Advertisement

100 އަށް ވުރެ ގިނަ ރާޅާއެޅުންތެރިން: ތާރީހީ ސާފިން މުބާރާތެއް

23 ނޮވެންބަރު 2021 - 10:18 0

ސާފިން ޕްރެކްޓިހުގެ ތެރެއިން ރާޅާއެޅުންތެރިއަކު ސާފްކުރަނީ.-- ފޮޓޯ: ޗެނަލްސާފް/ މޯލްޑިވްސް ސާފިން އެސޯސިއޭޝަން (ފޭސްބުކް)


100 އަށް ވުރެ ގިނަ ރާޅާއެޅުންތެރިން: ތާރީހީ ސާފިން މުބާރާތެއް

23 ނޮވެންބަރު 2021 - 10:18 0

ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ގައުމީ ސާފިން (ރާޅާއެޅުމުގެ) މުބާރާތް މިއަދު ފަށާފައިވާއިރު، މި ފަހަރުގެ މުބާރާތް ހުރިހާ ގޮތަކުން ވެސް ހާއްސަ އެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މި ފަހަރުގެ މުބާރާތުގައި ރެކޯޑް އަދަދަކަށް ސާފަރުން ބައިވެރިވާއިރު، އާ ކަންތައްތަކަކާ އެކު މި ފަހަރުގެ ސާފިން މުބާރާތް ތާރީހުން ޖާގަ ހޯދާނެ އެވެ.

ސީސްޕޯޓްސް ރަންނަމާރި ޗެލެންޖްގެ ނަމުގައި ބާއްވާ މި މުބާރާތުގައި މި ފަހަރު 14 ރަށަކަށް ނިސްބަތްވާ ޓީމުތަކަކުން ވާދަކުރާއިރު، އޭގެ ތެރޭގައި 25 ރަށަކަށް ނިސްބަތްވާ 102 ސާފަރުން ހިމެނެ އެވެ. މީގެ ތެރޭގައި ސާފިންގައި މަގުބޫލު ރަށްތަކުން ގިނަ އަދަދެއްގެ ރާޅާ އެޅުންތެރިން ބައިވެރިވެ އެވެ. އަދި ސަރުކާރުގެ ހަރަދުގައި ސާފިން ޑެކް ގާއިމްކުރި ރަށްރަށަށް ނިސްބަތްވާ ސާފަރުން ހިމެނެ އެވެ.

މި ފަހަރުގެ މުބާރާތުގެ ހާއްސަ ދެ ކަމެއް ފާހަގަކޮށްލެވެ އެވެ. އެއީ އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) ސެޓިފައިޑް، ރާއްޖެ އަށް ނިސްބަތްވާ ޖަޖުންގެ ޕެނަލަކުން މި ފަހަރުގެ މުބާރާތުގައި އިންސާފުކުރާނީ ޑިޖިޓަލް ސްކޯރިން ސިސްޓަމަކުންނެވެ. މިއީ މި ގޮތަށް ޑިޖިޓަލްކޮށް ޒަމާނީ ފެންވަރުގައި މާކްސް ގުނާ ފުރަތަމަ ފަހަރެވެ.

އަނެއްކޮޅުން މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ފަަހަރަށް އަންހެން އޯޕަން ކެޓަގަރީ ތައާރަފްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެމްއެސްއޭ އިން ސާފަރުންނާ އެކު ބޭއްވި އިވެންޓެއްގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް ސާފިން އެސޯސިއޭޝަން.


