Advertisement

އެންޑީއޭގެ ނިޒާމް އިސްލާހުކުރަން ހުށަހެޅުންތަކާއެކު ނުރައްކަލުގެ އިންޒާރެއް

23 ނޮވެންބަރު 2021 - 17:33 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ޕެޓިޝަން ކޮމިޓީ: މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައްޔިތުން މަޖިލީސް


އެންޑީއޭގެ ނިޒާމް އިސްލާހުކުރަން ހުށަހެޅުންތަކާއެކު ނުރައްކަލުގެ އިންޒާރެއް

23 ނޮވެންބަރު 2021 - 17:33 0

ނެޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހިންގުމުގެ ނިޒާމް އިސްލާހުކުރަން އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ، ކޮވިޑަށް ވުރެ ނުރައްކާތެރި ބަލިމަޑުކަމަކަށް މަސްތުވާތަކެތީގެ ވަބާ ވެގެންދާނެ ކަމުގެ ނުރައްކާތެރި އިންޒާރާއެކު ރައްޔިިތުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ހުށަހެޅުންތަކެއް ދީފި އެވެ.

މި ހުށަހެޅުންތައް ދީފައި ވަނީ ހޭންޑްސް ޓުގެދާ ކިޔާ ޖަމިއްޔާއަކުން ހުށަހެޅި "ޗޭންޗް އެންޑީއޭ" ޕެޓީޝަނާއި ގުޅިގެން އެ ކޮމިޓީއިން 200 އަށް ވުރެ ގިނަ ގަޑިއިރު ހޭދަކޮށް ކުރި ދިރާސާގެ އަލީގައި އެކުލަވާލި ރިޕޯޓުގަ އެެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ޕެޓިޝަން ކޮމިޓީއިން ކުރި މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައި ހުރި ރީހެބިލިޓޭޝަން ސެންޓަރުތަކަށާއި ބައެއް ޖަލުތަކަށް ޒިޔާރަތްކޮށްފައި ވެއެވެ.

މި މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު ބައެއް މުހިންމު މައުލޫމާތު މީޑިޔާތަކާ ހިއްސާކުރުމަށް މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕެޓިޝަން ކޮމިޓީގެ މުގައްރިރު، އަދި މުލަކު ދާއިރާގެ މެމްބަރު، އިބްރާހިމް ނަސީރު ވިދާޅުވީ ރާއްޖޭގައި ދިރިއުޅެމުންދާ ކޮންމެ 100 މީހަކުން 57 މީހުންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއް ކަމަށެވެ.

އަދި ރާއްޖޭގެ އާބާދީގެ ތެރެއިން މުޅި ޖުމްލަ 16 ހާހަށް ވުރެ ގިނަ މީހުން މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ކަމަށާއި، ކުށްތަކުގައި ހައްޔަރު ކުރެވެނީވެސް އެފަދަ ކޮންމެވެސް މައްސަލައެއްގައި ކަމަށެވެ.

އަދި މި ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މި އަހަރަށްވެސް 95 މިލިއަން ބަޖެޓް ކުރެވި، ބޭނުން ކުރަމުން ދާއިރު، އެންޑީއޭގެ ނިޒާމް ދޯހަޅި ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މަސްތުވާތަކެތީގެ ވަބާ އިތުރަށް ފެތުރިގެން ދާކަން ފާހަގަވެފައިވާ ކަމަށް ނަސީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުގެ އަލީގައި ފާހަގަކުރެވުނު، ބައެއް ފަހަރު ހީވާ ކަހަލަ އެއްބަޔަކު އުޅެނީ މިކަން ހުއްޓުވާށޭ، އަނެއް ބަޔަކު މަސައްކަތް ކުރަނީ މިކަން އާލާ ކުރާށޭ،" ނަސީރު ވިދާޅުވި އެވެ.

