Advertisement

2.5 ބިލިއަން ރުފިޔާ ބޮންޑަކަށް ބަދަލުކުރެވޭ ގޮތަށް އޯވާޑްރާފްޓްގެ މުއްދަތު އިތުރުކޮށްދީފި

23 ނޮވެންބަރު 2021 - 13:54 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހުށަހަޅައި ދެއްވަނީ. -ފޮޓޯ: މަޖިލިސް


2.5 ބިލިއަން ރުފިޔާ ބޮންޑަކަށް ބަދަލުކުރެވޭ ގޮތަށް އޯވާޑްރާފްޓްގެ މުއްދަތު އިތުރުކޮށްދީފި

23 ނޮވެންބަރު 2021 - 13:54 0

ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކުން ދަރަނި ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ދީފައިވާ ހުއްދަ އަންނަ އަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓުން އޯވާޑްރޯ ކުރެވޭ މުއްދަތު ދަންމާލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭނެ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ފާއިތުވި އަހަރުތަކުގެ އާމްދަނީއަށް ބަލާއިރު ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ އެވެ.

އެ ގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގެ އެ މާއްދާގައި ބުނެ އެވެ. ނަމަވެސް، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން އެދުނީ އޭގެ ކުރީ ތިން އަހަރުގެ ދައުލަތު އާމްދަނީގެ 20 ޕަސަންޓަށްވާ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓު މަތިކޮށް ދިނުމަށެވެ.

އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށް ވެސް އެދުނެވެ.

އެއާއެކު ސަރުކާރުގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުން އޭރު އެ ހުއްދަ ދީފައިވަނީ ފިނޭންސުން އެދުނު ގޮތަށެވެ. އެ ހުއްދަ އިތުރުކޮށްދޭން ފިނޭންސް މިއަހަރު ވެސް އެދުމުން، މަޖިލީހުން އެކަން ކޮށްދީފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވެސް ކަންބޮޑުވުންފާޅުކުރައްވާފައި ވަނިކޮށެވެ.

އެ ހުއްދަ ތިން ވަނަ އަހަރަށް އިތުރުކޮށް ދިނުމަށް އެދި، ފިނޭންސް މިނިސްޓަރު ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ބުނީ، އޯޑީގެ ސަބަބުން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި ހިދުމަތްތަކަށް ބުރޫ ނާރާ ދައުލަތް ހިންގުމުގެ ފުރުސަތު ލިބުނު ކަމަށެވެ.

"މީގެ އިތުރުން، އިގްތިސޯދީ ގޮތުން ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު ވިޔަފާރިތަކަށާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށާއި ކޮވިޑާ ގުޅިގެން ކުރަން ޖެހުނު ސިއްހީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ހަރަދުތައް ހަމަޖައްސަން ފުރުސަތު ލިބުނު،" ސިޓީގައި ބުންޏެވެ.

ނަމަވެސް، އިގްތިސޯދީ ގޮންޖެހުންތައް އަދިވެސް ދެމި އޮތުމުން ކުރު މުއްދަތެއްގައި ޕަބްލިކް ބޭންކު އެކައުންޓް އޯވާޑްރޯ ކުރި އަދަދު ދެއްކުމަކީ ކޭޝްޕްލޯ މެނޭޖުކޮށް، ބަޖެޓު ތަންފީޒު ކުރުމަށް ދަތިތައް ކުރިމަތިވެދާނެ ކަމެއްގެ އިތުރުން ފައިނޭންސް ހޯދަން ވެސް އެކަމުން ދަތިތަކެއް ކުރިމަތިވާނެ ކަމަށް ސިޓީގައިވެ އެވެ.

އެހެންކަމުން، އެ އިސްތިސްނާގެ މުއްދަތު 2023 ވަނަ އަހަރު އޭޕްރީލް މަހާ ހަމައަށް އިތުރުކޮށް ދިނުމަށް އެ ސިޓީގައި އެދިފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ ހުއްދައިގެ ދަށުން މިހާތަނަށް 2.8 ބިލިއަން ރުފިޔާ އޯވާޑްރޯކޮށްފައިވާއިރު، އެ އަދަދު މި އަހަރު ނިމޭއިރު ހަތަރު ބިލިއަން ރުފިޔާއަށް އަރާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

އޯވާޑްރޯ ކޮށްފައިވާ އަދަދު އަނބުރާ ނުދެއްކޭނެތީ، މިނިސްޓްރީން ހުށަހަޅާފައިވަނީ އެ ހަތަރު ބިލިއަން ރުފިޔާ އެމްއެމްއޭއިން ދޫކުރާ އެމޯޓައިޒޭޝަން ބޮންޑަކަށް ބަދަލުކުރުމަށެވެ.

އެގޮތުން، 50 އަހަރަށް ދޫކުރެވޭ ބޮންޑުގެ ކޫޕަން ރޭޓަކަށް މިނިސްޓްރީން ހުށަހަޅާފައިވަނީ 2.5 ޕަސަންޓެވެ.

