Advertisement

15 އަހަރަށް ފަހު އުރުގުއޭ އިން ޓަބަރޭޒް ދޫކޮށްލައިފި

20 ނޮވެންބަރު 2021 - 12:23 0


15 އަހަރަށް ފަހު އުރުގުއޭ އިން ޓަބަރޭޒް ދޫކޮށްލައިފި

20 ނޮވެންބަރު 2021 - 12:23 0

މޮންޓެވީޑޯ، އުރުގުއޭ (ނޮވެމްބަރު 20) - ފަނަރަ އަހަރު ވަންދެން އުރުގުއޭ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމު ފުރި މަޝްހޫރު ކޯޗު އޮސްކާ ޓަބަރޭޒް، އިއްޔެ މަގާމުން ދުރުކޮށްފި އެވެ.

ޓަވަރޭޒް، ދެ ވަނަ ފަހަރަށް އުރުގުއޭގެ ކޯޗަކަށް ހަމަޖެއްސީ 2006 ވަނަ އަހަރު އެވެ. ފުރަތަމަ ފަހަރަށް އޭނާ އުރުގުއޭ އަށް ކޯޗުކޮށްދިނީ 1988 އިން 1990 އަށެވެ.

އުމުރުން 74 އަހަރުގެ ޓަބަރޭޒް މަގާމުން ވަކިކުރަން އިއްޔެ އުރުގުއޭ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމީ އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް އުރުގުއޭ ކޮލިފައިނުވެދާނެ ކަމުގެ ބިރު ބޮޑުވުމުން އާ ކޯޗަކާ ޓީމު ހަވާލުކުރުމުގެ ގޮތުންނެވެ.

އުރުގުއޭ ވަނީ ކޮލިފައިންގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފަ އެވެ. އުރުގުއޭ ކުޅުނު ހަތަރު މެޗުގައި ބަލިވީ އާޖެންޓީނާ އަތުން ދެ ފަހަރާއި ބްރެޒިލާއި ބޮލިވިއާ އަތުންނެވެ. އެ މެޗުތަކުގައި އުރުގުއޭ ކޮޅަށް 11 ގޯލު ވަންއިރު، ޖެހުނީ އެންމެ ގޯލެކެވެ.

މި ފަހަރުގެ ކޮލިފައިން މެޗެއްގައި ޓަބަރޭޒް ޓީމަށް އިރުޝާދުދެނީ.-- ފޮޓޯ: އޭއެފްޕީ


ވޯލްޑް ކަޕްގެ ތަށި 1930 އާއި 1950 ގައި އުފުލާލި އުރުގުއޭ ވަނީ ޓަބަރޭޒްގެ ކޯޗުކަމުގައި 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުމުގެ އިތުރުން 2011 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

އުރުގުއޭގެ 3.4 މިލިއަން މީހުންގެ އިހުތިރާމް ހޯދާފައިވާ ޓަބަރޭޒަށް މީގެ ކުރިން ވެސް މަގާމުގައި ދެމިހުންނަށް ޕްރެޝަރު ކުރިމަތިވި އެވެ. އެއީ އޭނާ އަށް ކުރިމަތިވި ސިއްހީ މައްސަލަތަކެއްގެ ސަބަބުންނެވެ. އެކަމަކު، އަސާގެ އެހީގައި ވެސް ޓަބަރޭޒް އަންނަނީ ވަޒީފާގެ ޒިންމާ އަދާކުރަމުންނެވެ.

ފަނަރަަ އަހަރާއި އަށް މަސް ވަންދެން އުރުގުއޭގެ ކޯޗުކަން ކުރިއިރު، ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު އިރުޝާދު ދިނުމުގެ ރެކޯޑް އޮތީ ޓަބަރޭޒް އަތުގަ އެވެ. އޭނާ ވަނީ އުރުގުއޭ އަށް 221 މެޗު ކޯޗުކޮށްދީފަ އެެވެ. ދެ ވަނައިގައި އޮތީ ޖަރުމަނު ކޯޗުކަމުން މި ފަހަރުގެ ޔޫރޯ އަށް ފަހު ވަކިވި ޔަކީމް ލޯ އެވެ. ލޯ ވަނީ ޖަރުމަނު ގައުމީ ޓީމަށް 198 މެޗު ކޯޗުކޮށްދީފަ އެވެ.