ކޮމިޓީގެ ނައިބު މުގައްރިރު އަދި ތިނަދޫ އުތުރު ދާއިރާ މެމްބަރު އަބްދުﷲ މުޣުނީ ވިދާޅުވީ 3000 އަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު ހުށަހެޅުނު މި ޕެޓިޝަނަކީ އެ ކޮމިޓީއަށް މިހާތަނަށް ހުށަހެޅުނު އެންމެ ބޮޑު ޕެޓިޝަން ކަމަށެވެ.

އޭނާ ވަނީ މި ރިޕޯޓް އެކުލަވާލަން ކުރި ދިރާސާގެ ތެރެއިން ދަތުރު ކުރި ބައެއް ރަށްރަށުގެ ރީހެބިލިޓޭޝަން ސެންޓަރުތަކުން ފާހަގަވި ބައެއް ކަންކަން ހާމަކޮށްދެއްވައިފަ އެވެ.

"އެ ކުދިން އެތަން ބޭނުން ކުރަނީ ރަނގަޅަށް ނިދާލަން ތަނެއް ނުލިބުނީމަ، ނޫނީ ޑްރަގް ބޭނުންކޮށްފައި ވަރުބަލިވީމަ، ނޫނީ އެއަށް ސިކު ވީމަ ގޮސް އެތަނަށް ވަދެ ފަރުވާ ހޯދާފައި ބޭރަށް ނުކުމެވޭވަރު ވީމާ ނުކުމެފައި. ވަދެ ނުކުތުމަށް އެއްވެސް ކަހަލަ ހުރަހެއް ނޯންނަ ތަނެއްގެ ގޮތުގައި ފާހަގަވެގެން ދިޔަ،" މުޣުނީ ވިދާޅުވިއެވެ.

ދިރާސާއިން ހޯދުނު ބައެއް ކަންކަން

  • ޖެންޑާގެ ދަށުން ހެލްތު މިނިސްޓްރީއަށް އެންޑީއޭ ބަދަލުކުރުމަށްފަހު އެ އޮތޯރިޓީ ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ފަށާފައި ނުވުން.
  • ހިދުމަތް ދިނުމުގައި ބަޖެޓުގެ ދަތިކަން ހުރިކަމަށް ބުނި ނަމަވެސް އެކަށޭނެ ބަޖެޓެއް ލިބޭކަން.
  • ސެންޓަރުތަކަށް ކަނޑައަޅާ ޖުމްލަ ބަޖެޓް އެ ސެންޓަރުތަކަށް އަންގަމުން ނުދިއުން. އަދި ސެންޓަރުތަކުން އަހަރެއްގެ މައްޗަށް ރާވާ ޕްރޮގްރާމްތަކުގެ ތެރެއިން ބަޖެޓް ލިބެނީ އެއް ޕްރޮގްރާމަށް ކަން.
  • ފަރުވާއަށް ބޭނުންވާ ބޭސް ގަވާއިދުން ލިބެމުން ނުދާކަމާއި ބޭސްނުލިބި ދިގު މުއްދަތެއް ހޭދަވާތީ ސެންޓަރުތަކުން ބައެއް ފަހަރަށް އަމިއްލައަށް ބޭސް ގަންނަން ޖެހުން.
  • ސެންޓަރުތަކަށް ބޭނުންވާ ވަރަށް ކައުންސިލަރުން ނެތުން.
  • ގިނަ ސެންޓަރުތަކުގައި އެކަށީގެންވާ އަދަދަށް މުވައްޒަފުން ނެތުން.
  • އެންޑީއޭއިން ސެންޓަރުތައް މޮނީޓާކޮށް، ރަނގަޅަށް ބަލަހައްޓާފައި ނުވާކަން.

