Advertisement

ތާލިބާނާއި އެމެރިކާގެ މަޝްވަރާތައް އަންނަ ހަފުތާގައި ފަށަނީ

25 ނޮވެންބަރު 2021 - 06:04 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާ އިން އަފްގާން ސިފައިންނާ ހަދިޔާ ކުރި ހެލިކޮޕްޓަރެއްގައި ތާލިބާން ދިދަ އަޅުވާފައި. -- ފޮޓޯ: އޭއެފްޕީ


ތާލިބާނާއި އެމެރިކާގެ މަޝްވަރާތައް އަންނަ ހަފުތާގައި ފަށަނީ

25 ނޮވެންބަރު 2021 - 06:04 0

ވޮޝިންޓަން، އެމެރިކާ (ނޮވެމްބަރު 24) - ތާލިބާނާއި އެމެރިކާއާ ދެމެދު ކުރާ މަޝްވަރާތައް އަންނަ ހަފުތާގައި ގަތަރުގައި އަލުން ފަށާނެކަން އިއުލާނުކޮށްފި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ އެމެރިކާގެ ފަރާތުން މަޝްވަރާގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ އަފްގާނިސްތާނަށް ހާއްސަ މަންދޫބު ޓޮމް ވެސްޓް ކަމަށެވެ.

"ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަން" މަޝްވަރާ ކުރާނެ ކަމަށާއި އެގޮތުން ޓެރަރިޒަމާ ދެކޮޅު މަސައްކަތާއި އިންސާނީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ވާހަކަތައް ދެކެވޭނެ ކަމަށް ޕްރައިސް ވިދާޅުވި އެވެ.

އަފްގާނިސްތާނުގެ ގާނޫނީ ވެރިކަން ވައްޓާލުމަށް ފަހު މީގެ ތިން މަސް ކުރިން ބާރުތައް ހޯދި ތާލިބާނުންނަށް މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓެރަރިޒަމާއި އިންސާނީ އެހީ ނުލިބުމުގެ މައްސަލަ އެވެ.

ތާލިބާނުން ވެރިކަމަށް އައުމަށް ފަހު އެމެރިކާއާ އެކު ފުރަތަމަ ފަހަރަށް ބައްދަލުވުމެއް ބޭއްވީ އޮކްޓޯބަރު މަހު ގަތަރުގަ އެވެ. އޭގެ ފަހުން ޕާކިސްތާނުގައި ވެސް މި މަހުގެ ކުރީކޮޅު ބައްދަލުކުރި އެވެ.

އެމެރިކާ އިން ތަކުރާރުކޮށް ބުނަމުން ދަނީ ތާލިބާނުންނަށް އެހީ ލިބޭނީ ޝަރުތުތަކެއްގެ މަތިން ކަމަށެވެ. އެއީ ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ ވަރުގަދަ ކުރުމާއި، އެންމެންގެ ބައިވެރިވުން ހިމެނޭ ސަރުކާރެއް ގާއިމްކުރުމާއި، އަންހެނުންނާއި މައިނޯރިޓީންގެ ހައްގުތައް ދިނުމެވެ.

ތާލިބާން ސަރުކާރުގެ ފޮރިން މިނިސްޓަރު އާމިރް ހާން މުއްތަގީ މިދިޔަ ހަފުތާގައި ގޮވާލާފައި ވަނީ އެމެރިކާ އިން ހިފަހައްޓާފައިވާ އަފްގާނިސްތާނުގެ އެހީތައް ދިނުމަށެވެ.

ނަމަވެސް އެމެރިކާ އިން ބުނީ މި ދަނޑުވަޅުގައި ލިބޭނީ ހަމައެކަނި ޒަރޫރީ އިންސާނީ އެހީ ކަމަށާއި ހިފަހައްޓާފައި ފައިސާ ދޫކުރާނީ މަޝްވަރާ އަށް ފަހު ވާ ގޮތަކުން ކަމަށެވެ.