Advertisement

އިންޑިއާ ބޯޓުތަކަށް ނާދެވި ބާޒާރުގައި މުދަލުގެ ތާށިކަން

22 ނޮވެންބަރު 2021 - 12:47 0

އަމަން ހަލީމް

އަމަން ހަލީމް

ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ހުރި މޭވާތަކެއް: މި ވަގުތު ބާޒާރުގައި ލިބެން އެންމެ ދަތި މޭވާއަކީ ކަރާ. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު


އިންޑިއާ ބޯޓުތަކަށް ނާދެވި ބާޒާރުގައި މުދަލުގެ ތާށިކަން

22 ނޮވެންބަރު 2021 - 12:47 0

ދެކުނު އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު މުދާ އުފުލާ ބޯޓުތަކުގެ ދަތުރުތަކަށް ބުރޫއަރާ، އެ ގައުމުން އެތެރެކުރާ މޭވާ އާއި ތަރުކާރީގެ އިތުރުން ބިހުގެ އަގު ބާޒާރުގައި އުފުލިއްޖެ އެވެ.

މި ވަގުތު ބާޒާރުން ލިބުން ދަތި މުދަލުގެ ތެރޭގައި ބިހާއި އަލުއްވާއި ފިޔާގެ އިތުރުން ކެބެޖާއި ކަރާ ހިމެނެ އެވެ. މި ބާވަތްތައް ގެންނަން މުޅިންހެން ބަރޯސާވަނީ އިންޑިއާއަށެވެ. އެހެންކަމުން މި ދޭތެރޭގައި ދަތުރުކުރާ ބޯޓުތަކަށް ނާދެވި ގިނަ ދުވަސްވުމާ އެކު، މި މުދަލުގެ ސްޓޮކް ވަނީ ހުސްވާން ކައިރިވެފަ އެވެ.

މުދާ ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން "އަދަދު"އާ ވާހަކަދެއްކި ހޯލްސޭލަރަކު ބުނި ގޮތުގައި މިވަރަށް ސްޓޮކް ދަށްވީ ނިމުނު ހަފުތާގައި އަންނަން ހުރި ގިނަ ބޯޓުތަކަށް ނާދެވިގެން ކަމަށެވެ. އެކަމަކު މާ ގިނަ ދުވަސްތަކަކަށް މި މައްސަލަ ދެމިގެން ނުދާނެ ކަމަށް އޭނާ ބުންޏެވެ.

"އިއްޔެ ވެސް އައި ބޯޓެއް. މާދަމާ ނޫން އަނެއް ދުވަހު އަންނާން އަނެއް ބޯޓު. އޭރުން ތިކަން ނިމޭނެ. އެހެން ބޯޓުތައް ވެސް އަންނާނެ. މިއުޅެނީ މުދާ ނުލިބިގެންނެއް ނޫން. ނުގެނެވިގެން" އޭނާ ބުންޏެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ގޮޅިޔަކު ހިންގާ ވިޔަފާރިވެރިޔަކު ވެސް ބުނީ ނުލިބެނީ އިންޑިއާއިން ގެންނަ މުދާ އެކަނި ކަމަށެވެ. އެކަމަކު އެހެން ގައުމުތަކުން އެތެރެކޮށްފައި ހުރި މި ބާވަތްތަކުގެ މުދާ ބޮޑު އަގުގައި މަދުން ނަމަވެސް ލިބެން އެބަހުރި ކަމަށް އޭނާ ބުންޏެވެ.

"މިހާރު ބާޒާރުގައި ލިބެން އެބަހުރި ޕާކިސްތާނާއި ލަންކާއިން އެތެރެކުރި އަލުއްވާއި ކެބެޖު. އެކަމަކު އިންޑިއާ މުދަލަށް ވުރެ ބޮޑު އަގުގަ ލިބެނީ." އޭނާ ބުންޏެވެ.

ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި މުދަލުގެ ދަތިކަން ފިލައިދާނެ ކަމަށް ހޯލްސޭލަރުން ބުނި ނަމަވެސް، ދެކުނު އިންޑިއާއަށް ކުރިޔަށް އޮތް ފަސް ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރެ އެވެ.

މި ސަރަހައްދުގެ މޫސުން ގޯސްވެގެން އުޅެނީ އަރަބި ކަނޑުގައި އުފެދިގެން އުޅޭ ލޯ-ޕްރެޝަރު ކޮޅިގަނޑެއްގެ ސަބަބުންނާއި ބޭ އޮފް ބެންގާލްގައި ދައުރުވަމުންދާ ގަދަ ވައިގެ ސަބަބުންނެވެ.