ކޮމިޓީގެ ހުށަހެޅުންތައް

  • ކޮންމެ ސެންޓަރެއް ހިންގުމަށް އެންޑީއޭގެ ފަރާތުން ސުޕްރިޑެންޓެއް ހަމަޖެއްސުން.
  • ބޭނުންވާ މިންވަރަށް މުވައްޒަފުންނާއި ވަސީލަތްތައް ފޯރުކޮށްދިނުން.
  • ދިވެހި ކައުންސިލަރުން ބިނާކުރުމަށް ތައުލީމީ އޮނިގަނޑުގެ ތެރެއިން ހާއްސަ އިސްކަމެއް ދިނުން.
  • ބަޖެޓު ބޭނުންވާ ކަންކަމަށް ބެޖެޓު ހަމަޖައްސައި ދިނުން.
  • ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒުގައި މެތެޑޯން ފަރުވާއާއި ޑިޓޮކްސް ފަރުވާގެ އިންތިޒާމް ހަމަޖެއްސުން.
  • އެންޑީއޭއާއި ޑްރަގް ކޯޓުގެ މަސައްކަތްތައް ލާމަރުކަޒު ކުރުން.
  • ފަރުވާ ލިބިގެން ނިކުންނަ ޒުވާނުންނަށް ކުރިއަށް ދާނެ ފުރުސަތުތައް ފަހިކޮށްދިނުން. އަދި ވަޒީފާގެ ފުރުސަތު ހަމަޖައްސައިދިނުމަށް އިސްކަން ދިނުން
  • އެންޑީއޭއިން މިދިޔަ ފަސް އަހަރު ކޮށްފައިވާ މަސައްކަތުގެ ޕާފޯމެންސް އަދި ފައިނެންޝަލް އޮޑިޓެއް ހެދުން
  • މާސްޓާ ޕޮލިސީއެއް ހަދާ، އުސޫލުތައް ހަރުދަނާކުރުން.

ގާނޫނާއި ގަވާއިދަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ކަންކަން


1. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ޑްރަގް ކޯޓަށް ހުށަހަޅާ މައްސަލަތަކާ ގާތްކުރާ ނިސްބަތަށް ނުވަތަ އޭގެ ދެބައިކުޅަ އެއްބަޔަށްވާ އަދަދަށް ފަރުވާގެ ނިޒާމު ފުރިހަމަވާތަން ނުފެންނަކަމުން، އެންޑީއޭގެ ފަރުވާގެ ނިޒާމުގައި ހުރި މައްސަލަތައް ބަލައި، އެކަމަށް ގެންނަންޖެހޭ އިސްލާހުތައް ކަމާގުޅޭ މިނިސްޓްރީން ގެނައުން. 2. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ޑްރަގް ކޯޓަށް ލަފާދިނުމަށްޓަކައި ފަންނީ ޓީމެއް ނުވަތަ ޓީމުތަކެއް، އެންޑީއޭއިން އެކުލަވާލާފައިނުވާތީ، އެ ޓީމް ނުވަތަ ޓީމްތައް ވީހާވެސް އަވަހަށް އެކުލަވާލުން؛ 3. ކުށުގެ ވެށިން ހައްޔަރުކުރެވޭ ފަރާތްތަކުގެ މުއްދަތު ޖެހުމުގެ އިހްތިސޯސް ކްރިމިނަލް ކޯޓުގައި ނެތްކަމަށް އެ ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމަވާފައިވުމުން، އެ ފަރާތްތަކުގެ މުއްދަތު ޖެހުމުގެ ކަންކަން ކުރިއަށްގޮސްފައި ނުވާތީ އެފަރާތްތައް ހައްޔަރުން ދޫކޮށްލަންޖެހިފައިވުމުން، ގާނޫނީ ގޮތުން މިކަމަށް އަވަސް ހައްލެއް އެޓާނީ ޖެނެރަލްގެ އޮފީހާއި އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެން ހޯދުން؛ 4. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގާ އޮޕަރޭޝަންތައް ހިންގުމަށް ދިމާވާ ހުރަސްތައް ފާހަގަކޮށް އެކަންކަމަށް ގާނޫނީ ހައްލު ހޯދައިދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއި އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެން މަސައްކަތްކުރުން؛ 5. މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ފާހަގަކުރާ ބަދަލުތައް ދިރާސާކޮށް، އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ވީހާވެސް އަވަހަށް އެޓާނީ ޖެނެރަލްގެ އޮފީހުން ގެނައުން.