Advertisement

"މުލަ" ޖޯޑު އިންޓްރޯ: ނިމާލް އާއި ދީނާގެ ވަރަށް ލޯބި ޕާޓްނާޝިޕެއް

25 ނޮވެންބަރު 2021 - 06:33 7

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


"މުލަ" ޖޯޑު އިންޓްރޯ: ނިމާލް އާއި ދީނާގެ ވަރަށް ލޯބި ޕާޓްނާޝިޕެއް

25 ނޮވެންބަރު 2021 - 06:33 7

ދެ މީހުން ގެ އުފަން ދުވަސް އެއް ދުވަހެކެވެ. ދެ މީހުންނަށް ކަމުދަނީ އެއް ކަހަލަ ކަންތައްތަކެކެވެ. ދެ މީހުން ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވަނީ އެއް ކަހަލަ ލަނޑުދަނޑި ތަކެކެވެ. ކުރަން ބޭނުންވަނީ އެއް ކަހަލަ ކަންތައްތަކެކެވެ. ޖޯޝާއި ޖޯރު، ދެ މީހުންގެ މިޒާޖުގައި އެއްވަރަކަށް އެބަ ހުއްޓެވެ.

އެކަކު އަނެކަކު ދެކެ ލޯބިވާން ހުސައިން ނިމާލް، 38 (ނީމޯ) އާއި އައިޝަތު ދީނާ މުހައްމަދު، 29 އަށް މާ ގިނަ ވަގުތު ތަކެެއް ނުނަގަ އެވެ. އެ ދެ މީހުން ފުރަތަމަ ދިމާވި ދުވަހު ވެސް އެބުނާ 'ކެމިސްޓްރީ' އަކާއި 'ކަނެކްޝަނެއް' އޮތް ކަން ވިންދު ވެސް ބުނެދިނެވެ.

މިއީ މިދިޔަ ހުކުރު ދުވަހު ލޯންޗުކުރި ފުރަތަމަ ދިވެހި ސަން ސްކްރީން ބްރޭންޑް، "މުލަ" ގެ ދެ ބިޒްނަޒް ޕާޓްނަރުންގެ ތައާރަފް، އެ ދެ މީހުންގެ ދެމެދުގައި އޮތް ގުޅުމާއި، އެ ދެމީހުން އެކުގައި ހާސިލްކުރަން މަސައްކަތްކުރަމުންދާ ހުވަފެންތަކާ ގުޅުވައިގެން ބުނެދޭ ނަމަ، ބުނެދެވެން އޮތް އެންމެ ކުރު އަދި އެންމެ ސާދާ ގޮތެވެ.

ދިވެހި ފަރުތަކާއި މުރަކަތަކާއި ނާޒުކު ހަމަށް ގެއްލުންވާ ހުރިހާ މާއްދާތައް އުނިކޮށްގެން އުފެއްދި ފުރަތަމަ ދިވެހި ސަން ސްކްރީން ބްރޭންޑުގެ ތައާރަފަކަށް ދިއުމުގެ ކުރިން މި ޒުވާން ޖޯޑުގެ ދެތިން ވާހަކަ، އެކުގައި ކުރިއަށް ދާން މަސައްކަތް ކުރާ ދިވެހި ޒުވާން ޖޯޑު ތަކަށް ނަމޫނާ އެއްގެ ގޮތުގައި ދޫކޮށްލާނަމެވެ.

"އަސްލު ދެމީހުންނަކީ ވެސް ވަރަށް އެމްބިޝަސް ދެމީހުން. ދެމީހުން ވެސް ވަރަށް ބޭނުންވޭ ދިރިއުޅުމުގަ ދެ މީހުން ވެސް ކާމިޔާބު ވާން. އެހެންވީމަ އެކަކު އަނެކެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދަން ވަރަށް ގަދަ އަޅައި މަސައްކަތްކުރަން ފެށީ،" ދީނާ، އޭނާ އާއި ނިމާލްގެ ފުރަތަމަ ޕާޓްނާޝިޕްގެ ނަތީޖާ، ދެމަފިރިންގެ ގޮތުގައި ތިބެ އެކުގައި ފާހަގަކުރަމުން އިހުސާސް ތައް ކިޔައިދިނެވެ.

