Advertisement

މަސްތުވާތަކެތީގެ މައްސަލައިގަ ހަމީދުގެ ނުރުހުން މުއައްސަސާތަކަށް!

22 ނޮވެންބަރު 2021 - 10:36 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމީދު ވާހަކަ ދައްކަވަނީ: މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް ހުރިހާ މުއައްސަސާއެއްގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވި -- ފޮޓޯ: ހޯމް މިނިސްޓްރީ


މަސްތުވާތަކެތީގެ މައްސަލައިގަ ހަމީދުގެ ނުރުހުން މުއައްސަސާތަކަށް!

22 ނޮވެންބަރު 2021 - 10:36 1

ބައެއް ވާހަކަތަކަކީ، ވާހަކަ ބުނާ މީހާގެ އަނގައިން އެ ވާހަކަތައް ނުބުނި ކަމުގައި ވިޔަސް، އޭނާގެ އޯޑިއަންސަށް ވަރަށް ބާރަށް އިވޭ ވާހަކަތަކެކެވެ. އެ ވާހަކައެއްގެ ރާގާއި ބުނާ ގޮތުގެ އަސަރާއި ބޮޑީ ލެންގުއޭޖުގެ ސަބަބުން އެ ޖުމްލަތަކުގެ ދެ ދޭތެރޭގައި ބުނެފައި ހުރި ވާހަކަތައް އަޑުއަހާ މީހުންނަށް ވަރަށް ސާފުވަނީ އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް ކޯޓުތަކުގެ އެއްބާރުލުން ނުލިބޭ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅެއްނުވެ އެވެ. ކޯޓުތަކުގެ ތެރެއިން މަސްތުވާތަކެތީގެ ބޮޑުން ގަސްދުގައި ދޫކޮށްލަނީ ކަމަށް ވެސް ހަމީދު ވިދާޅެއްނުވެ އެވެ.

ނަމަވެސް، ހަމީދު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޯޓުތަކުގެ އެއްބާރުލުން ނުލިބޭ ވާހަކަތައްކަން، އިސްކަންދަރު ކޮށީގައި ހަމީދުގެ އަޑުއަހަން ތިބި ނޫސްވެރިންނަށް އަދި މި މަންޒަރު ޓީވީތަކުން ބަލަމުންދިޔަ ރައްޔިތުންނަށް ވަރަށް ސާފެވެ.

"ވަރަށް ބޮޑު އިއްތިފާގެއް މިއީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންމެވެސް ކަމެއް ގޯސްވެގެން، އާންމުކޮށް ކަންކަން ހިނގަމުން އަންނަ ގޮތާ ހިލާފަށް ކުއްލިއަކަށް ކަމެއް މެދުވެރިގެން މީސްމީހުން ދޫވުން،" އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާޑުކިޔަމުން ހަމީދު ވިދާޅުވި އެވެ.

މި ފާއިތުވި ތިން އަހަރު 1,000 ކިލޯއާ ގާތްކުރާ އަދަދަކަށް މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގަނެފަ އެވެ. މަސްތުވާތަކެތި ވިއްކާ ނެޓުވޯކުތަކުގެ އެތައް ބޮޑުންނެއް ހައްޔަރުކޮށް ކޯޓަށް ވަނީ ފޮނުވައިފަ އެވެ. އެހެން ކަމުން މިފަދަ މޭރުމަކުން، މިފަދަ ވާހަކައެއް ހަމީދު ވިދާޅުވުމަކީ ކުޑަ ކަމެއް ނޫނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އަންނަންޖެހޭވަރުގެ ބޮޑު ކަމެކެވެ. މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުން ތަހުގީގު ކުރަންޖެހޭވަރުގެ ނުރައްކާތެރި މައްސަލައެކެވެ.

މި ތިން އަހަރު ޓަނެއްހާ މަސްތުވާތަކެތި އަތުލައިގަނެފައި ވާއިރު އެތަކެތީގެ މައްސަލަތަކުގައި އެއްވެސް ބޮޑަކަށް މިހާތަނަށް ހުކުމެއް އައިސްފައެއް ނުވެ އެވެ. މިދިޔަ އޮކްޓޯބަރު މަހު 315 ކިލޯގެ މަސްތުވާތަކެތި، ދެ އޮޕަރޭޝަނެއްގައި އަތުލައިގަނެ އެއާ ގުޅުން ހުރި ބޮޑު ދެ މީހަކު ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލައިފަ އެވެ. ފަހުން އިތުރު ތިން ބޮޑުން ދޫކޮށްލި އެވެ. އޭގެ ކުރިން 2020 ވަނަ އަހަރު ފުލުހުން ހޯދި އެންމެ ގިނަ މަސްތުވާތަކެތި އަދި ހަތަރު މިލިއަން ރުފިޔާގެ ފަހަތުގައި ތިބި ކަމަށް ޝައްކު ކުރެވޭ މީހުން ވަނީ ސެޕްޓެމްބަރު މަހު ދޫކޮށްލައިފަ އެވެ. މިއީ އެތައް މައްސަލައެއްގެ ތެރެއިން ބައެއް މިސާލެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު އިއްޔެ ދެއްކެވި ވާހަކައިން މަސްތުވާތަކެތީގެ ބޮޑުން ދޫވުމުގައި ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ހުރިކަން އެނގެ އެވެ. ބައެއް މުއައްސަސާތަކުން މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވަން ނޫޅޭކަން ހާމަވެ އެވެ. އަދި "މިވަގުތު ވަކި އިންސްޓިޓިއުޝަނަކަށް އިނގިލި ދިއްކުރާކަށް ނެތިން" ކަމަށް ހަމީދު ނޫސްވެރިންނަށް ވިދާޅުވުމުން، މައްސަލަ ހައްލުނުވަނީ ވަކި މުއައްސަސާއެއްގެ ސަބަބުންކަން ސާފެވެ.