މުބާރާތް ފަށަން އެންމެ ފުރަތަމަ ތާވަލުކުރީ އިއްޔެ އެވެ. ސާފިން އެސޯސިއޭޝަނުން މުބާރާތް މިއަދަށް ފަސްކުރަން ނިންމީ ގިނަ އާ ފެތުންތެރިން ވާދަކުރާ މުބާރާތަކަށް ވެފައި ތައްޔާރުވާން ދޭ ވަގުތު އިތުރުކުރުމުގެ ބޭނުމުގަ އެވެ. އަދި ރަށުގެ ސާފިން ސްޕޮޓްތަކުގައި ރާޅާ އެޅުމަށް ފަހު މާލޭގައި މުބާރާތުގައި ވާދަކުރަން ޖެހޭއިރު، މާހައުލަށް ހޭނެއް ފުރުސަތު ފަހިވެފައި އޮންނަން ޖެހޭ ކަމަށް އެމްއެސްއޭ އިން ގަބޫލުކުރާތީ އެވެ.

މުބާރާތުގެ ގުރުއަތުލުން ކުރިއަށް ގޮސްފައިވަނީ އާދިއްތަ ދުވަހުގެރޭ ސޯޝަލް ސެންޓަރުގަ އެވެ.

މުބާރާތުގެ ޖޫނިއާ ބައިގައި މި ފަހަރު 26 ރާޅާއެޅުންތެރިން ބައިވެރިވެ އެވެ. މިއީ ކުރިން ވެސް ތަރުހީބު ބޮޑު ޑިވިޝަނެކެވެ. ފިރިހެނުންގެ ޝޯޓް ބޯޑް އޯޕަން ޑިވިޝަނުގައި މި ފަހަރު ވެސް ގިނަ ސާފަރުން ވާދަކުރާނެ އެެވެ. އެ ބައިގައި މި ފަހަރު 48 ސާފަރުން ހިމެނެ އެވެ.

ފުރަތަމަ ފަހަރަށް އަންހެން އޯޕަން ޑިވިޝަން ބާއްވާއިރު، އެ ބައިގައި ހިމެނެނީ ފަސް ސާފަރުންނެވެ. އެންމެ ފޯރިގަދަ އެއް ޑިވިޝަން ކަމަށްވާ މާސްޓާސް ޑިވިޝަނުގައި ހިމެނެނީ 21 ސާފަރުންނެވެ. މި ޑިވިޝަނުގައި ވާދަކުރާނީ ތަޖުރިބާގެ ގޮތުން ބަލާއިރު، އެންމެ ފުންނާބު އުސް ރާޅާ އެޅުންތެރިންނެވެ.

ރަށްރަށުގެ ފޯރި އާއި ތަރުހީބު ބޮޑު މުބާރާތެއް

މި ފަހަރުގެ މުބާރާތް ހާއްސަވާ އެންމެ ބޮޑު ސަބަބަކީ މީގެ ކުރިން ރަށްރަށުން ފެނިފައިނުވާ ފޯރި މި ފަހަރުގެ މުބާރާތަށް ގަދަވެފައި އޮތުމެވެ.

ރާއްޖޭގައި އެކި ސަރަހައްދުތަކުގައި މަގުބޫލު ސާފިން ސްޕޮޓްތައް ގިނައިރު، އެ ތަންތަނުގައި މުނިފޫހިފިލުވުމުގެ ގޮތުން ގިނަ ޒުވާނުން ރާޅާއަޅަ އެވެ. އެ ގޮތަށް ރާޅަށް ދާ ޒުވާނުން ފަހުން ސީރިއަސްވެ، މުބާރާތްތަކުގައި ވާދަކުރަން ޝައުގުވެރިކަން އުފެދެ އެވެ. ގައުމީ ސާފިން ޓީމުގައި މީގެ ކުރިން ހިމެނުނު ބައެއް ރާޅާ އެޅުންތެރިން އެ ފަދަ ވާހަކަތައް ހިއްސާކޮށްފައިވެ އެވެ. މި ފަހަރުގެ މުބާރާތުގައި އަލަށް ވާދަކޮށް ބޮޑެތި ކާމިޔާބީ އަށް އުއްމީދުކުރާ ޒުވާނުން އެބަތިއްބެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރަން ރަށްރަށުން ރާޅާއެޅުންތެރިން މާލެ އައިއިރު، އެ ރަށެއްގެ ގިނަ ބަޔަކު އެ ސާފަރުން ފުރުވަން ޖެޓީ ކައިރި އަށް ވެސް ގޮސްފައިވެ އެވެ. އަދި ބައެއް ރަށްރަށުގެ ކައުންސިލާއި އެ ރަށްރަށަށް ނިސްބަތްވާ ރަސްމީ އިދާރާތަކުގެ އިސް އޮފިޝަލުންނާއި އެ ރަށްތައް ހިމެނޭ ދާއިރާތަކުގެ މަޖިލީސް މެމްބަރުން ވަނީ ސާފަރުންނާ ބައްދަލުކޮށް ހިތްވަރު ދެއްވައިފަ އެވެ. އަދި ޔޫތު މިނިސްޓަަރު އަހުމަދު މަހުލޫފް ވެސް ވަނީ ބައެއް ރަށްރަށުގެ ސާފަރުންނާ ބައްދަލުކުރައްވައިފަ އެވެ.

މިނިސްޓަރު މަހުލޫފު ގދ. ވާދޫ ސާފަރުންނާ ބައްދަލުކުރުމަށް ފަހު ފޮޓޯ އަކަށް ހުއްޓިލައިގެން.


މި ފަހަރުގެ މުބާރާތުގައި ސާފަރުން ވާދަކުރާ ރަށްތަކަށް ބަލާއިރު، ހއ. ތުރާކުނު، ށ. މިލަންދޫ، ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި، ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ޅ. ނައިފަރު، ބ. އޭދަފުށި، ކ. ހިންމަފުށި، ކ.ގުޅި، އދ. އޮމަދޫ، ތ. ކަނޑޫދޫ، ލ، މާބައިދޫ ގދ. ގައްދޫ، ގދ. ވާދޫ، ރ. ރަސްމާދޫ، ނ. ކުޑަފަރި އަދި ކ. ގުރައިދޫ، މ. މުލަކު، މ. މުލި، ދ. ކުޑަހުވަދޫ، ފޭދޫ، ހިމެނެ އެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން އެއް ރަށަކަށް ނިސްބަތްވާ އެއް ސާފަރަށް ވުރެ ގިނައިން ވާދަކުރާނަމަ ރާޅާއެޅުންތެރިން ގުނާނީ ޓީމެއްގެ ގޮތުގަ އެވެ.

މި ފަހަރުގެ މުބާރާތުގައި މާލެ ފިޔަވައި އެންމެ ގިނަ އެތުލީޓުން ހިމެނެނީ ގދ. ގައްދޫ އިންނެވެ. ގައްދޫ އަކީ ސާފިންގައި މަގުބޫލު ރަށެކެވެ. ގިނަ ޒުވާނުން ސާފްކުރަން ޝައުގުވެެރިވާ އެ ރަށުން މި ފަަހަރުގެ ގައުމީ މުބާރާތަށް 10 ރާޅާ އެޅުންތެރިން ވަނީ އައިސްފަ އެވެ. ގައުމީ ސްކޮޑުގައި ހިމެނޭ ކާމިޔާބު ރާޅާއެޅުންތެރިޔާ އިސްމާއިލް ރަޝީދު (ސްމައިލީ) ނިސްބަތްވަނީ ވެސް ގައްދު އަށެވެ.

އެންމެ ގިނަ ސާފަރުން އެއް ސަރަަހައްދަކުން ވާދަކުރާނީ މާލެ އިންނެވެ. މާލެ ސިޓީ އަށް ނިސްބަތްވާ 44 ސާފަރުން މި ފަހަރުގެ މުބާރާތުގައި ވާދަކުރާނެ އެވެ. މި ފަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ މި މަހު 30 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ރާޅުގަނޑު ސަރަހައްދުގަ އެވެ.