Advertisement

ޖަލު ހުކުމެއް އޮތަސް ފްރާންސް ޓީމަށް ބެންޒެމާ ނަގަން ހުރަހެއް ނެތް

25 ނޮވެންބަރު 2021 - 08:16 0


ޖަލު ހުކުމެއް އޮތަސް ފްރާންސް ޓީމަށް ބެންޒެމާ ނަގަން ހުރަހެއް ނެތް

25 ނޮވެންބަރު 2021 - 08:16 0

ޕެރިސް (ނޮވެމްބަރު 25) - މަޝްހޫރު ފޯވާޑް ކަރިމް ބެންޒެމާގެ މައްޗަށް ކޮށްފައިވާ ބްލެކްމެއިލް ކުރުމުގެ ތުހުމަތުގެ މައްސަލައިގައި އެއް އަހަރަށް ޖަލަށް ލުމަށާއި 84000 ޑޮލަރުން ޖޫރިމަނާކުރަން ހުކުމް ކޮށްފައިވީ ނަމަވެސް ފްރާންސް ގައުމީ ޓީމަށް އޭނާ ނެގުމުގައި އެއްވެސް ހުރަހެއް އަދި މިހާތަނަސް ނެތް ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.

އަންހެނަކާއި ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާގެ ވީޑިއޯއެއް ބޭނުން ކޮށްގެން އޭނާ އަށް ބިރު ދައްކައި ލާރި ހޯދަން މަސައްކަތްކުރިކަމުގެ ތުހުމަތު އެންމެ ފުރަތަމަ ބެންޒެމާ އަށް ކުރީ 2015 ވަނަ އަހަރު އެވެ. އޭރު ވަރަށް ގަދަޔަށް އެ ވާހަކަތައް ދެކެވި ބެންޒެމާ ފްރާންސް ގައުމީ ޓީމުން ބާކީކުރި ނަަމަވެސް ރަސްމީ ހައިސިއްޔަތަކުން މައްސަލަ އެންމެ ފުރަތަމަ ނުބަލަ އެވެ.

އެކަމަކު، މިދިޔަ ޖެނުއަރީ މަހު ފްރާންސްގެ ޕްރޮސެކިއުޓަރުން ވަނީ ވަރަށް އަވަހަށް ބެންޒެމާގެ މައްސަލައިގެ އަޑުއެހުންތައް ބާއްވާނެ ކަމަށް ބުނެ، އިއްޔެ ހުކުމެއް އިއްވައިފަ އެވެ.

މީގެ ތެރެއިން ޖަލު ހުކުމަކީ ސަސްޕެންޑެޑް ހުކުމެކެވެ. މާނަ އަކީ އެ ހުކުމް ތަންފީޒުުކުރަން ޖެހޭނީ އެކަން ތަކުރާރުކޮށްފިނަމަ އެވެ. ބެންޒެމާ ވަނީ އެ މައްސަލަ އެޕީލްކުރާނެ ކަމަށް ވަކީލުން މެދުވެރިކޮށް ބުނެފަ އެވެ. އެ މަރުހަލާ ފުރިހަމަ ނުވަނިސް ބެންޒެމާ ފްރާންސް ޓީމަށް ނުނަގަން ގިނަ ބަޔަކު އަންނަނީ އަޑުއުފުލަމުންނެވެ. އެއާ އެކު ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ނޮއެލް ލަ ގްރައެޓް ވަނީ އެ ކަމާ ބެހޭގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވައިފަ އެވެ.

"ފެޑެރޭޝަނުން އެކަމާ ބެހޭގޮތުން ވަކި ކަމެއް ކަނޑައަޅާނީ މައްސަލަ އެއްކޮށް ނިމުމުން. މި ވަގުތު އެ އޮތީ އެޕީލް މަރުހަލާގައި. އެހެންވީމަ އަދި މި ކޮންމެ ގޮތަކަށް ވެސް ގޮސްދާނެ. ބެންޒެމާ މި ވަގުތު ހުރި ފޯމާއި ގައުމީ ޓީމަށް އޭނާގެ މުހިއްމު ކަމަށް ބަލާފައި އަހަރެމެން މި ވިސްނަނީ އޭނަ އަށް ފުރުސަތު އޮންނަން ޖެހޭނެ ކަމަށް،" ގްރައެޓް ވިދާޅުވި އެވެ.

"މީގެ ގޮތެއް ނިންމާނީ ޑިޑިއޭ (ފްރާންސްގެ ކޯޗު ޑެޝޯމްޕްސް). އަހަރެމެންގެ (ފެޑެރޭޝަންގެ) އެއްވެސް ހުރަހެއް ނެތް ބެންޒެމާ ޓީމަށް ނެގުމުގައި،"

ވަލްބުއޭނާއާ ދެމެދު އެ މައްސަލަ ހިނގިތާ ފަސް އަހަރު ފަހުން ބެންޒެމާ ވަނީ ފްރާންސް ގައުމީ ޓީމަށް ދާދި ފަހުން ކުޅެފަ އެވެ. އެއީ މިދިޔަ ޖޫން މަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ މިދިޔަ އޮކްޓޫބަރު މަހު ޔުއެފާ ނޭޝަންސް ލީގު ފްރާންސަށް ކާމިޔާބުކޮށްދޭން އެހީތެރިވެދީފަ އެވެ.

ރެއާލް މެޑްރިޑަށް ވެސް މުޅި އަހަރު ތަފާތު ފޯމެއްގައި ކުޅެމުން އަންނަ ބެންޒެމާ އަކީ މި ފަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވެސް ވާދަކުރާ ކުޅުންތެރިއެކެވެ. ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑް ހަފްލާ އަށް ބާކީ އޮތީ ހަފްތާއެއްހާ ދުވަހެވެ.