ދީނާ އާއި ނިމާލް


"ސަން ސްކްރީންގެ އައިޑިއާ އަކީ ނިމާލް އާ ދިމާވި އިރު ވެސް ނިމާގެ ހުވަފެނެއްގެ ގޮތުގައި އޮތް ކަމެއް. އެހެން ވީމަ ފުރަތަމަ އެކަން ހަގީގަތަކަށް ހަދަން މަސައްކަތް ފެށީ،"

ނިމާލް އަކީ ޓީއެމްއޭގެ ޕައިލެޓެކެވެ. ދީނާ އަކީ މާކެޓިން ކިޔަވައިގެން ސޯޝަލް މީޑިއާ މާކެޓިންގައި ހަރަކާތްތެރި ޒުވާނެކެވެ.

ދީނާ ބުނީ، އޭނާ އާއި ނިމާލް، ކައިވެނީގެ ކުރިން އެންމެ ބޮޑު އިސްކަމެއް ދިނީ އެ ދެމީހުން ހާސިލްކުރަން ބޭނުންވާ ކަންތައްތަކާ މެދު ވީހާ ވެސް ބޮޑަށް ވާހަކަދައްކައި ހިޔާލު ބަދަލުކޮށް ހެދުމަށް ކަމަށެވެ. ކުރު މުއްދަތެއްގެ ތެރޭގައި ހިޔާލުގައި އޮތް ގޮތަށް އެވަރުގެ އުފެއްދުމެއް ވުޖޫދަށް ގެންނަން އެންމެ ބޮޑު މަދަދެއް ވީ ދެމީހުންގެ ދެމެދުގައި އުފެދި ވަރުގަދަވެފައި އޮތް އަންޑަސްޓޭންޑިންގް ގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

ޓާގެޓް ކުރީ ސީދާ އުހަށް، ދުނިޔޭގެ މާކެޓަށް

ހުވަފެންތަކާއި ޖޯޝު އެއްގޮތްވެ، އޭގައި ލޯބީގެ ކުލަ ޖެހުނު ހިސާބުން ދެމަފިރިން ޓާގެޓްކުރީ އެމީހުން ނެރޭ ޕްރޮޑަކްޓަކީ މޮޅު، ރާއްޖެ ފަހުރުވެރިވާ ފަދަ ޕްރޮޑަކްޓަކަށް ހެދުމަށެވެ.

"އަޒުމް އޮތީ އެހެން. ބޭނުންވީ ރާއްޖެ ކިތަންމެ ކުޑައެއް ކަމަކު އިންޓަނޭޝަނަލް މާކެޓްގައި ވާދަވެރި ޕްރޮޑަކްޓެއް ގެނައުން. އެކަން ކާމިޔާބުކުރުމަށް ރެއާ ދުވާލު ނުނިދައި ހޭލައި އިނދެގެން މަސައްކަތް ކުރީ،" ދީނާ ކިޔައިދިނެވެ.

ގޫގުލް އިން ބޭނުންވާ މައުލޫމާތުތައް ހޯދައި ދިރާސާކުރަމުން، ދުނިޔޭގެ އެންމެ މޮޅު ތެރަޕިއުޓިކް ގުޑްސް އުފައްދާ ކުންފުނި ތަކަށް ކުންފުނި ތަކަށް އީމެއިލް އަކު ފުލު އީމެއިލް އަކުން ޕްރޮޕޯސަލް ފޮނުވަމުން ގޮސް ނަސީބު ލައްވައިލީ ހީވެސް ނުކުރާހާ އަވަހަށް ކަމަށް ދީނާ ބުންޏެވެ.

އޮސްޓްރޭލިއާގައި 'މުލަ' އުފެއްދުންތައް އުފައްދާ ކުންފުންޏަކީ އެ ގައުމުގެ ތެރަޕިއުޓިކް ގުޑްސް އެޑްމިނިސްޓްރޭޝަން [ޓީޖީއޭ] ސެޓިފައިޑް ކުންފުންޏެކެވެ.

"މުލަ" ސަންސްކްރީން އާއި އާފްޓާ ކެއާ އަލޮއެ ޖެލް


ތެރަޕިއުޓިކް ގުޑްސް އަކީ ރީތިވާ ސާމާނުގެ ތެރޭގައި ނުހިމެނޭ، ސްކިންކެއާގެ ވަކި ސްޓެންޑަޑެއް ފުރިހަމަވާ މެޑިކަލީ ޓެސްޓެޑް ޕްރޮޑަކްޓްސް ތަކެއް ކަން އަންގައިދޭން ދޭ ސެޓްފިކެޓެކެވެ.

