Advertisement

މަސްތުގެ ހާލުގައި ހައްޔަރުކުރާ މީހުން ގެންދާނެ ކޯޓެއް ނޭނގި, ފުލުހުން ކަންބޮޑުވެފައި

24 ނޮވެންބަރު 2021 - 14:28 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ޑްރަގް ކޯޓު: މަސްތުގެ ހާލުގައި ހައްޔަރުކުރާ މީހުން ގެންދާނެ ކޯޓެއް ސާފެއް ނޫން -- ފޮޓޯ: ރައީސް އޮފީސް


މަސްތުގެ ހާލުގައި ހައްޔަރުކުރާ މީހުން ގެންދާނެ ކޯޓެއް ނޭނގި, ފުލުހުން ކަންބޮޑުވެފައި

24 ނޮވެންބަރު 2021 - 14:28 0

މަސްތުގެ ހާލުގައި ހައްޔަރުކުރާ މީހުން ނުވަތަ މަސްތުވާތަކެތީގެ ޓްރިފިކިންގެ ކުށުގެ މިންގަނޑަށް ނުފެތޭ, މަސްތުވާތަކެތި ބޭނުން ކުރާ ކަމުގެ ތުހުމަތުވާ މީހުންގެ ބަންދާމެދު ގޮތް ނިންމުމަށް ދާނެ ކޯޓެއް ސާފު ނުވާ މައްސަލާގައި ފުލުހުން ކަންބޮޑުވުން ފާޅުކޮށް, ހައްލަކަށް އެދިއްޖެ އެވެ.

ހޭންޑްސް ޓުގެދާ ކިޔާ ޖަމިއްޔާއަކުން ހުށަހެޅި "ޗޭންޗް އެންޑީއޭ" ޕެޓީޝަނާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީއިން ކުރި ދިރާސާގެ މައްޗަށް އެކުލަވައިލި ރިޕޯޓެއް އިއްޔެ އާންމުކޮށްފައިވާއިރު، މި ރިޕޯޓުގައި ދައުލަތުގެ އެކި އިދާރާތަކާއި ކޯޓުތަކާ ބައްދަލުކޮށް މައުލޫމާތު ހޯދާފައި ވެއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި ގުޅިގެން ކުރި މި ދިރާސާގެ ތެރެއިން ފުލުހުން ފާޅުކުރި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސްތުގެ ހާލަތުގައި ހުއްޓާ ހައްޔަރުކުރެވޭ މީހުންނަށް ބަންދުގެ މުއްދަތު ޖަހަން ދާން ޖެހޭނެ ކޯޓެއް ސާފު ނުވާ ކަމެެވެ.

އެގޮތުން, 12 އޮގަސްޓް 2021 އާ ހަމައަށް މަސްތުގެ ހާލަތުގައި ހުއްޓާ ހައްޔަރު ކުރި 238 މީހަކު، ކ. ގުޅީފަޅުގައި ގާއިމްކޮށްފައިވާ ޑްރަގް އޮފެންޑާންސް ރިމާންޑު ސެންޓަރުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވީނަމަވެސް، އެދުވަހު އެ ކޯޓުގެ ގާޒީންގެ މެދުގައި ކުއްލި މަޖިލީހެއް ބޭއްވުމަށްފަހު މަސްތުގެ ހާލަތުގައި ހައްޔަރު ކުރާ މީހުންނަށް މުއްދަތު ޖެހުމުގެ އިހްތިސޯސް އެ ކޯޓަށް ލިބިފައި ނުވާ ކަމަށް ނިންމާފައިވެ އެވެ.

މިކަމާ ގުޅިގެން ފުލުހުން މަޖިލީހުގައި ބުނީ "އެ ނިންމުމާއި ގުޅިގެން މިއަދާ ހަމައަށްވެސް މިކަމުގައި ދާންވީ ކޯޓެއް ނޭނގޭ ކަމަށާއި، މީގެ ނަތީޖާއަކީ މަސްތުގެ ހާލަތުގައި ހައްޔަރުކުރެވޭ މީހުންނާމެދު އަމަލުކުރުމުގެ ފުރަތަމަ މަރުހަލާގައި ވެސް ގޮތްހުސްވެފައިވާ" ކަމަށެވެ.

މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ބުނީ އެ ނިންމުން ދައުލަތުން އިސްތިއުނާފު ކޮށްފައި ނުވާ ކަމަށެވެ. އަދި މަތީ ކޯޓަކުން އެ މައްސަލަ ބަލައި, ކްރިމިނަލް ކޯޓަށް އެ އިހްތިސޯސް ލިބޭ ކަމަށް ކަނޑައަޅައިފައި ނެތް ކަމަށެވެ. އެގޮތަށް ކަނޑައަޅައިފިނަމަ, އަނެއްކާވެސް މަސްތުވާތަކެއްޗަށް ފަރުވާދޭންޖެހޭ މީހުންގެ މުއްދަތު ޖެހުން އެ ކޯޓުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

މަޖިލީހުގައި ޑްރަގް ކޯޓުގެ ފަރާތުން ބުނީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދަށް ސުޕްރީމް ކޯޓުން ގެނެސްފައިވާ އިސްލާހުގައި، މަސްތުވާތަކެތީގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގެ އިހްތިސޯސް އެ ކޯޓަށް ލިބިގެންވާކަން ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި އެކަން ކުރުމުގެ ކެޕޭސިޓީއެއް ވެސް އެ ކޯޓުގައި ނެތްކަން ފާހަގަކުރި އެވެ.

ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ 20 ވަނަ މާއްދާ


174. (ށ) ޑްރަގް ކޯޓަކީ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަކި ހާއްސަ އިޖުރާއަތުތަކެއް ހާއްސަވެގެންވާ ކޯޓެއް ކަމުގައި ވާތީ، ގާނޫނުން، ކޯޓުގެ ތަބީއަތުން އެ ކޯޓަށް ހާއްސަކުރެވިފައިވާ، ޝަރީއަތްކުރުމާ ގުޅޭ އެންމެހައި އިޖުރާއަތުތައް އެ ގާނޫނުގައިވާ ނިސްބަތަށް ހިންގުމަށް މި ގަވާއިދުން އެ ކޯޓަށް އިސްތިސްނާ ލިބިގެންވެ އެވެ.

މިފަދައިން ޖިނާއީ އިޖުރާތުގައި އޮތް ނަމަވެސް، މަސްތުވާތަކެތީގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަށް ބަންދު ޖެހުމުގެ ބާރު އޮތް ކޯޓު ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާ ކަމަށް ޑްރަގް ކޯޓުންނާއި ކްރިމިނަލް ކޯޓުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން ފުލުހުން ދެކެނީ މަސްތުވާތަކެތީގެ ގާނޫނު އިސްލާކުރަން ޖެހޭ ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ބަންދުގެ މުއްދަތު އިތުރުކުރާނެ ކޯޓެއް ވެސް ގަވާއިދުގައި ސާފުކޮށް އެނގޭ ގޮތަށް ބަޔާންކުރަން ޖެހޭނެ ކަމަށެވެ. އެކަމަށް އެ އިދާރާއިން މިހާރު ވަނީ ކަމާބެހޭ ފަރާތްތަކުގައި އެދިފަ އެވެ.