Advertisement

ދުނިޔޭގެ ފެޑެރޭޝަނުގެ ބީޗްވޮލީ ޓުއާގެ މުބާރާތެއް އަންނަ އަހަރު ރާއްޖޭގައި

23 ނޮވެންބަރު 2021 - 08:12 0

ދާދި ފަހުން ކުރިއަށް ދިޔަ ގައުމީ ބީޗްވޮލީބޯޅަ މުބާރާތުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ދުނިޔޭގެ ފެޑެރޭޝަނުގެ ބީޗްވޮލީ ޓުއާގެ މުބާރާތެއް އަންނަ އަހަރު ރާއްޖޭގައި

23 ނޮވެންބަރު 2021 - 08:12 0

ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަންގެ އެފްއައިވީބީ ބީޗްވޮލީ ޓުއާގެ މުބާރާތެއް އަންނަ އަހަރު ރާއްޖޭގައި ކުރިއަށް ގެންދަން ޝެޑިއުލްކޮށްފި އެވެ.

މިއީ ދާދި ފަހުން އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާކުރެވުނު ކަމެކެވެ. މިހާރު އޮތްގޮތުން ރާއްޖޭގައި ބޭއްވޭ ބީޗްވޮލީ ޓުއާގެ މެޗުތައް ކުރިއަށްދާނީ އަންނަ އަހަރުގެ އޮކްޓޫބަރު 13-16 އަށެވެ. މިއީ ދުނިޔޭގެ ފެޑެރޭޝަނުން ބާއްވާ މި ފަދަ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރާ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ރާއްޖޭގައި ވަނީ 2015 ވަނަ އަހަރު އޭވީސީ ބީޗްވޮލީ މުބާރާތުގެ މެޗުތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ގްރާސާ ރާއްޖެ އަށް ކުރެއްވި ދަތުރުގައި ވީއޭއެމާ މަޝްވަރާ ކުރެވުނީ ބީޗް ވޮލީބޯލް ޓުއާގެ ތިން ބައިގެ ތެރެއިން ޗެލެންޖާސްގެ ބައި ރާއްޖޭގައި ހޯސްޓް ކުރާށެވެ. ބީޗް ވޮލީބޯޅައިގައި ކުރިއަށްދަނީ ފިއުޗާ، ޗެލެންޖާސް އަދި އެލީޓް 16 އެވެ.

މީގެ ތެރެއިން ރާއްޖޭގައި ބާއްވާނީ ޗެލެންޖާސްގެ ބަޔެެވެ. އެ ބައި ކުރިއަށް ގެންދާއިރު، ވައިލްޑްކާޑް އެންޓްރީއެއްގައި ރާއްޖޭގެ ކުޅުންތެރިންނަށް ވެސް ފުރުސަތު ލިބޭނެ ކަމަށް ވީއޭއެމުން އޭރު "އަދަދު" އަށް މައުލޫމާތު ދީފައިވެ އެވެ.

"ވައިލްޑްކާޑްގެ ގޮތުގައި ރާއްޖޭގެ ކުޅުންތެރިން ޗެލެންޖާސްގެ ތެރޭގައި ވާދަކޮށް އެލީޓް 16 އަށް ގޮސްފިކަމުގައި ވާނަމަ އެ ފުރުސަތު ލިބެނީ ދުނިޔޭގެ އެންމެ ޓޮޕްގައި ވާދަކޮށްލަން. މިއީ ހަގީގަތުގައި ދިވެހި ކުޅުންތެރިންނަށް ލިބޭ ބޮޑު ފުރުސަތެއް. އައިއޯއައިޖީ އާއި ސެންޓްރަލް ޒޯން މުބާރާތްތަކުގައި މީގެ ބޭނުން ހިފޭނެ،" ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވި އެވެ.

ވީއޭއެމުން ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން ގްރާސާ ވިދާޅުވީ ދުނިޔޭގެ ބީޗްވޮލީބޯޅައިގެ މުހިއްމު މަންޒިލަކަށް ރާއްޖެ ހެދޭނެ ކަމަށާއި އެއީ ރާއްޖެ އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ސިޓީއެއް ކަމަށްވާތީ އެވެ.

ގްރާސާ ވަނީ އިންޓަނޭޝަނަލް މުބާރާތްތައް ހޯސްޓްކުރަން ރާއްޖޭގައި ވޮލީބޯޅައިގެ ރަނގަޅު ފެސިލީޓީސް ގާއިމްވެފައި ހުރުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އެފްއައިވީބީ ބީޗް ޕްރޯ ޓުއާގެ ކަލަންޑަރު.


އެފްއައިވީބީން ބީޗް ޓުއާ ކުރިއަށް ގެންދަން އިއްޔެ ކަލަންޑަރުގައި ހިމަނާފައިވަނީ ޗެލެންޖާސް ބަޔާއި އެލީޓް ބައި ވަކިންނެވެ.

ޗެލެންޖާސް ބައި ރާއްޖޭގެ އިތުރުން ދެން ހޯސްޓްކުރާނީ މެކްސިކޯގެ ދެ ސިޓީއެއް ގަޔާއި ބްރެޒިލްގެ އިޓަޕެމާ، މިސްރުގެ ރެޑް ސީ، ޗައިނާގެ ނަންޖިން އާއި އަދި އެއް ސަރަހައްދުގެ އިތުރުން އޮސްޓްރޭލިއާ ސިޓީއެއްގަ އެވެ.

އެލީޓް 16 ކުރިއަށް ގެންދާނީ މެކްސިކޯގެ އެއް ސިޓީ އަކާއި ބްރެޒިލްގެ ރިއޯ ޑި ޖަނެއިރޯ، ދެކުނު އެފްރިކާގެ ކޭޕް ޓައުން، ޗެކް ރިޕަބްލިކްގެ އޮސްޓްރާވާ، ލެޓްވިއާގެ ޔުރްމާލާ، ސްވިޒަލެންޑްގެ ގްސްޓާޑް، ޖަރުމަނުގެ ހެމްބާގް، ފްރާންސް، އަދި އޮސްޓްރޭލިއާގެ ސިޑްނީގަ އެވެ.

މީގެ އިތުރުން ވެސް ބީޗްވޮލީ ޓުއާގެ މެޗުތައް އެހެން ސިޓީތަަކުގައި ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށް އެފްއައިވީބީން ބުނެފައިވެ އެވެ. އަންނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް އޮންނާނީ އިޓަލީގެ ރޯމްގަ އެވެ.