މާލިއްޔަތު ކޮމިޓީން ބަދަލު ގެނައި

އޯވާޑްރާފްޓް މުއްދަތު އިތުރުކުރުމުގެ މައްސަލައިގައި މަރުކަޒީ ބޭންކު އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލުގެ އިތުރުން ފިނޭންސް މިނިސްޓަރު ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުމަށް ފަހު މާލިއްޔަތު ކޮމިޓީން ފާސްކުރީ، ފިނޭންސުގެ ހުށަހެޅުމަށް ބައެއް ބަދަލުތައް ގެނެސްފަ އެވެ.

އޭގެ ތެރޭގައި ފިނޭންސުން ހުށަހެޅި 3.5 ބިލިއަން ރުފިޔާގެ އަދަދު ކުޑަކުރުމާއި އިސްތިސްނާ ދަންމާލާ މުއްދަތު އޭޕްރީލް 26، 2023 ގެ ބަދަލުގައި އެ އަހަރުގެ ޑިސެމްބަރު، 31 އަށް ބަދަލުކުރުން ހިމެނެ އެވެ.

ކޮމިޓީން ފާސްކުރި ގޮތް

  • ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ބައެއް މާއްދާތަކަށް އަމަލުކުރުން ފަސްކުރާ އިސްތިސްނާ މުއްދަތު ޑިސެމްބަރު 31، 2023 އާ ހަމައަށް އިތުރުކުރުން.
  • މި އަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކު އެކައުންޓުން އޯވާޑްރޯ ކުރެވިފައި ހުރި މިންވަރު ސެކިއުރިޓައިޒްކޮށް އެމްއެމްއޭ އިން ސަރުކާރަށް ދޫކުރާ 50 އަހަރުގެ އެމޯޓައިޒްޑް ބޮންޑަކަށް ބަދަލުކުރުން. ބޮންޑުގެ ކޫޕަން ރޭޓަކީ 2.5 ޕަސެންޓް.
  • އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޕަބްލިކް ބޭންކް އެކައުންޓުން އޯވާޑްރޯ ކޮށްފައި ހުންނަ އަދަދުން ކޮންމެ ދުވަހަކު އަހަރަކަށް 0.1 ޕަސެންޓު އިންޓްރެސްޓް ރޭޓު ނެގުން.

ނަމަވެސް، އެ ރިޕޯޓުގައި މަރުކަޒީ ބޭންކުގެ މައްޗަށް ވަކި ގޮތަކަށް އަމަލުކުރަން އަންގައި، އެކަން މަޖިލީހުން ފާސްނުކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާ ފައްޓަވަމުން ވަނީ ފާހަގަކުރައްވައިފަ އެވެ.

އެއާއެކު އެ ރިޕޯޓަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވަނީ ދެ އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

މިގޮތުން، މި އަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކު އެކައުންޓުން އޯވާޑްރޯ ކުރެވިފައި ހުރި މިންވަރުގެ ތެރެއިން 2.5 ބިލިއަން ރުފިޔާ 50 އަހަރުގެ އެމޯޓައިޒޭޝަން ބޮންޑަކަށް 2.5 ޕަސަންޓުގެ ކޫޕަން ރޭޓުގައި ބަދަލުކުރަން މަޖިލީހުން ލަފާދޭ ކަމަށް އެ އިސްލާހުގައިވެ އެވެ.

މީގެ އިތުރުން، އޯވާޑްރޯ ކުރެވޭ ލިމިޓެއް ކަމަށް 2.5 ބިލިއަން ރުފިޔާ ކުރިން ކަނޑައަޅާފައި އޮތުން ވެސް ނާޝިޒު ހުށަހެޅުއްވި އިސްލާހުގައި ވަނީ ބަދަލުކޮށްފަ އެވެ.

އެ އިސްލާހުގައި މިހާރު ބުނެފައިވަނީ، އެ މުއްދަތުގެ ނިޔަލަށް އޯވާޑްރޯ ކުރެވިފައި ހުރި މިންވަރުގެ ތެރެއިން 2.5 ބިލިއަން ރުފިޔާ އެމޯޓައިޒޭޝަން ބޮންޑަކަށް ބަދަލުކޮށް އޯވާޑްރޯ ކޮށްފައި ހުންނަ އަދަދުން ކޮންމެ ދުވަހަކު އަހަރަކަށް 0.1 ޕަސެންޓު އިންޓްރެސްޓް ރޭޓު ނަގަން ލަފާދޭ ކަމަށެވެ.

އެއާއެކު ނާޝިޒު ހުށަހެޅުއްވި އިސްލާހުތަކާއެކު އޯވާޑްރާފްޓްގެ މުއްދަތު އިތުރުކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުން އަގުލަބިއްޔަތުންނެވެ.

އެ ކަމާ ދެކޮޅަށް ވޯޓު ދެއްވި ދެ މެމްބަރުން ތިއްބެވި އެވެ.