Advertisement

ޗިލްވެލް އަށް ސީޒަން ނިމުމުގެ ބިރު އެބައޮތް

25 ނޮވެންބަރު 2021 - 08:19 0


ޗިލްވެލް އަށް ސީޒަން ނިމުމުގެ ބިރު އެބައޮތް

25 ނޮވެންބަރު 2021 - 08:19 0

ލަންޑަން (ނޮވެމްބަރު 25) - ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ވާތުބެކް ބެން ޗިލްވެލް އަށް ލިބުނު އަނިޔާ ސީރިއަސްވުމުގެ ސަބަބުން އޭނާ އަށް ދެން މި ސީޒަނުގައި ނުކުޅެވުމުގެ ބިރު އެބައޮތް ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ޔުވެންޓަސް އަތުން 4-0 އިން ޗެލްސީ މޮޅުވި މެޗުގައި ޔުވެންޓަސްގެ އޭޑްރިއަން ރަބިއޯ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ޗިލްވެލްގެ ކަކުލަށް އަނިޔާވެގެން އޭނާ އަށް ދަނޑުމަތީގައި ފަރުވާ ދީފައި އޭނާ ބަދަލުކުރިއިރު، ދަނޑުން ބޭލުވީ ޗެލްސީގެ މެޑިކަލް ސްޓާފުންގެ އެހީގަ އެވެ.

މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ޗިލްވެލް، 24، ކަކުލަށް ލިބިފައިވާ އަނިޔާ ފުރިހަމަ އަށް ދެނެގަންނަން އިއްޔެ ވަނީ ސްކޭނެއް ހަދައިފަ އެވެ. އެ ސްކޭން ފެނިފައިވާ މީހުންނާ ހަވާލާދީ އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އަނިޔާވެފައިވަނީ ޗިލްވެލްގެ އެންޓީރިއާ ކުރޫސިއެޓް ލިގަމެންޓް (އޭސީއެލް) އަށެވެ.

އާންމު ގޮތެއްގައި އެ ފަދަ އިންޖަރީ އަކުން ރިކަވާވާން އެންމެ އަވަހަށް ވެސް ގާތްގަނޑަކަށް 5-7 މަސް ދުވަސް ނަގަ އެވެ. މާނަ އަކީ މި ސީޒަނުގައި އެއްކޮށް ފިޓްވެގެން އައިސް ޗިލްވެލް އަށް ނުކުޅެވުމުގެ ފުރުސަތު އެބައޮތެވެ.

ނަވާރަ މިނިޓް ތެރޭ ޗިލްވެލް އަށް އަނިޔާވެގެން އެ ގޮތަށް ބާލަން ޖެހުމުން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޓުޗެލް ވަނީ އެ މެޗަށް ފަހު ޗިލްވެލަށް އަނިޔާވުމަކީ ޓީމަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް ބުނެފަ އެވެ.

"އެންމެން ދައްކަނީ ރީސް (ޖޭމްސް)ގެ ގޯލު ޖެހުމުގެ ވާހަކަ. އަހަންނަށް ހަަމަ އެ ފަދަ މުހިއްމު ކުޅުންތެރިއެއް ޗިލްވެލް އަކީ،" ޔުވެންޓަސް މެޗަށް ފަހު ޓުޗެލް ބުންޏެވެ.

ސްކޭން ރިޕޯޓްތަކަށް ބެލުމަށް ފަހު ޗެލްސީން އަދި ޗިލްވެލްގެ އަނިޔާގެ މައުލޫމާތު ރަސްމީކޮށް މީޑިއާގައި އާންމުނުކުރެ އެވެ. ލެސްޓާ ސިޓީ އަށް 50 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު ޗެލްސީން ޗިލްވެލް ސޮއިކުރީ މިދިޔަ އަހަރު އެވެ. އެއީ ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގަ އެވެ.

ޓުޗެލްގެ އިރުޝާދުގެ ދަށުން ވެސް ޗިލްވެލް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، މި ސީޒަނުގައި މިހާތަނަށް ޗިލްވެލް ވަނީ ހުރިހާ މުބާރާތެއްގައި ކުޅުނު 12 މެޗުން ތިން ގޯލު ޖަހައި އެއް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.