Advertisement

ދަރަނީގެ ކަންބޮޑުވުމަށް ނަޝީދު ތަކުރާރުކުރެއްވީ ރީސްޓްރަކްޗާ ކުރާ ހައްލު

22 ނޮވެންބަރު 2021 - 10:17 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މޫސުމާބެހޭ ބައްދަލުވުން، ކޮޕް26 ގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ނަޝީދު އިއްޔެ މާލެ ވަޑައިގެން އެއާޕޯޓުގައި. -ފޮޓޯ: މަޖިލިސް


ދަރަނީގެ ކަންބޮޑުވުމަށް ނަޝީދު ތަކުރާރުކުރެއްވީ ރީސްޓްރަކްޗާ ކުރާ ހައްލު

22 ނޮވެންބަރު 2021 - 10:17 0

އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖޭގެ ދަރަނި ދުވަހެއް ދުވަހެއް އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެކަމަށް އޮތް ހައްލަކީ ދަރަނި ރީސްޓްރަކްޗާކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ނަޝީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ފާޅުކޮށްފައިވަނީ ދަރަނި އިތުރުވުމުގެ ކަންބޮޑުވުން ކަމަށެވެ.

މިގޮތުން، ނަޝީދު ވިދާޅުވި ގޮތުގައި ދައުލަތުން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ އެއް ކަމަކީ ދަރަނި އަނބުރާ ދެއްކުމަށް ހިމަނާފައިވާ އަދަދުތަކާއި އެ ދަރަނި ދައްކަންޖެހޭ ވަގުތުތަކުގައި ދައުލަތުގައި އެ ފައިސާ ހުރިކަން ޔަގީން ކުރުމެވެ.

ދަރަނި އަނބުރާ ދެއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި 2.9 ބިލިއަން ރުފިޔާ ހިމަނާފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ދަރަނި މެނޭޖުކުރުމާ ގުޅޭގޮތުން މަޖިލީހުން މިދިޔަ އަހަރު ވަރަށް ފުރިހަމަ ދިރާސާއެއްކޮށް ރިޕޯޓެއް ފާސްކުރި ކަމަށެވެ.

އެ ރިޕޯޓާ ހަވާލާދެއްވައި ނަޝީދު ވިދާޅުވީ މަޖިލީހުން ދެކެނީ ދަރަނި ރީސްޓްރަކްޗާ ކުރަންޖެހޭ ކަމަށެވެ.

"...މަޖިލީހުގެ ރިޕޯޓުގައި ބުނެފައިއޮތީ މި 2.9 ބިލިއަން ރުފިޔާ ނުދައްކާ ގޮތަށް އަޅުގަނޑުމެން ކަންކަން ހިންގުން މިއީ ބޭނުންތެރި ކަމެކޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރު ވެސް އަނބުރާ ދައްކަންޖެހޭ ދަރަނީގެ އަދަދާއެކު އެ ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު ނޫނީ ގްރޭސް ޕީރިއަޑް އިތުރުކޮށް އިންޓަރެސްޓް ރޭޓާއެކު ދަރަނި ރީސްޓްރަކްޗާ ކުރަންޖެހެ އެވެ.

ސަބަބަކީ ކޮވިޑުގެ ހާލަތާ ގުޅިގެން އެފަދަ ބޮޑު ދަރަންޏެއް އަނބުރާ ދެއްކޭ ފަދަ އާމްދަނީ އެއް ދައުލަތަށް ނުލިބޭތީ ކަމަށާއި ބަޖެޓުގައި ހިމަނާފައިހުރި ފައިސާ ވެސް ވަރަށް ބޮޑަށް އިތުރުވެގެން މެނުވީ އެކަން ނުވާނެތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެފަދަ ބޮޑު ބަދަލެއް އާމްދަނީއަށް އަންނާނެކަމަށް ދެކުންވެސް އެއީ އިގުތިސޯދީ ނުވަތަ މާލީ ގޮތުން ދެކޭއިރު ހިޔާލީ ފޮލާއެއްގެ ގޮތުގައި ދެކެވޭނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ ރިޕޯޓުގައި ބުނީ ކީކޭ؟

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަޖިލީހުން ފާސްކުރި ރިޕޯޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި އޮތީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ލޯނުތަކުގެ ތަފްސީލާއި ދަރަނި ބެލަހައްޓާފައިހުރި ގޮތާއި އެ ދަރަނި އަނބުރާ ދައްކަން ޖެހުނު އިރު ދައުލަތުގެ އާމްދަނީ ހުރި މިންވަރުގެ މައްޗަށެވެ.

އެކަންކަމަށް ރިއާއަތްކޮށް އާމްދަނީގެ ނިސްބަތުން ދަރަނި އަނބުރާ ދައްކަންޖެހޭ އަދަދު އިންތިހާއަށް އިތުރުވާއިރު، އެކަމަށް ހައްލު ހޯދަން އެ ރިޕޯޓުގައި ވަނީ ސަރުކާރަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ.

އޭގެ ތެރޭގައި ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރުމަށް، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ސަރުކާރަށް ހުށަހެޅުން ހިމެނެ އެވެ.

ދަރަނީގެ މިވަގުތުގެ ހާލަތު

ކޮވިޑާއެކު ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނީގެ ބޮޑުކަމާއެކު، މި އަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދަރަނީގެ ޖުމުލަ އަދަދު ހުންނާނެކަމަށް ބެލެވެނީ 94 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު، 122 ޕަސަންޓެވެ.

ނަމަވެސް، ދަރަނި ކުޑަކުރުމުގެ ހާއްސަ ފިޔަވަޅުތަކަކާއެކު ދައުލަތުގެ ސީދާ ދަރަނި އަންނަ އަހަރު ނިމޭއިރު، ޖީޑީޕީގެ 104 ޕަސަންޓަށް އަދި 2023 ވަނަ އަހަރު ނިމޭ އިރު 101 ޕަސަންޓަށް ދަށްކުރަން ސަރުކާރުން ވަނީ އަމާޒުހިފައިފަ އެވެ.

ބަޖެޓު 2022 ގެ ހުލާސާ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގެ 24.8 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވާއިރު، ކެޕިޓަލް ހަރަދަށް ލަފާކޮށްފައިވަނީ 12.1 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ. އަންނަ އަހަރަށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

ނަމަވެސް، އޭގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމުގެ ބައި ނުހިމެނޭތީ، ލޯނު އަނބުރާ ދެއްކުމަށް 2.9 ބިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ކަންކަމަށް އިތުރު 805 މިލިއަން ރުފިޔާ ބޭނުންވާކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެއާއެކު އަންނަ އަހަރުގެ ބަޖެޓު ފިނޭންސް ކުރުމަށްޓަކައި ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހެ އެވެ. އެކަމަށް ބޭނުންވާ އަދަދުގެ 7.5 ބިލިއަން ރުފިޔާ ބޭރުގެ އެކި ފަރާތްތަކުން ހޯދަން ހިމަނާފައި ވާއިރު، ބާކީ ހަމަޖައްސަނީ އެތެރޭގެ ފަރާތްތަކަށް ބޮންޑާއި ޓީ ބިލު ފަދަ ސެކިއުރިޓީޒް ވިއްކައިގެންނެވެ.