"ފުރަތަމަ އަޅުގަނޑުމެން ތިބީ އަމިއްލަ އަށް ފައިނެންސް ކުރަން ވިސްނައިގެން. ދެން ކޮވިޑް އައިސްގެން ދިމާވި ދަތިތަކާ އެކު ނިންމީ ލޯނެއް ނަގަން. އެޑީއެފްސީ އިން ލޯނެއް ހީވެސް ނުކުރާހާ ފަސޭހައިން ލިބުނު." ދީނާ ބުންޏެވެ.

ދީނާ އާއި ނިމާލްގެ 'މުލަ' މަރުކާގެ ދަށުން ނެރުނީ ދެ ޕްރޮޑަކްތެކެވެ. އެއީ 'މުލަ' ސަންސްކްރީން އާއި 'މުލަ' އާފްޓާ ސަން އަލޮވެރާ ޖެލް އެވެ.

'މުލަ' ތަފާތު ވަނީ ކިހިނެއް؟

"މުލަ އުފައްދަނީ ޓީޖީއޭ ސަޓިފައިޓް ކުންފުންޏަކުން. އެތާނގަ ސަން ކެއާ މި ބޭނުންކުރަނީ ތެރަޕިއުޓިކް ގުޑް އެއް ގޮތުގަ. އޭގެ މާނައަކީ، އެއީ ފާމަސޫޓިކް ސްޓެންޑަޑް. ބިއުޓީ ޕްރޮޑަކްޓަކަށް ވުރެ ބޮޑަށް މެޑިކަލީ ޓެސްޓެޑް ސްކިން ކެއާ ޕްރޮޑަކްޓެއް މިއީ." ދީނާ ތަފްސީލު ކޮށްދިނެވެ.

މިއީ މުޅި ގަޔާއި މޫނުގައި ވެސް އުނގުޅަން ކަމުދާ ގޮތަށް، ހުރިހާ ވައްތަރެއްގެ ހަމަށް ބޭނުންކުރަން ރައްކާތެރި އުފެއްދުމެއް ކަމަށް ދީނާ ބުންނެވެ. ސަން ސްކްރީންގައި ބޭނުންކޮށްފައިވާ ފޯމިއުލާގެ ގޮތުން، ކުޑަކުދިން ބޭނުންކުރުމަށް ވެސް ރައްކާތެރި ޕްރޮޑަކްޓެއް ކަމަށް އޭނާ ބުންޏެވެ.


'މުލަ' އަލޮއެ ޖެލް އަކީ ގިނައިރު އަވީގައި އުޅުމުގެ ސަބަބުން ހަންގަނޑު އެނދުމުން ރައްކާތެރިކޮށްދޭ ޖެލް އެއްގެ ގޮތުގައި ބޭނުންކުރާ ޕްރޮޑަކްޓެކެވެ. ޖެލް އުފައްދާފައިވަނީ 95 ޕަސެންޓް އަލޮއެ ޖެލް ހިމަނައިގެން ކަމަށް ވެސް ދީނާ ބުންޏެވެ.

"ދެން އެންމެ ހާއްސަ ކަމަކީ، ސަސްސްކްރީން އަކީ ކޮރަލް ރީފް-ފްރެންޑްލީ ސަންސްކްރީން އެއް. އޭގެ މާނައަކީ، މި ސަން ކްރީމް އުނގުޅައިގެން މޫދަށް އެރުމުން މުަރަކަތަކަށް ގެއްލުންވާ މާއްދާ ހިމަނާފައި ނުވާނެ،" ދީނާ ބުންޏެވެ.

އޭނާ ބުނީ، މިހާރު ލީޑިން ސަންސްކްރީންގެ ގޮތުގައި ބޭނުންކުރާ ސަންބަމް ފަދަ ބްރޭންޑް ތަކާ ވާދަކުރާ ވަރުގެ ދިވެހި ބްރޭންޑެއް ތައާރަފްކުރުމުގެ ހިތްހަމަޖެހުން މިވަގުތަށް އެބަ އޮތް ކަމަށެވެ. އުންމީދަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެ، ދިވެހި ނަން އެ ދެ މީހުންގެ ޕްރޮޑަކްޓް މެދުވެރިކޮށް ގިނަ ބަޔަކަށް އެނގިގެން ދިއުން ކަމަށެވެ.