Advertisement

ކްލަބް މޯލްޑިވްސް ކަޕް: އާރްއާރްސީ، ޕްރިޒަން، އެފްއެސްއެމް އަދި ޕީޖީ ފެށީ ތިން ޕޮއިންޓުން

24 ނޮވެންބަރު 2021 - 22:55 0

އާރްއާރްސީގެ ގޯލުތައް ޖެހި ރޮނާ އާއި ބިޗަޑް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ކްލަބް މޯލްޑިވްސް ކަޕް: އާރްއާރްސީ، ޕްރިޒަން، އެފްއެސްއެމް އަދި ޕީޖީ ފެށީ ތިން ޕޮއިންޓުން

24 ނޮވެންބަރު 2021 - 22:55 0

ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ކުޅުނު މެޗުތަކުން ރޯޑް ރިކްރިއޭޝަން ކްލަބް (އާރްއާރްސީ)، ޕްރިޒަން ކްލަބް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަދި ޕީޖީ އޮފީސް (ކްލަބް 220) މޮޅަކުން މުބާރާތް ފަށައިފި އެވެ.

އާރްއާރްސީން ވަނީ ފޯރިގަދަ މެޗަކަށް ފަހު ފެން ކްލަބް (އެމްޑަބްލިއުއެސްސީ) 2-0 އިން ބަލިކޮށްފަ އެވެ. އެފްއެސްއެމުން ޕްލޭނިން މިނިސްޓްރީ 7-3 އިން ބަލިކުރިއިރު، ޕްރިޒަން ވަނީ ކްލަބް އޭވިއޭޝަން ސެކިއުރިޓީ އަތުން 2-0 އިން މޮޅުވެފަ އެވެ. ޕީޖީ އޮފީހުން ވަނީ ސިވިލް ކޯޓު އަތުން 4-1 އިން މޮޅުވެފަ އެވެ.

ރެހެންދި ފުޓްސަލް އެއް ވަނަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފެން ކްލަބުން ވަނީ އާރްއާރްސީ އަށް ޕްރެޝަރުކޮށް ޖުމްލަކޮށް ރަނގަޅަށް ކުޅެފަ އެވެ. އާރްއާރްސީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފެން ކްލަބުން ފޮނުވާލި މި މެޗުގައި އެ ޓީމުގެ ނަސޫހު ސައީދަށް ހުސްކޮށް ލިބުނު ބޯޅަ އޭނާ އަށް ގޯލަކަށް ހަދައިނުލެވުނެވެ.

ފެން ކްލަބްގެ ރައްޔާނު (ވ) ކައިރިން އާރްއާރްސީގެ އާދަމް ނާސިހު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ފަހު 10 މިނިޓް ތެރޭ އާރްއާރްސީން ދެ ގޯލު ޖެހިއިރު، އެ ޓީމަށް ލީޑުނަގައިދިނީ އަލީ ޝިފާއު (ރޮނާ) އެވެ. އަރިމަތިން ފެން ކްލަބްގެ ކުޅުންތެރިއަކު ކައިރިން ނައްޓާފައި ރޮނާ ފޮނުވާލި ބޯޅަ ގޯލުގެ ކައިރީ ކަނަށް އަމާޒުވިއިރު، އެ ބޯޅަ ހުއްޓުވަން ފެން ކްލަބްގެ ސަނާއު ރަޝީދަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

އޭގެ އަށް މިނިޓް ފަހުން އާރްއާރްސީގެ ކެޕްޓަން، ފުޓްސަލްގައި މަޝްހޫރު ތަރި، އިބްރާހިމް އަސްވަދު (ގަބޭ) އެ ޓީމުގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އަށް ދިން ބޯޅަ ފުރަތަމަ ފޮނުވާލުމުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ދެ ވަނަ ފަހަރަށް ބޯޅަ ނުކުތް ވަގުތު ބިޗަޑް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ބިޗަޑަކީ ފުރަތަމަ ޑިވިޝަނުގައި ކްލަބް ވެލެންސިއާ އަށް ކުޅޭ ކުޅުންތެރިއެކެވެ.

ފުޓްސަލް ކޯޗު މުހައްމަދު ޝާހީންގެ އިރުޝާދުގެ ދަށުން ކުޅޭ ޕްރިޒަން އިން ދެ ގޯލު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ. އަރިމަތިން ލިބުނު ފުރުސަތެއްގައި އިބްރާހިމް ހަލީމް ހަނި އޭންގަލުން ގޯލުގެ ތެރެއަަށް ބޯޅަ ފޮނުވާލިއިރު، އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އަހުމަދު ޝަމާލް އެވެ. އޭނާ އަށް ލިބުނު ފުރުސަތުގައި ވަނީ ހަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ރެހެންދި ފުޓްސަލް ދެ ވަނަ ދަނޑުގައި މިރޭ ކުޅުނު ދެ ވަނަ މެޗުގައި ސިވިލް ކޯޓު ކޮޅަށް ޕީޖީ އޮފީސް (ކްލަބް 220) ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފުރަތަމަ ޑިވިޝަނުގެ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅޭ އަބްދުލްވާހިދު އިބްރާހިމް (ވާޑު)ގެ އިތުރުން މައްސޫދު ޝަބީން އަދި އަލީ އިކްރާމް އެވެ. މީގެ ތެރެއިން އިކްރާމް ވަނީ ދެ ގޯލު ޖަހައިފަ އެވެ. ސިވިލް ކޯޓުގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު އުނައިސް އެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި މާދަމާރޭ ހަ މެޗެއް ކުޅޭނެ އެވެ. އެއީ ފިރިހެން ޑިވިޝަނުގެ ހަތަރު މެޗާއި އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގެ ދެ މެޗެވެ.