވެ.