Advertisement

އަޅުގަނޑުގެ އެކަނި ނިންމުމެއް ނަމަ ހިޔާ ފްލެޓްތައް ތަޅާލާނަން: އަސްލަމް

23 ނޮވެންބަރު 2021 - 10:18 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


އަޅުގަނޑުގެ އެކަނި ނިންމުމެއް ނަމަ ހިޔާ ފްލެޓްތައް ތަޅާލާނަން: އަސްލަމް

23 ނޮވެންބަރު 2021 - 10:18 0

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ ފްލެޓުތަކުގައި މަދުމަދުން މީހުން ދިރިއުޅެން ފަށާފައިވާއިރު، އެ ސަރަހައްދުގައި ކުށްކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތައް މިހާރުވެސް ވަނީ އިތުރުވާން ފަށައިފަ އެވެ.

މިގޮތުން، ވައްކަމާއި ފޭރުމުގެ އިތުރުން ޓަވަރުތަކުގެ ސިޑި ގޮޅިތައް މަސްތުވާތަކެތި ބޭނުންކުރާ ހާއްޔަކަށް ވެފައިވާކަމުގެ ޝަކުވާ ވެސް ބޮޑެވެ.

އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ނުކުޅެދިފައިވާ ކަމުގެ ތުހުމަތު ފުލުހުންނަށް އަމާޒުވަމުންދާއިރު، ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ 35،000 އަށް ވުރެ ގިނަ މީހުން އެއް ސަރަހައްދަކަށް ޖަމާކުރަން ކުރީ ސަރުކާރުން އުފަންކުރި ޕްލޭން ވެސް ގޯސް ކަމަށެވެ.

"25 ބުރީގެ އިމާރާތްތަކެއް ޖެހިޖެހިގެން އަޅަން ފުރަތަމަ އެޅި އެޅުން އެއީ ހަމަ ގޯސް ޕްލޭނިން. އައްޑޫގެ އާބާދީއަށްވުރެ ބޮޑު އާބާދީއެއް ކުޑަކުޑަ ތަންކޮޅަކަށް ޖަމާކޮށްފަ ބާއްވަން އެ ޕްލޭންކުރުން އެއީ ފުރަތަމަ ގޯސް ނިންމުމެއް،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެފަދަ ގޯސް ނިންމުމެއްގެ މަތީގައި މި ސަރުކާރު އައި އިރު އޮތީ މަސައްކަތް ހުއްޓާނުލެވޭ ހިސާބަށް މަޝްރޫއު ކުރިއަށް ގެންގޮސްފައި ކަމަށެވެ.

"ވިސްނިން ތަޅާލަން ވެސް. އަޅުގަނޑު އަމިއްލައަށް ނިންމޭ ނިންމުމެއް ނަމަ ތަޅާލީމުސް. އޭރު ވެސް ދެންނެވިން މި ހަދަނީ ކޮތަރު ކޮއްޓެކޭ،" އޭނާ ވިދާޅުވި އެވެ.

"ކޮތަރު ކޮއްޓެއް"ގެ ގޮތުގައި ސިފަ ކުރުމުން ފާޑުކިޔުންތައް އަމާޒުވި ކަމަށާއި، އެހެން ކަމުން އެ ފްލެޓުތައް މިހާރު ހަވާލުކޮށްފައި ވީނަމަވެސް، އޭރު ވެސް އަންދާޒާކުރެވުނު މައްސަލަތައް މިހާރު ވެސް ފެންމަތިވަމުން އަންނަ ކަން އަސްލަމް ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރު އަސްލަމް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފޮޓޯ: މަޖިލިސް


އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ގޯސް ނިންމުމެއްގެ މައްޗަށް ބިނާވެފައިވާ ހިޔާ ފްލެޓުތަކާ ގުޅޭގޮތުން ދެން ހެދޭނެ އިތުރު ގޮތެއް ނެތް ކަމަށާއި، ހަމައެކަނި ކުރެވޭނެ ކަމަކީ އެތަން ބެލެހެއްޓުމެވެ.

އަސްލަމްގެ ކަންބޮޑުވުމާ ގުޅުވައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ އެހާ ގިނަ އަދަދެއްގެ މީހުން ކުޑަކުޑަ ސަރަހައްދެއްގައި ދިރިއުޅޭއިރު އެތަނުގެ އަމަން ބަލަހައްޓަން ދަތިވާނެ ކަމަށެވެ.

"އެތަނުގެ އަމަން ބެލެހެއްޓުމަށް އައްޑޫ އަތޮޅުގަ ތިބިހާ ފުލުހުން އެ ފްލެޓުތަކުގެ ތެރޭގައި އެބައުޅެންޖެހޭ ކަމަށް އެބަ ފާހަގަވޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން އެތަން ޑިޒައިން ކުރިއިރު ވެސް އެތަން ބެލެހެއްޓުމަށް މާބޮޑު ވިސްނުމެއް ގެންގުޅެފައިނުވާއިރު، އެކަން އިންތިޒާމުކުރުމަކީ އެއްވެސް ސަރުކާރަކަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ.