Advertisement

އެޑެލްގެ '30' ޗާޓްތަކުގެ ކުރީގައި

24 ނޮވެންބަރު 2021 - 07:08 0


އެޑެލްގެ '30' ޗާޓްތަކުގެ ކުރީގައި

24 ނޮވެންބަރު 2021 - 07:08 0

ހަ އަހަރަށް ފަހު ލަވަކިޔުންތެރިޔާ އެޑެލް ނެރުނު އަލްބަމް '30' ޗާޓުތަކުގައި ބޮޑު ކާމިޔާބެއް ހޯދައިފި އެވެ. ހުކުރު ދުވަހު ނެރުނު މި އަލްބަމަކީ އެޑެލް ނެރުނު ހަތަރު ވަނަ އަލްބަމެވެ.

އުމުރުން 33 އަހަރުގެ އެޑެލްގެ މި އަލްބަމް މިހާރުވެސް އޮތީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު ތިން ޗާޓުގެ އެންމެ ކުރިއަށް ޖެހިލާފަ އެވެ. އަލްބަމްގެ އެންމެ ކާމިޔާބު އެއް ލަވަ ކަމުގައިވާ "އީޒީ އޮން މީ" އިނގިރޭސިވިލާތުގެ އޮފިޝަލް ޗާޓުގެ އެއްވަނައިގައި އޮންނަތާ މިއީ ހަވަނަ ހަފްތާ އެވެ. މި ޗާޓުގެ ދެވަނަ އަދި ތިންވަނައިގައިވެސް އޮތީ އެޑެލްގެ "އޯ މައި ގޯޑް" އާއި "މައި ލިޓިލް ލަވް" އެވެ.

"އީޒީ އޮން މީ" މި މަގާމުގައި ހިފަހައްޓާލައިފިނަމަ އެ ލަވަ ވެގެންދާނީ މި ޗާޓުގައި އެންމެ ކުރީގައި އެންމެ ގިނަ ދުވަސްވަންދެން ދެމިއޮތް އެޑެލްގެ ލަވައަށެވެ. މިއީ "ސަމް ވަން ލައިކް ޔޫ" އަށް ލިބުނު ކާމިޔާބީއަށްވުރެ ވެސް ބޮޑު ކާމިޔާބީ އެކެވެ. ހަމައެޔާއެކު އެޑް ޝީރަންގެ "ޝިވާސް"އާ ވާދަކޮށް ސްޕޮޓިފައިގެ "ހޮޓަސްޓް 50" ގެ އެއްވަނައިގައި އޮތީ އެޑެލްގެ "30" އަލްބަމްގެ "އޯ މައި ގޯޑް" ލަަވަ އެވެ. އަދި ފަސްވަނައިގައި އޮތީ "އީޒީ އޮން މީ" އެވެ.

މިއީ އެޑެލްގެ ކެރިއާގައިވެސް އޭނާ ނެރުނު އެންމެ ކާމިޔާބު އަލްބަމް ކަމަށް ގިނަ ކްރިޓިކްސްއިން ވަނީ ބުނެފަ އެވެ. މި އަލްބަމް އެޑެލް ހާއްސަކުރަނީ އޭނާގެ ނުވަ އަހަރުގެ ދަރިފުޅު އެންޖެލޯ އަށެވެ. އަލްބަމްގައި ހިމެނޭ އެންމެ ހާއްސަ އެއް ލަވައަކީ އެންޖެލޯގެ އަޑުވެސް އިވިގެންދާ "މައި ލިޓިލް ލަވް" އެވެ.

ޖޭޒް އަދި ސޯލްފުލް މޫޑްއެއްގެ މި ލަވައިގައި އެންޖެލޯ އާއި އެޑެލް އާއި ދެމެދު ދެކެވޭ ވާހަކަތަކެއް އިވިގެންދެ އެވެ. އޭނާގެ ވަރީގެ ވާހަކަތަކާއި އެކަމުގެ ސަބަބުން ކުރެވުނު ހިތްދަތި އިހުސާސްތަކުގެ އިތުރަށް ވަރީގެ ސަބަބުން ދަރިފުޅަށް ކުރި އަސަރާމެދު ކުރި ހިތާމަ ވެސް އެޑެލް ވަނީ ކިޔައިދީފަ އެވެ.

އެޑެލްގެ އެދުމަކަށް ސްޕޮޓިފައިގެ ޝަފަލް ބަޓަންވެސް ނަގައިފި

އަލްބަމް ނެރުމަށްފަހު އެޑެލް ވަނީ ސްޕޮޓިފައިގެ ކިބައިން އެ ޕްލެޓްފޯމުގެ ޝަފަލް ބަޓަން އޮފް ކުރުމަށް އެދިފަ އެވެ. އޭނާ ބުނެފައިވަނީ ކޮންމެ އާޓިސްޓެއްވެސް އަލްބަމެއް ނެރެ, ލަވަތައް ވަކި ތަރުތީބަކުން އަތުރަނީ ވަރަށް ބޮޑަށް ވިސްނުމަށްފަހުގައި ކަމަށެވެ.

މި ޓްވީޓަށް އިޖާބަދީ ސްޕޮޓިފައި އިން ވަނީ ޝަފަލް ބަޓަން އޮފްކޮށްފަ އެވެ. މިހާރު ސްޕޮޓިފައިގެ އަލްބަމްތައް އަޑުއެހޭނީ އާޓިސްޓުން ތަރުތީބުކޮށްފައި އޮންނަ ގޮތަށެވެ. ނަމަވެސް ވަކި އެހުންތެރިއަކު ބޭނުންވުމުން މި ފީޗާ އޮން ކޮށްލެވޭނެ އެވެ.