Advertisement

އާކްޓިކް ކަނޑު ގަނޑުވެ، ބޯޓުތައް ތާށިވެއްޖެ!

24 ނޮވެންބަރު 2021 - 11:19 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އާކްޓިކް ކަނޑުގައި އޮތް މުދާ އުފުލާ ބޯޓެއް. -- ފޮޓޯ: ގެޓީ އިމޭޖަޒް


އާކްޓިކް ކަނޑު ގަނޑުވެ، ބޯޓުތައް ތާށިވެއްޖެ!

24 ނޮވެންބަރު 2021 - 11:19 1

ރަޝިއާއާ ދިމާލުން އާކްޓިކް ކަނޑު ކުއްލި ގޮތަކަށް މާ އަވަހަށް ގަނޑުވުމުން މުދާ އުފުލާ 18 ބޯޓު ތާށިވެއްޖެ އެވެ.

ނޯވޭގެ ނޫސް، ބެރެންޓްސް ސީ އޮބްޒާވާ އިން ބުނީ ލެޕްޓެވް ސީ އާއި އިރުމަތީ ސައިބީރިއަން ސީ އާ ދިމާލުން 30 ސެންޓިމީޓަރުގެ ބޯމިނުގައި ކަނޑުގެ ލޮނުގަނޑު ގަނޑުވެފައިވާ ކަމަށެވެ.

ފަހަކަށް އައިސް މޫސުމީ ބަދަލާ ހެދި މާ ބޮޑަށް ދުނިޔެ ހޫނުވާ މައްސަލައާ ގުޅިގެން ނޮވެމްބަރު މަހުގެ ތެރޭގައި އެއްވެސް މައްސަލައެއް ދިމާނުވެ، އުޅަނދުތަކަށް އެ ސަރަހައްދުން ދަތުރު ކުރެވެ އެވެ.

ނަމަވެސް މި އަހަރު ކުއްލި ގޮތަކަށް ލޮނުގަނޑު ގަނޑުވުމުން, ތާށިވެފައިވާ ކާގޯ ބޯޓުތައް ސަލާމަތް ކުރަން ޝިޕިން ކުންފުނިތަކުން ހާއްސަ މަސައްކަތްތައް ކުރަން ޖެހޭނެ އެވެ.

އެގޮތުން "އައިސް ބްރޭކާޒް" ނުވަތަ ގަނޑުފެން ތެޅުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި އަދި އުޅަނދު އެ ހިސާބަށް ފޯރުމަށް ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ.

ޝިޕިން ކުންފުނިތަކުން ބުނީ މި ހާދިސާ ހިނގީ ރަޝިއާގެ މެޓް އޮފީހުން ނުބައިކޮށް މޫސުން ލަފާ ކުރުމުން ކަމަށެވެ.

ތާށިވެފައިވާ "ދަ މީކާއިލް ސޮމޯވް"ގެ ކެޕްޓަން ވިކްޓާ ގިލް ބުނީ "ހާލަތު ގޯސް" ކަމަށެވެ. އެގޮތުން ބޯޓުގައި ހުރީ ހަފުތާއެއްހާ ދުވަހަށް ބޭނުންވާ ސަޕްލައި ކަމަށް އޭނާ ބުންޏެވެ.

ނިޔުކްލިއާ ހަކަތައިގެ އެހީގައި ބާރު ދީގެން ހިންގާ ރަޝިއާގެ "އައިސް ބްރޭކަރުތައް" އޮޕަރޭޓް ކުރާ ރޮސަތޮމް ކުންފުނީގެ ޑިރެކްޓަރު ޖެނެރަލް އެލެކްސެއި ލިކަޗްޔޯވް ވިދާޅުވީ ތާށިވެފައިވާ ބޯޓުތަކުގެ ތެރޭގައި ހޮންގް ކޮންގް އާއި މާޝަލް އައިލެންޑްގެ ދިދަ ޖަހައިގެން ދަތުރު ކުރާ އުޅަނދުތައް ހިމެނޭ ކަމަށެވެ.