ފުލުހުން ބަލައި ފާސްކުރި "ޑްރަގު ކެފޭ"އެއް


"ސާޅީސް އެތައް އަހަރެއްވީ މައްސަލައެއް މިއީ ރާއްޖޭގައި. މި މައްސަލައަށް ހައްލު ގެނައުމުގެ މުހިންމުކަން ފުލުހުންގެ ހިދުމަތަށް ފެންނަ ބީދައިން މިކަމާ ގުޅުންހުރި އެހެން ހުރިހާ މުއައްސަސާއަކަށް ވެސް ހިތްވަރަކަށް ފެންނަންޖެހޭނީ. ފެނިގެން އެ މިސްރާބަށް މަސައްކަތްކޮށްގެން ނޫނިއްޔާ ހަގީގަތުގައި މިކަން ހައްލެއް ނުކުރެވޭނެ،" ހަމީދު ވިދާޅުވި އެވެ.

އެއްބާރުލުން ނުލިބޭ ތަނުގައި، ބައެއް ފަހަރު ކޯޓުތަކުން ފުލުހުންނަށް ފިޔަވަޅު އަޅަން މަސައްކަތް ކުރަން އުޅޭ ކަމަށް ހަމީދު ވިދާޅުވި އެވެ. އެގޮތުން ދާދި ފަހުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ ވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ނޫހަކަށް އިންޓަވިއުއެއް ދެއްވުމާ ގުޅިގެން އޭނާއާމެދު ފިޔަވަޅު އަޅަން ކޯޓުން އުޅުނު ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

"ދާދިފަހުން ވެސް އަޅުގަނޑުމެންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، އިންޓަވިއުއެއްގައި ވިދާޅުވި އެއްޗަކާ ގުޅިގެން ކޯޓަށް ހާޒިރުކޮށް، ހަމަ ވަރަށް ގާތްވި ފިޔަވަޅު އެޅުމާ،" ނުރުހުމާއެކު ހަމީދު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް އެ ބައްދަލުވުމުގައި ވަނީ ހުރިހާ މުއައްސަސާއަކުން ލިބެންޖެހޭ އެއްބާރުލުން ނުލިބޭ ކަމަށް ފާހަގަ ކުރައްވައިފަ އެވެ. އިމްރާންގެ ބަހުން ނަމަ މަސްތުވާތަކެތީގެ މައްސަލަތައް ހައްލުނުވެ، އޭގެ ހިމެނޭ ބޮޑުން ދޫވަނީ "ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމުގައި ހުރި ތަފާތުތަކެއްގެ" ސަބަބުންނެވެ.

ހަމީދު ކުރިން ފާހަގަ ކުރެއްވި ފަދައިން މަސްތުވާތަކެތީގެ މައްސަލައަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ވަބާ އެވެ. މިކަން ހައްލުނުވާ ސަބަބު ވަރަށް ސާފެވެ. ކޮމިޝަނަރު ހަމީދާއި މިނިސްޓަރު އިމްރާން އެކަންތައް ރައްޔިތުންނަށް ސާފުކޮށްދެއްވައިފި އެވެ. އަދި މަސްތުވާތަކެތީގެ ބޮޑުން ކަމަށް ބެލެވޭ މީހުން ދޫކުރާ އޮފީސްތަކާއި މަރުހަލާތައް ވެސް ރައްޔިތުންނަށް އެނގެ އެވެ.

"އަޅުގަނޑު ކުރިން ފާހަގަ ކުރިހެން އިއްތިފާގެއް، އަބަދުވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އިޖުރާއަތެއް ގޯސްވުން،" ހަމީދު ވިދާޅުވި އެވެ.

ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ 7،496 މީހުން އުޅޭ ކަމަށް އެކުވެރި ދައުލަތްތަކުގެ ކުށްކުށާއި މަސްތުވާތަކެއްޗާ ބެހޭ އޮފީހުން 2011 ވަނަ އަހަރު ކުރިއަށްގެންދިޔަ ސާވޭއަކުން އޮތީ ހޯދާފަ އެވެ. އަދި ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ 2500 ވަރަކަށް މީހުން އުޅޭއިރު އޭގެ ތެރެއިން 80 ޕަސެންޓު މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގައި ޖަލަށްލާފައި ތިބި މީހުން ކަމަށް އެ ދިރާސާތަކުން ދައްކަ އެވެ.