Advertisement

ގަރާޖު ސިޓީ އުވާލައިގެން ގެއްލުންވާނެތީ ބިލު މަޖިލީހުން ބޭރުކޮށްލައިފި

22 ނޮވެންބަރު 2021 - 14:05 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މާލޭގެ އެންމެ ކާރޫބާރު ބޮޑު މަޖީދީ މަގުގައި ޓްރެފިކް ޖެހިފައި. -ފައިލް ފޮޓޯ: އަދަދު


ގަރާޖު ސިޓީ އުވާލައިގެން ގެއްލުންވާނެތީ ބިލު މަޖިލީހުން ބޭރުކޮށްލައިފި

22 ނޮވެންބަރު 2021 - 14:05 0

ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭއިރު، އަމިއްލަ ގަރާޖެއްގައި އުޅަނދު ބާއްވަން ލާޒިމުނުވާ ގޮތަށް ގާނޫނު އިސްލާހުކޮށްފިނަމަ، މި ވަގުތަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެތީ، އެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުވާ ގޮތަށް ހެދުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

އެ އިސްލާހުގެ މަގުސަދަކީ ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން އެކަމުގެ ނާޖާއިޒު ފައިދާ ނަގައި ގަރާޖު ފީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުންދާ މައްސަލަ ހައްލު ކުރުން ކަމަށް ބުނެފައިވެ އެވެ.

އެ ބިލު ދިރާސާ ކުރިއިރު މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ކަމާގުޅޭ އިދާރާތަކުގެ ލަފަޔާ އެކު ފުރަތަމަ ނިންމާފައި ވަނީ އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދެއް ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ލާޒިމްނުވާ ގޮތަށެވެ.

ނަމަވެސް، އެ ރިޕޯޓުގެ ބަހުސްގެ ތެރެއިން ހާއްސަކޮށް މާލެއަށް ނިސްބަތްވާ އެމްޑީޕީގެ އިސް މެމްބަރުން ވަނީ އެކަމާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ.

އެއާއެކު އެ ބިލު އިތުރަށް ދިރާސާކުރަން މިދިޔަ އޭޕްރީލް މަހު ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވައިފަ އެވެ.

އެ ބިލު ދެވަނަ ފަހަރަށް ދިރާސާކުރިއިރު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެ ބިލާ ދެކޮޅު ހައްދަވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގަރާޖު ސިޓީ އުވާލައިފިނަމަ، މާލެއަށް އެތެރެކުރާ އުޅަނދުތަކުގެ އިތުރުން މިހާރު ބޭނުންކުރާ އުޅަނދުތައް މަގުތަކުގައި ގިނަވެ، މަގުތައް އިތުރަށް ތޮއްޖެހޭނެ އެވެ.

އަދި ޕާކް ކުރާނެ ހާއްސަ ޖާގަތަކެއް ގާއިމުކުރެވެންދެން ގަރާޖު ސިޓީ އުވާނުލާން ސިޓީ ކައުންސިލުން އެދުނެވެ.

އެ ކަންބޮޑުވުންތަކަށް ރިއާއަތްކޮށް، ކޮމިޓީން ނިންމީ މިވަގުތަށް ގަރާޖު ސިޓީ އުވާލަން ނުފެންނަ ކަމަށެވެ.

މިގޮތުން، އެ ބިލު ފާސްކުރުމާމެދު މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި އެ ބިލު ފާސްކުރަން ނުފެންނަކަމަށް މެމްބަރުންގެ އިއްތިފާގުން ވޯޓު ދެއްވިއިރު، އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން ވެސް ފާހެއް ނުވި އެވެ.

އެއާއެކު، މަޖިލީހުގެ ރިޔާސަތުން ވަނީ އެ ބިލު ބާތިލުވެއްޖެކަމަށް އިއުލާނުކޮށްފަ އެވެ.