ބޯޓުތައް ތާށިވެފައި ވަނީ ކަނޑުގެ ފަސް ސަރަހައްދެއްގަ އެވެ. މޫސުމީ ބަދަލާ ހެދި އާކްޓިކް ކަނޑު ގަނޑުވުން ކުޑަވެ، ޔޫރަޕާއި އޭޝިއާއާ ދެމެދު ދަތުރު ކުރެވޭ ރޫޓު ހުޅުވެން ފެށުމުން ރަޝިއާ އިން ގިނަ އަދަދެއްގެ ފައިސާ އިންވެސްޓް ކުރި އެވެ.

އެހެންކަމުން ކުއްލިއަކަށް މިފަދަ ހާދިސާއެއް ދިމާވުމުން ރަޝިއާ އަށް ކަންބޮޑުވުމާ ކުރިމަތިވެ އެވެ. ރަޝިއާގެ އާކްޓިކް އައްސޭރި ފަށުން އޭޝިއާ އަށް އޮންނަ ރޫޓުގެ ސަބަބުން ބައެއް ދަތުރުތައް ވަރަށް ބޮޑަށް ކުރެވެ އެވެ.

އެގޮތުން ޖަރުމަނުވިލާތުގެ ހެމްބާގް އިން މިސްރުގެ ސުއެޒް ކެނަލްގެ ތެރެއިން ދަތުރުކޮށް، ޖަޕާނުގެ ޓޯކްޔޯއާ ހަމައަށް ކުރާ ދަތުރެއް 14 ދުވަސް އަވަސްކޮށްދެ އެވެ.

"އައިސް ބްރޭކާ" އުޅަނދުތަކުގެ އެހީއާ ނުލައި އެ ރޫޓުން ދަތުރުކުރި އެންމެ ފުރަތަމަ ބޯޓަކީ ރަޝިއާގެ ޓޭންކަރު ކްރިސްޓޮފެ ޑެ މާޖެރީ އެވެ.

އެ ރޫޓުން އުފުލާ މުދަލުގެ އަދަދު ފާއިތުވި ދިހަ އަހަރު ތެރޭ ދިހަ ގުނަ އިތުރުވި އެވެ. އެގޮތުން މިދިޔަ އަހަރު 32 މިލިއަން ޓަނުގެ މުދާ އެ ރޫޓުން އުފުލި އެވެ.

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވިދާޅުވެފައި ވަނީ 2024 ވަނަ އަހަރު އައުމުގެ ކުރިން އެ އަދަދު ތިން ގުނަ އިތުރު ކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.

ތާށިވެފައިވާ ބޯޓުތައް ސަލާމަތް ކުރަން ދެ އައިސް ބްރޭކާ އުޅަނދު މިހާރު ވަނީ ފޮނުވާފަ އެވެ. ތާށިވެފައިވާ އުޅަނދުގެ ތެރޭގައި ހިމެނެނީ ދެ ތެޔޮ ޓޭންކަރާއި މުދާ އުފުލާ ބޯޓުތަކެވެ. ކަމާ ބެހޭ އިދާރާތަކުން ބުނީ އުޅަނދުތައް އެ ހިސާބުން ދުރަށް ގެންދެވޭނެ ކަމަށް ބެލެވެނީ ޑިސެމްބަރު މަހުގައި ކަމަށެވެ.

އާކްޓިކް ކަނޑު ގަނޑުވި ނަމަވެސް މިދިޔަ އޮކްޓޯބަރު މަހު ފިނިހޫނުމިން ހުރީ ހަތަރެއް ޑިގްރީ ސެލްސިއަސްގަ އެވެ. އެއީ ރަޝިއާގެ އާކްޓިކް އައްސޭރިފަށުގެ އާއްމު ފިނިހޫނުމިނާ އަޅާ ބަލާއިރު ހޫނު މިންވަރެކެވެ.