Advertisement

އެމްއެސްއެސް ގަލޭނާ ފުރަތަމަ ދަތުރުގައި މާލެއަށް މިސްރާބުޖަހައިފި

21 ނޮވެންބަރު 2021 - 14:02 1

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވްސް ސްޓޭޓް ޝިޕިންގެ އަމިއްލަ ފުރަތަމަ އާގު ބޯޓު އެމްއެސްއެސް ގަލޭނާ: މި ބޯޓުގެ ފުރަތަމަ ދަތުރަށް މުދާ ބަރުކުރީ ކޮލޮމްބޯ ބަނދަރުން. -- ފޮޓޯ: މޯލްޑިވްސް ސްޓޭޓް ޝިޕިން


އެމްއެސްއެސް ގަލޭނާ ފުރަތަމަ ދަތުރުގައި މާލެއަށް މިސްރާބުޖަހައިފި

21 ނޮވެންބަރު 2021 - 14:02 1

ގައުމީ ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ އަމިއްލަ ބޯޓުގައި ކުރާ ފުރަތަމަ ދަތުރުގައި ސްރީ ލަންކާގެ ކޮލޮމްބޯ ޕޯޓުން މުދާބަރުކޮށްގެން ރާއްޖެ އަންނަން ރޭ މިސްރާބު ޖަހައިފި އެވެ.

ކުރިން އެހެން ކުންފުންޏަކުން ނުވަ އަހަރު ވަންދެން އޮޕަރޭޓުކުރި މި ބޯޓު އެމްއެސްއެސް އިން ގަތީ ނިމުނު އޮކްޓޫބަރު މަހު އެވެ.

އެ ކުންފުނިން ބޯޓާ ހަވާލުވުމަށްޓަކައި، ބްރޭންޑިން މަސައްކަތް ނިންމުމަށާއި މުދާ ބަރުކުރަން ގެންދިޔައީ ލަންކާއަށެވެ. އެމްއެސްއެސް އިން މި ބޯޓު ބޭނުންކުރާނީ ވެސް ލަންކާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާށެވެ.

އެމްއެސްއެސް ގަލޭނާގެ ބައެއް މައުލޫމާތު

  • ބޯޓު އުފެއްދި އަހަރު - 2002
  • ކެޕޭސިޓީ - 608 ޓީއީޔޫ (ވިހި ފޫޓު ކޮންޓެއިނަރު)
  • ކުރިން ބޯޓު އޮޕަރޭޓުކުރީ - އޭއާރްއޭޭ ގްރޫޕް (ނެދަލެންޑްސް)

ކުންފުނި އުފެދުނީއްސުރެ ބޯޓު ޗާޓަރުކޮށްގެން ދަތުރުތައް ކުރަމުން އައި އެމްއެސްއެސް އިން ބުނި ގޮތުގައި މި ބޯޓާއެކު އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެ އެވެ. ހަމައެއާ އެކީ ކުންފުނި ހިންގުމުގެ ހަރަދުތައް ކުޑަވާނެ ކަމަށާއި އޭގެ ސަބަބުން އެތެރޭ ކުރާ މުދަލުގެ އަގު ހެޔޮވާނެ ކަމަށް ބުންޏެވެ.

މިހާރު ވެސް ގެއްލުމުގައި ހިންގަމުން އަންނަ ކުންފުނިން ކުރިން އޮޕަރޭޓުކުރި ދެ ބޯޓަކީ ވެސް ބޮޑު އަގުގައި ޗާޓަރުކޮށްގެން ގެންގުޅުނު ބޯޓުތަކެކެވެ. އޭގެ ތެރެއިން ފުރަތަމަ ގެންގުޅުން 700 ކޮންޓެއިނަރު އުފުލޭ "އައިބީރިއަން އެކްސްޕްރެސް" އާއި އޭގެ ފަހުން ގެނައި 400 ކޮންޓެއިނަރު އުފުލޭ ބޯޓު އެމްއެސްއެސްއިން ދޫކޮށްލައިފި އެވެ.

އެމްއެސްއެސް ގަލޭނާގެ އިތުރުން އެމްއެސްގެ ފްލީޓަށް އިތުރު ބޯޓުތައް ގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ. އެ ކުންފުނީގެ ފްލީޓުގައި ދެން ހިމެނޭ "އެމްވީ ބޮންތި" ދަތުރުކުރަނީ އިންޑިއާގެ ޓުޓޮކުރިން އާއި އައްޑޫއާ ދެމެދު މުދާ އުފުލާށެވެ.

އެމްއެސްއެސްއަކީ އަހަރުތަކެއް ވަންދެން ވަޅުޖެހިފައި އޮތް ބޯޓު ދަތުރުކުރުމުގެ ސިނާއަތް އަލުން ދިރުވަން އަމާޒުހިފައިގެން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ 99.9 ޕަސެންޓު ހިއްސާ އޮންނަނީ އެސްޓީއޯގެ އެވެ. ބާކީ 0.1 ޕަސެންޓު ހިއްސާ އޮންނަނީ އެސްޓީއޯގެ ސަބްސިޑަރީ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ އެވެ.