Advertisement

ލަފާފުރުން: ނޫމަރާއަށް ބިރެއް، ނުރައްކަލެއް

1 ޑިސެންބަރު 2021 - 10:54 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ


ލަފާފުރުން: ނޫމަރާއަށް ބިރެއް، ނުރައްކަލެއް

1 ޑިސެންބަރު 2021 - 10:54 0

"އަލްހަމްދުލި ﷲ، އަދި އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ. އެކަމަކު އެބަ ހުރި ގިނަ ހާދިސާތަކެއް ހިނގާފަ،"

ށ. ނޫމަރާ ބަނދަރު ހަދާފައި އޮތަސް، ހިނގާފައިވާ ނުރައްކާތެރި ހާދިސާތަކުގެ ވާހަކަ އާއި އެކަމަށް ހައްލެއް ނުލިބި އޮތުމުގެ ކަނބޮޑުވުމާއެކު އެރަށު ކައުންސިލް ރައީސް އަލީ ރަބީއު ވާހަކަތައް ކިޔައިދޭން ފެއްޓެވި އެވެ.

ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް އޮންނަ ނޫމަރާއަކީ ބަނދަރެއް އޮތަސް ލަފާ ފުރުމުގައި ބިރުވެރި ތަޖުރިބާތަކެއް ކުރަން ޖެހޭ ރަށެެކެވެ. ގާމަތި ރަށެއްގެ ގޮތުގައި މަޝްހޫރު ނޫމަރާގައި އެންމެ ފުރަތަމަ ބަނދަރެއް ހަދާފައިވަނީ މީގެ ނުވަ ވަރަކަށް އަހަރު ކުރިން ހޯގާޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ.

އޭގެ ފަހުން 2019 ވަނަ އަހަރު އެރަށުގެ ބަނދަރު ބޮޑުކުރުން ކުރިއަށް ގެންދިޔަސް، ހަގީގީ މައްސަލައަށް ހައްލެއް ނުލިބެ އެވެ. އެކްސިޑެންޓްގެ އަދަދުތައް މަދެއް ނުވެ އެވެ.

ނޫމަރާ ފަރަށް އުރުނު ބޯޓެއް. ފޮޓޯ: ނޫމަރާ ކައުންސިލް


"އަސްލު އޭގަ އުޅޭ ހިއުމަން އެރާޒް ވެސް. މިބުނީ އުޅަނދު ދުއްވަން ތިބޭ ފަރާތްތަކުގެ މައްސަލަ ވެސް. އެކަމަކު ހަމަ އެހެން އިތުރު މައްސަލަތަކެއް ވެސް އުޅޭ. ގާމަތި ރަށެއް ވީމަ ރަށް ވަށައިގެން ވެލިގަނޑު ހަމަ ވޮޑޭނެ. ދެން ނެރު އިންނަ ގޮތުން ވެސް ފަޅު ތެރެ ވަރަށް ބޮޑަށް ތިލަވޭ،" ރަބީއު ވިދާޅުވި އެވެ.

ރަބީއު އެ ކިޔައިދެއްވީ އެ މައްސަލާގެ ސަބަބުން އެ ރަށުގެ ނެރާއި ފަރުމައްޗަށް އެތައް ބޯޓެއް އުރެން މެދުވެރިވި މައްސަލައެއްގެ ވާހަކަ އެވެ. ނޫމަރާ ބަނދަރު ޑިޒައިން ކުުރިއިރު އެންމެ ރަނގަޅަށް ދިރާސާ ނުހެދި އޮތުމުގެ ސަބަބުންނާއި ރަށްވަށައިގެން ދަތުރުކުރާ އޮޔާއި ރާޅަށް އެންމެ ރަނގަޅަށް ނުވިސްނާ ބަނދަރު ހެދުމުގެ ނަތީޖާއަކީ ރަށުގެ ފަޅު ތިލަވާން މެދުވެރިވުމެވެ.

ފަޅު ތިލަވާ ވަރަކަށް ގަދަ ދުވަސްތަކުގައި ބޯޓުތައް ފަޅު ތެރެއަށް ވައްދަން އެތައް ތަކުލީފެއް އުފުލަން ޖެހޭއިރު، ކިތަންމެ ތަޖުރިބާހުރި ކައްޕިއަކަށް ވެސް ސިކުންތެއްގެ ތެރޭ ހެދޭ ގޯހަކުން ބޮޑު ނުރައްކަލަކާ ކުރިމަތިވުމުގެ ފުރުސަތު އޮންނަކަން ރަބީއު ފާހަގަކުރެއްވި އެވެ.

