Advertisement

މައިސާން، ޒިޔާން އަދި ވިޖުދާން އީގަލްސް އަށް ސޮއިކޮށްފި

24 ނޮވެންބަރު 2021 - 10:19 1

ީއީގަލްސް އަށް ސޮއިކުރި ކުޅުންތެރިން: (ކ.ވ) ވިޖޫ، މައިސާން އަދި ޒިޔާން.


މައިސާން، ޒިޔާން އަދި ވިޖުދާން އީގަލްސް އަށް ސޮއިކޮށްފި

24 ނޮވެންބަރު 2021 - 10:19 1

ފުރަތަމަ ޑިވިޝަނުގެ އެކި ކްލަބްތަކުން މީގެ ކުރިން ފެނުނު އިބްރާހިމް މައިސާން (މައި) އާއި އަހުމަދު ވިޖުދާން (ވިޖޫ) އަދި އަބްދުﷲ ޒިޔާން (ޖަންކީ) ކްލަބް އީގަލްސް އަށް ސޮއިކޮށްފި އެވެ.

މި ތިން ކުޅުންތެރިންގެ އިތުރުން ވެސް ކްލަބް އީގަލްސް އިން ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި ތިން ވަނަ ޑިވިޝަނުގެ ބުރު ސްޕޯޓްސް ކްލަބްގެ ކެޕްޓަންކަން ކުރި މައި އަކީ ކުރިން ފުރަތަމަ ޑިވިޝަނުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ކުޅުންތެރިއެކެވެ. އދ. މާމިގިއްޔަށް އުފަން މައި އަކީ ފުލްބެކަށް އަދި މެދުތެރެއަށް ވެސް ކުޅެވޭ ކުޅުންތެރިއެކެވެ.

މިދިޔަ ސީޒަނުގައި ކްލަބް އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ)، ބުރު ސްޕޯޓްސް ކްލަބްގެ ހެޑް ކޯޗެއްގެ ގޮތުގައި ވަނީ މައިއާ އެކު މަސައްކަތް ކޮށްފަ އެވެ. މީގެ ކުރިން މައި ފުރަތަމަ ޑިވިޝަނުގައި މަސައްކަތްކުރި އެހެން ކޯޗުންގެ ތެރޭގައި ޔޫވީގައި މުހައްމަދު އާތީ (އާތީ)ގެ ކޯޗުކަމުގެ ދަށުންނާއި ޓީސީގައި މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗުކަމުގަ އެެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި ކްލަބް އީގަލްސް އަށް ކުޅުނު ރ. އަލިފުއްޓަށް އުފަން ވިޖޫ މިދިޔަ ސީޒަނުގައި ފެނުނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުންނެވެ. އޭނާ ވަނީ އެ ޓީމުގެ ކެޕްޓަންކަން ވެސް ގިނަ މެޗުތަކެއްގައި ކޮށްފަ އެވެ. ވިޖުދާން ވަނީ ފުރަތަމަ ޑިވިޝަނުގައި ށ.ފޯކައިދޫ ޓީމަށް ވެސް ކުޅެފަ އެވެ.

އީގަލްސް އިން ދެން ސޮއިކުރި، ތ. ތިމަރަފުށްޓައް އުފަން ޒިޔާން އަކީ މީގެ ކުރިން ބީޖީ ސްޕޯޓްސް ކްލަބަށް ކުޅުނު ކުޅުންތެރިއެކެވެ. އޭރު އޭނާ ބީޖީ އަށް ކުޅުނުއިރު، އެ ޓީމުގެ ހެޑް ކޯޗަކަށް ހުރީ މިހާރު އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އެެވެ. އޭގެ ފަހުން އޭނާ ވަނީ 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ތ. ތިމަރަފުށީ ޓީމަށް ވެސް ކުޅެފަ އެވެ.

އީގަލްސް އިން ސޮއިކުރި ޒަައިން (މ) އާއި ސައިއްޓެ (ތ)


އާ ސީޒަނަށް ތައްޔާރުވާން ޓްރަޔަލްތަކެއް ކުރިއަށް ގެންގޮސް އީގަލްސް އިން ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކެއް އެ ޓީމަށް ނަގައި، އޭގެ ތެރެއިން ބައެއް ކުޅުންތެރިންނާ އެކު ކޮންޓްރެކްޓްގައި ވެސް ސޮއިކޮށްފަ އެވެ.

އީގަލްސް އިން ކޮންޓްރެކްޓް ދިން ޒުވާން ކުޅުންތެރިންގެ ތެރޭގައި ސ. ހިތަދޫ ހުސެއިން ޒައިން ހަނީފް އާއި އދ. މާމިގިލީގެ އިސްމާއިލް ސައިފް (ސައިއްޓެ) ހިމެނެ އެވެ.

ފުރަތަމަ ޑިވިޝަނަށް ގިނަ ޒުވާން ކުޅުންތެރިންތަކެއް ނެރެދޭ ޓީމެއްގެ ގޮތުގައި އަބަދުވެސް ފާހަގަކުރެވޭ ކްލަބް އީގަލްސް އިން މިދިޔަ އަހަރުތަކުގައި ފެނުނު ގިނަ ކުޅުންތެރިން ކުރިއަށް އޮތް ސީޒަނުގައި ވެސް އެ ޓީމަށް ކުޅޭނެ އެވެ.

އީގަލްސް އިން މިހާތަނަށް ދިޔަ ކުޅުންތެރިއަކީ ދާދި ފަހުން މާޒިޔާއާ ގުޅުނު އުއްމީދީ ފުލްބެކް، ހައިޝަމް ހަސަން (ބިޑި) އެވެ. ހައިސަމް، އީގަލްސް ދޫކޮށްލީ އެ ކްލަބްގެ ކޮންޓްރެކްޓް ފުރިހަމަ ކުރުމަށް ފަހު އެވެ. އާ ސީޒަން ފެށުމުގެ ކުރިން ޓީމު ވަރުގަދަކުރަން އީގަލްސް އިން އަންނަނީ އިތުރު ކުޅުންތެރިން ހޯދަން މަސައްކަތް ކުރަމުންނެވެ.

އީގަލްސް އިން ފުރަތަމަ ވާދަކުރާނެ މުބާރާތަކީ އަންނަ މަހު 19 ވަނަ ދުވަހު ފަށަން ނިންމާފައިވާ ޕްރެޒިޑެންޓްސް ލީގެވެ.