Advertisement

ރާޅާއެޅުމުގެ ފުރަތަމަ ގައުމީ އަންހެން ޗެމްޕިއަންގެ ޝަރަފްހޯދައި އާޔާ ތާރީހުގެ ތެރެއަށް

25 ނޮވެންބަރު 2021 - 08:21 1


ރާޅާއެޅުމުގެ ފުރަތަމަ ގައުމީ އަންހެން ޗެމްޕިއަންގެ ޝަރަފްހޯދައި އާޔާ ތާރީހުގެ ތެރެއަށް

25 ނޮވެންބަރު 2021 - 08:21 1

ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖްގެ ނަމުގައި ބާއްވާ ގައުމީ ރާޅާއެޅުމުގެ މުބާރާތުގެ އަންހެން އޯޕަން ޑިވިޝަން ޗެމްޕިއަންކަން ހޯދައި، އާޔާ ނަސީމް ތާރީހީ އަދި ޝަރަފްވެރި ކާމިޔާބީއެއް ހޯދައިފި އެވެ.

މި ފަހަރުގެ ގައުމީ ސާފިން މުބާރާތުގައި އަންހެން އޯޕަން ޑިވިޝަނެއް ހިމެނީ މި ކުޅިވަރުން ގައުމީ ލެވަލްގައި ކުރިއަށްދާން ގިނަ އެތުލީޓުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގަ އެވެ. އޭގެ ބޭނުންހިފައި މަހެއްހާ ދުވަހުގެ ވަރުގަދަ ތައްޔާރީ އަށް ފަހު އާޔާ މި ވަނީ ފުރަތަމަ ގައުމީ ޗެމްޕިއަަނަށް ވުމުގެ ޝަރަފް ހޯދައިފަ އެވެ.

ގައުމީ ރާޅާ އެޅުމުގެ މުބާރާތުގެ އަންހެނުންގެ އޯޕަން ޑިވިޝަން، ޝޯޓްބޯޑް ފައިނަލްގައި އިއްޔެ ހަވީރު އާޔާ މޮޅުވީ ޝާޒިޔާ ސައީދު (ޝާޒު) އާ ވާދަކޮށެވެ. ތިން ވަނަ ހާސިލްކުރީ ނާހާ ނަސްރުﷲ އެވެ. ނާހާ އަކީ މި ފަހަރުގެ މުބާރާތުގައި އައްޑޫ ސިޓީ ޓީމުގައި ހިމެނޭ ރާޅާއެޅުންތެރިއެކެވެ.

15 އަހަރުގައި އެންމެ ފުރަތަމަ ރާޅަށް ދިޔަ އާޔާ އަކީ މިހާރު ގައުމީ ޗެމްޕިއަނެއް

ގައުމީ ލެވަލްގައި ބާއްވާ ރާޅާއަޅާ މުބާރާތްތަކުގައި އަންހެން ކުދިންނަށް އޮންނަ ފުރުސަތުތައް ބޮޑަށް ފަހިވެފައި އޮތުމަކީ އަބަދުވެސް އަންހެން ރާޅާ އެޅުންތެރިން ދެކެމުން އައި ހުވަފެނެކެވެ.

ކޮވިޑް-19 އަށް ފަހު ބޭއްވޭ ގައުމީ ލެވަލްގެ ފުރަތަމަ ސާފިން މުބާރާތުގައި މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އަންހެން ރާޅާ އެޅުންތެރިންނަށް އެ ފުރުސަތު ފަހިކޮށްދިނީ ވަރަށް ވިސްނުންތެރިކަމާ އެކު ގިނަ ޒުވާނުންތަކެއް ސާފިން އިން ކުރިއަށްދާން މަގުކޮށައިދޭށެވެ.

"މުބާރާތުގެ ތެރޭގައި އަސްލު އެންމެ އުފާވަނީ ގާލްސް ހީޓެއް ބާއްވާތީ. ވަރަށް ދުވަސްވެއްޖެ މިވާހަކަ ދައްކާތާ ދުވަހަކު ވެސް އަދި މި އޮޕޮޗިއުނިޓީ އެއް (ފުރުސަތެއް) ނުލިބޭ. އަންހެން ކުދިންގެ އޯޕަން އެއް ފުރަތަމަ ފަހަރަށް ބާއްވާތީ އެމްއެސްއޭ އަށް ވެސް ވަރަށް ތަރުހީބު ދެން،" މުބާރާތް ފެށުމުގެ ކުރިން އެމްއެސްއޭ އަށް ދިން އިންޓަވިއުއެއްގައި އާޔާ ބުނެފައިވެ އެވެ.

އެންމެ ފުރަތަަމަ ރާޅަން އަންނަން ފެށީ 15 އަަހަރުގައި - އާޔާ

އާޔާ ވަނީ އަންހެން ކުދިންނަށް ގައުމީ ލެވަލްގައި ރާޅާ އެޅުމުން ކުރިއަށް ދިއުމުގައި ޕްލެޓްފޯމެއް އޮތުން ހުރިހާ ގޮތަކުން ވެސް މުހިއްމުކަން ފާހަގަކޮށްފަ އެވެ.

"އާޔާ އެންމެ ފުރަތަަމަ ރާޅަން އަންނަން ފެށީ 15 އަަހަރުގައި. އޭރު ރާޅާ އަޅާފައި ދެން ކިޔަވަން ގޮސްފައި ވަރަށް ދުވަސް ވަންދެން ނާޅާހުރެފައި މީގެ ދެތިން އަހަރެއް ކުރިން އަލުން މި ފެށީ،" އާޔާ ބުންޏެވެ.

އާޔާގެ އެންމެ ބޮޑު އުފަލަކީ ގިނަ އަންހެން ކުދިންގެ އާއިލާތަކުން ސާފިން އަކީ ވެސް މުސްތަގުބަލެއް އޮތް ކުޅިވަރެއްގެ ގޮތުގައި ދެކިގެން "ސީރިއަސްކޮށް" ނަގާތީ އެވެ. އޭގެ ސަބަބުން އަންހެން ކުދިންގެ މެދުގައި ސާފިން ޑިވެލޮޕްވާން ބޮޑު ބާރަކަށް ވާނެ ކަމަށް އާރާ ބުނެފައިވެ އެވެ.

އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި އާޔާ އަށް އެމްއެސްއޭ އިން ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. ދެ ވަނަ ހޯދި ޝާޒިޔާ އަށް 10،000 ރުފިޔާ ލިބުނުއިރު، ތިން ވަނަ ހޯދި ނާހާ އަށް ލިބިފައިވަނީ 7،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މި މަހު 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފަހަރުގެ ގައުމީ ސާފިން މުބާރާތުގައި 14 ރަށަކަށް ނިސްބަތްވާ ޓީމުތަކަކުން ވާދަކުރާއިރު، އޭގެ ތެރޭގައި 25 ރަށަކަށް ނިސްބަތްވާ 102 ސާފަރުން ހިމެނެ އެވެ. އެއް ސާފަރަކަށް ވުރެ ގިނައިން އެއް ރަށަކުން ބައިވެރިވާނަމަ އެއީ ޓީމެއް ގޮތަށް ގުނަން އެމްއެސްއޭ އިން ވަނީ ނިންމައިފަ އެވެ.