Advertisement

އަހަރު ނިމޭއިރު ޔަމަން ހަނގުރާމައިގެ މަރުތައް 377،000 އަށް އަރާނެ ކަމަށް އދ. އިން ލަފާކޮށްފި

25 ނޮވެންބަރު 2021 - 07:14 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔަމަން ސަރުކާރު ފައުޖުގެ ސިފައިންގެ މީހަކު ހަމަލާދެނީ. -- ފޮޓޯ: އޭއެފްޕީ


އަހަރު ނިމޭއިރު ޔަމަން ހަނގުރާމައިގެ މަރުތައް 377،000 އަށް އަރާނެ ކަމަށް އދ. އިން ލަފާކޮށްފި

25 ނޮވެންބަރު 2021 - 07:14 0

ދުބާއީ، ޔޫއޭއީ (ނޮވެމްބަރު 24) - ޔަމަނުގެ ހަތް އަހަރުވީ ދިގު ދާހިލީ ހަނގުރާމައިގައި މި އަހަރު ނިމޭއިރު މަރުތަކުގެ އަދަދު 377،000 އަށް ވުރެ މަތިވާނެ ކަމަށް އދ. އިން ލަފާކޮށްފި އެވެ.

މަރުތަކުގެ 60 ޕަސެންޓަކީ ހަނގުރާމައާ ނުސީދާކޮށް ގުޅިފައިވާ ކަންކަމުގެ ސަބަބުން ކުރިމަތިވި މަރުތަކެވެ. އޭގެ ތެރޭގައި ސާފު ބޯފެން ނުލިބުމާއި، ބަނޑުހައި ހޫނުކަމާއި، ބަލި ފެތުރުން ހިމެނެ އެވެ.

ހަނގުރާމައާ ސީދާ ގުޅިފައިވާ ހަމަލާތަކުގެ ސަބަބުން މި އަހަރު ނިމޭއިރު މަރުތައް 150،000 އަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވެ އެވެ.

އދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމުން އަންގާރަ ދުވަހު ނެރުނު ރިޕޯޓުގައި ބުނީ ހަނގުރާމައިގެ ނުސީދާ އަސަރުން ގިނައިން މަރުވަނީ ކުޑަކުދިން ކަމަށެވެ.

"ވިހި އެކާވީސް ވަނަ އަހަރު، ކޮންމެ ނުވަ މިނެޓަކުން ޔަމަނުގެ ފަސް އަހަރުން ދަށުގެ ކުއްޖަކު އެބަ މަރުވޭ،" ރިޕޯޓުގައި ވެ އެވެ.

ޔަމަން ހަނގުރާމަ ފެށުނީ އިންތިހާބާ ސަރުކާރާ ދެކޮޅަށް އިރާނުގެ އެއްބާރުލުމާ އެކު އުޅޭ ހޫތީން ނުކުމެ، ވަކި ސަރުކާރެއް ގާއިމް ކުރުމުންނެވެ. ހޫތީންގެ ކޮންޓްރޯލް ފުޅާ ކުރުމަށް 2015 ވަނަ އަހަރު ވެރިރަށް ސަނާ ހިފުމާ އެކު ޔަމަން ސަރުކާރުގެ އެދުމުގެ މަތިން ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނަކުން ހަނގުރާމައިގެ ތެރެއަށް ވަނެވެ.

އޭގެ ފަހުން ހިނގަމުންދާ ހަމަލާތަކުގައި "ގައުމުގެ ތަރައްގީ އަށް ބޮޑެތި ގޮންޖެހުންތަކެއް އައިސްފައިވާ" ކަމަށް ރިޕޯޓުގައި ފާހަގަކުރި އެވެ.

މީގެ ކުރިން ޔޫއެންޑީޕީން ބުނީ ހަނގުރާމައާ ހެދި ޔަމަނުން ހޯދި ތަރައްގީ ގެއްލި، 20 އަހަރު ކުރިން ގައުމު އޮތް ހާލަތަށް އެނބުރި ގޮސްފައިވާ ކަމަށެވެ. ހަނގުރާމަ ފެށުމުގެ ކުރިން ވެސް ޔަމަނަކީ މެދުއިރުމަތީގައި އޮތް އެންމެ ފަގީރު ގައުމެވެ.

ޔަމަން ހަނގުރާމަ އަކީ ދުނިޔެ އަށް ދިމާވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާގެ ގޮތުގައި ސިފަކުރެ އެވެ. ޔޫއެންޑީޕީން ލަފާކުރި ގޮތުގައި ހަނގުރާމައާ ހެދި 2030 ވަނަ އަހަރާ ހަމައަށް ދާއިރު، 1.3 މިލިއަން މީހުން މަރުވާނެ އެވެ.