Advertisement

ފާސްކުރީ މަކަރުވެރި، ދަރަނި ބޮޑު، އިލެކްޝަން ބަޖެޓެއް: ޝިޔާމް

25 ނޮވެންބަރު 2021 - 08:16 1

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

މެމްބަރު އަހުމަދު ޝިޔާމް: އަންނަ އަހަރަށް ފާސްކުރި ބަޖެޓަށް ވަރަށް ބޮޑަށް ކަންބޮޑުވުންތައް އެބަހުރި- ފޮޓޯ: ހުސެއިން ވަހީދު / އަދަދު


ފާސްކުރީ މަކަރުވެރި، ދަރަނި ބޮޑު، އިލެކްޝަން ބަޖެޓެއް: ޝިޔާމް

25 ނޮވެންބަރު 2021 - 08:16 1

ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އަންނަ އަހަރަށް ލަފާކުރާ 37 ބިލިއަން ރުފިޔާގެ ބަޖެޓަކީ "އިލެކްޝަން" ބަޖެޓެއް ކަމަށާއި، ބަޖެޓުގެ "ބަނޑުދަށުން" ސަޕްލިމެންޓްރީ ބަޖެޓާއި، 2.5 ބިލިއަން ރުފިޔާ ޗާޕުކުރަން ހޯދި ރުހުމާއެކު ދަރިންގެ ދަރިން ބޮލުގައި ދަރަނި އަޅުވާފައިވާ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

"ވަރަށް މަކަރުވެރި ހީލަތްތެރި ގޮތަކަށް މި ކަންތައްތައް މިކުރީ ފިނޭންސް މިނިސްޓަރު،" އިދިކޮޅު މެމްބަރުން ބަޖެޓަށް ވޯޓު ނުދިން ސަބަބުން ސާފުކޮށްދެއްވަމުން "އަދަދު" އަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓު ވެސް ފާސްކުރީ މި އަހަރުގެ ބަޖެޓުގެ ބޭރުން ވަރަށް ބޮޑު ހޭދައެއް ކުރުމަށް ފަހު، އެކަން ފޫބެއްދުމަށް ކަމަށާއި އެ ކަމަކީ ސީދާ ގާނޫނު އަސާސީއާ ހިލާފު ކަމެކެވެ.

މީގެ އިތުރުން، ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކުން ދަރަނި ނަގާތީ ވެސް އިދިކޮޅުގެ ފާޑުކިޔުންތައް ޝިޔާމް ތަކުރާރުކުރެއްވި އެވެ.

މިގޮތުން، ކުރިން 4.4 ބިލިއަން ރުފިޔާ ޗާޕްކުރަން ހުއްދަ ދީފައިވާއިރު، މި ފަހަރު 2.5 ޗާޕްކުރަން ދިން ހުއްދައާއެކު ޖުމުލަ ހަތް ބިލިއަން ރުފިޔާ ޗާޕްކުރާނެ ކަމަށާއި، އެ ފައިސާ ދައްކައި ހަލާސްކުރަން ނިންމާފައި ވަނީ 50 އަހަރަށް ބަހާލާފައިވާ ލޯނެއްގެ ގޮތަށް ބަދަލުކޮށްގެން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އަދި ފައިސާ ޗާޕްކުރުމުގެ ހުއްދަ 2023 ގެ ނިޔަލަށް ފާސްކޮށްފައި އޮތުމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ވެރިކަން ނިމެންދެން ވެސް ޗާޕުކޮށްކޮށް ހުންނާނީ. އެހެންވީމަ އަޅުގަނޑު މި ދެންނެވީ ރައީސް އޮފީހުގެ ފުރާޅު މަތީގަ ބައިންދަންވީ ހުރިހާ ކަމެއް ހުއްޓާލާފަ ފައިސާ ޗާޕުކުރާ މެޝިނެކޭ. އޭރުން ގައުމު ހިނގާނެ،" ޝިޔާމް ވިދާޅުވި އެވެ.

ހަރަދު ބޮޑުވެ، ދަރަނި 100 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، ފައިނޭންސް ކުރާނެ އަދި އާމްދަނީ އިތުރުކުރާނެ ހަރުދަނާ ގޮތްތަކެއް ނެތް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އާމްދަނީ އިތުރުކުރުމަށް ރަށްތައް ވިއްކަން ކަނޑައަޅާފައި އޮތަސް، މި އަހަރުގެ ތަޖުރިބާއަށް ބަލާއިރު، އެކަމަށް މާބޮޑު ތަރުހީބެއް ލިބިފައި ނެތުމުން އަންނަ އަހަރު ވެސް ރަށްތައް ވިއްކައިގެން ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އެހެންވީމަ ދަރަނި އެބަ އިތުރުވޭ އެކަމަކު އާމްދަނީ އިތުރެއް ނުވޭ. ދަރަނި އެބަ ބޮޑުވޭ،" ޝިޔާމް ވިދާޅުވި އެވެ.

ބަޖެޓުގެ އާމްދަނީއަށް ވުރެ ހަރަދު 9.7 ބިލިއަން ރުފިޔާ އިތުރެވެ.

މިދިޔަ އަހަރު ރާއްޖޭގެ އާމްދަނީ ދަށްވެ ހަރަދު އިތުރުވުމުގެ ސަބަބުން ފައިނޭންސިން ގެޕް ވަރަށް ބޮޑުވެގެން ދިޔުމާއެކު، އަންނަ އަހަރުގެ އަހަރުގެ ބަޖެޓަށް 13.4 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވެ އެވެ. ބަޖެޓް ފޫބެއްދޭނީ އެ ފައިސާ ހޯދައިގެންނެވެ.

ލޯނުތައް އަނބުރާ ދައްކަން އެކަނި ވެސް 2.9 ބިލިއަން ރުފިޔާ އަންނަ އަހަރަށް ބޭނުންވެ އެވެ.

ބަޖެޓު ފޫބައްދަން 7.5 ބިލިއަން ރުފިޔާ ހޯދަން ނިންމާފައި ވަނީ ބޭރުންނެވެ. އަދި 5.9 ބިލިއަން ރުފިޔާ ހޯދާނީ ރާއްޖޭގެ އެތެރެއިންނެވެ.

ގާނޫނު އަސާސީގެ 96 ވަނަ މާއްދާގައި ބުނެފައި ވަނީ މިނިސްޓަ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަށް، ރައްޔިތުންގެ މަޖިލީހުން ގެންނާން ފެންނަ އުނިއިތުރެއް ގެނެވިދާނެ ކަމަށާއި ނުވަތަ އުނިއިތުރެއް ނުގެނެސް ފާސް ކުރެވިދާނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ބަޖެޓަށް ވުރެ 73 މިލިއަން ރުފިޔާ އިތުރުކޮށް، ގިނަ ހުށަހެޅުންތަކަކާއެކު ބަޖެޓް ފާސްކޮށްފައިވާއިރު، އިދިކޮޅުން އެއްވެސް އިސްލާހެއް ހުށަހަޅާފައެއް ނުވެ އެވެ.

ޝިޔާމް ވިދާޅުވީ އެފަދަ ހުށަހެޅުންތައް ހުށަހަޅަން ބޭނުން ނުވީ، މަޖިލީހުގެ ސުޕާ މެޖޯރިޓީ ސަރުކާރަށް އޮތުމާއެކު، އިސްލާހެއް ހުށަހެޅިޔަސް، ސަރުކާރުން ބޭނުންވާ ގޮތަކަށް ބަޖެޓު ފާސްކުރާނެކަން އެނގޭތީ ކަމަށެވެ.