Advertisement

ނަޝީދު މިއަދު މާލެ ވަޑައިގަންނަވާނެ، ހުންނަވާނީ މުރައިދޫގޭގައި

21 ނޮވެންބަރު 2021 - 13:59 1

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: މިއަދު މާލެ ވަޑައިގަތުމަށް ފަހު، ނަޝީދު ވަޑައިގަންނަވާނީ މުރައިދޫގެ އަށް-- ފޮޓޯ: އަދަދު


ނަޝީދު މިއަދު މާލެ ވަޑައިގަންނަވާނެ، ހުންނަވާނީ މުރައިދޫގޭގައި

21 ނޮވެންބަރު 2021 - 13:59 1

ތިމާވެށީގެ ބޮޑު ސަމިޓް، ކޮޕް26 ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މާލެ ވަޑައިގަންނަވާނެ އެވެ.

ކުރިން ނަޝީދު ހޮޓެލް ޖެންގައި ހުންނެވި ނަމަވެސް، ދެން ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވަގުތީ ގެކޮޅުގެ ގޮތުގައި ހަމަޖެއްސި މ. މުރައިދޫގޭގަ އެވެ. .

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މުރައިދޫގެ މަރާމާތުކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި ނަޝީދު އެ ގެކޮޅަށް ބަދަލުވެވަޑައިގަންނަވާނެ ކަމަށެވެ.

"[މުރައިދޫގެ] މަޖިލީހުގެ އިދާރާއާ އެ ވަނީ ހަވާލުކުރެވިފައި. ދެން އޮންނާނީ ހަމައެކަނި ލިޔެކިޔުމުގެ މަސައްކަތް. ރައީސް ނަޝީދު ދެން ހުންނަވާނީ އެ ގެކޮޅުގައި،" އަކްރަމް ވިދާޅުވި އެވެ.

ނަޝީދު މުރައިދޫގޭގައި ދިރިއުޅުއްވާނީ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު ބިނާކޮށް ނިމެންދެންނެވެ. އެ ގެކޮޅު ހަދަނީ ސުޕްރީމް ކޯޓުގެ ކުރިމަތިން އޮންނަ ދަންޑެހެލުގޭ ޕާކިން ޒޯނުގަ އެވެ. އެ ގެކޮޅު ހެދުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 6.8 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

މުރައިދޫގެ: އެ ގެ ވަގުތީ ގޮތުން ދިނުމަށް ނިންމާފައިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް. -- ފޮޓޯ: އަދަދު


މުރައިދޫގެ މަރާމާތުކޮށް ބަދަލުތަކެއް ގެނެސްފައިވާއިރު، ވަށައިގެންވާ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ވެސް ފިޔަވަޅުތައް އަޅާފައިވެ އެވެ. އެގޮތުން ގެއާ ކައިރި ސަރަހައްދުތަކުގައި އާންމު ތަންތަނުގައި މަޑުނުކުރެވުމާއި، ބައެއް ސަރަހައްދުތަކުގައި އާންމު ފަރާތްތަކަށް ޕާކުނުކުރެވޭ ގޮތް ހެދުން ހިމެނެ އެވެ.

ދައުލަތުގެ ދެ ބާރުގެ ވެެރިންނަށް ރަސްމީ ގެކޮޅާއި ސެކިއުރިޓީ ދޭން ހަމަޖެއްސީ، މޭ 6 އެއްގައި ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ގެނައި ގާނޫނީ އިސްލާހުތަކާއެކުގަ އެވެ.

އުއްތަމަފަނޑިޔާރުގެ ވަގުތީ ގެކޮޅުގެ ގޮތުގައި ހަމަޖައްސަނީ ރެހެންދި ފްލެޓުގައި ހުންނަ ދައުލަތުގެ ދެ އެޕާޓްމެންޓެވެ. އެ ދެ އެޕާޓްމެންޓްގެ މަރާމާތު މިހާރު ނިމެން ވަނީ ކައިރިވެފަ އެވެ.

އުއްތަމަފަނޑިޔާރުގެ ދާއިމީ ގެކޮޅުގެ ގޮތުގައި ހަދަނީ މަޖީދިއްޔާ ސްކޫލްގެ ކުރިމަތީގައި ހުންނަ ހ. ބަންޑާރަވިލާ އެވެ. އެއީ ކުރިން ސްކައުޓް އޮފީސް ހިންގި ތަނެވެ.

މޭ ހައެއް ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ރާއްޖޭން ބޭރުން ފަރުވާ ހޯއްދެވުމަށް ފަހު މާލެ ވަޑައިގަތީ އޮކްޓޯބަރު 11 އެވެ. އެއަށް ފަހު ކޮޕް26 ގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މާލެއިން ފުރާވަޑައިގަތީ އޮކްޓޯބަރު 29ގަ އެވެ.