ނޫމަރާ ފަރަށް އެރި ބޯޓެއް. ފޮޓޯ: ކައުންސިލް


"ދެން ވާ ގޮތަކީ ދެ ރާޅު ދެމެދުން އޮންނަ ވަގުތުކޮޅަށް ބަލާފަ ބޯޓު ބަނދަރަށް ވަންނަން މި ޖެހެނީ. އެ ވަންނައިރު ފަޅު ތިލަވިއްޔާ އެ ތާށިވީ ބޯޓު. ދެން ފަހަތުން ޖަހާ ވަރުގަދަ ރާޅަކާއެކު ގޮއްސަ އުރޭނީ ނެރުމައްޗަށް، އެގޮތަށް އެންމެ ފަހުން ވެސް މިރަށަށް ގެނައި ބާޖަކަށް މެދުވެރިވީ،" ރަބީއު ކިޔައިދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު އެގޮތަށް އުރުނު އެ ބާޖާއެކު އައި ޓަގްބޯޓަށް ވެސް ހަމަ އެފަދަ ހާލެއް ޖެހުނެވެ. އަދި އޭގެ ފަހުން ރަށް ކައިރިން ދަތުރުކޮށްފަ ދިޔަ އެފްއެސްއެމްގެ ތެޔޮ ބޯޓެއް ވެސް ފަރަށް އެރުމުގެ ހާދިސާއެއް ހިނގި އެވެ. އަދި ފެރީއެއްގެ ހުންގާނެއް ބިންދައިގެން ދިޔުމުގެ ހާދިސާއެއް ރަބީއުގެ ހަނދާނުގައި އެބަ ހުއްޓެވެ.

"ނެރު ކަނޑާފަ ހުންނަ ގޮތުން ވެސް ކަންކަން ކުރިމަތިވޭ އެހެން. ބޭރަށް ވާ ގޮތަށް ކަނޑާފަ ހުރީމަ އޮޔާއެކު ހުރިހާ ވެއްޔެއް ވެސް އައިސް ވަންނާނެ ހަމަ ބަނދަރަށް. އެކަމަކު މިފަހުން ހަމަ އެހެން މެދުވެރިވީ ދެ އަހަރު ވަންދެން ފަރަށް އަރާފަ އޮތް ތެޔޮ ބާޖާ ހެދި،" ރަބީއު ވިދާޅުވި އެވެ.

ނޫމަރާކައިރިން ހިނގާފައިވާ ބައެއް ހާދިސާތައް:

  • ދޯންޏެއް އުރުން - ޖެނުއަރީ 2019
    • ތެޔޮ ބާޖެއް - އޮކްޓޯބަރު 2019
    • އެފްއެސްއެމް ތެޔޮ ބާޖެއް- ޖުލައި 2021

    އެފަދަ ހާދިސާއެއްގައި އަދި މީހަކަށް އަނިޔާއެއް ނުލިބުނު ނަމަވެސް، އެއީ އަބަދު ވެސް އެކަމެއްގެ ނުރައްކާ އޭގައިވާ ކަމެއްކަން ރަބީއު ފާހަގަކުރެއްވި އެވެ. އަދި އެކަމަށްޓަކައި އީޕީއޭއާ މަޝްވަރާކޮށް ހައްލެއް ހޯދުމަށް ވެސް މަސައްކަތް ކުރަމުންދާކަމަށް ރަބީއު ވިދާޅުވި އެވެ.

    އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް އެކަމާ ގުޅިގެން ވިދާޅުވީ، އީޕީއޭއަށް ރަށުގެ ކައުންސިލްގެ ފަރާތުން އެފަދަ ކަންބޮޑުވުންތަކާ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި އީޕީއޭގެ ފަރާތުން ފަޅު ތިލަވާ މައްސަލައިގައި ހައްލަކަށް ދެވެން އޮތް ހަމައެކަނި ކަމަކީ ފަޅު ފުންކުރަން ހުއްދަ ދިނުން ކަމަށެވެ.

    ށ. ނޫމަރާ. ގްރެފިކްސް: އަދަދު


    "އެކަމުގަ ޑްރެޖް ކޮށްގެން ފުން ކުރަން ހުއްދަދޭނެ މިކޮޅުން. އެކަމަކު ކައުންސިލާ ޕްލޭނިން މިނިސްޓްރީގެ މަސައްކަތެއް އެއީ އެކަން ކުރުން،" ނައީމް ވިދާޅުވި އެވެ.

    އެހެންނަމަވެސް, ސަރުކާރުން އެކަމަށްޓަކައި ކަމެއް ކޮށްދެވޭނެ ކަމުގެ އުންމީދު އޮތީ 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާ އެކުގަ އެވެ.

    މީގެ ކުރިން ވެސް ކައުންސިލުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ނެރާއި ބަނދަރުގެ މައްސަލަ ހައްލުކުރެވެން އޮތީ 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކަމަށް ޕްލޭނިން މިނިސްޓްރީން ކައުންސިލަށް މައުލޫމާތު ދީފައިވާ ކަމަށް ރަބީއު ވިދާޅުވި އެވެ.

    އެ މުއްދަތުގެ ތެރޭގައި ނޫމަރާއަށް ލަފާފުރުމަކީ ނުރައްކަލަކަށް އަމިއްލަ ފުރާނަ ލައިގެން ކުރާ ދަތުރެކެވެ.