Advertisement

އެޕްލިކޭޝަން މަރުހަލާ ފަސޭހަކޮށް، ބިޒްނަސް ވިސާ ގަވާއިދަށް ބަދަލުތަކެއް

19 ނޮވެންބަރު 2021 - 10:37 1

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީހަކު. ރާއްޖެ އެތެރެވާއިރު ނަގާ ބިޒްނަސް ވިސާގެ ގަވާއިދަށް ވަނީ ބަދަލުތަކެއް މިއަދު ގެނެސްފަ-- ފޮޓޯ: އަދަދު


އެޕްލިކޭޝަން މަރުހަލާ ފަސޭހަކޮށް، ބިޒްނަސް ވިސާ ގަވާއިދަށް ބަދަލުތަކެއް

19 ނޮވެންބަރު 2021 - 10:37 1

ވިޔަފާރި ނުވަތަ މަސައްކަތެއް ކުރުމުގެ ބޭނުމަށް ރާއްޖެ އެތެރެވާއިރު އާންމުކޮށް ނަގާ ބިޒްނަސް ވިސާއަށް އެދޭއިރު އެޕްލިކޭޝަން ފޯމަކާއި ނުލާ ހަމައެކަނި އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ގޮތަށް ބިޒްނަސް ވިސާގެ ގަވާއިދުކޮށްފި އެވެ.

އެ މިނިސްޓްރީން ގަވާއިދަށް ގެނައި އިސްލާހު މިއަދު އާންމުކުރިއިރު، އެ އިސްލާހުގައި މިއަދުން ފެށިގެން ދެން ބިޒްނަސް ވިސާއަށް އެދެވޭނީ ހަމައެކަނި އެ މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށްކަމަށް ބުނެ އެވެ.

އަދި ގަވާއިދުގެ ޖަދުވަލް 1 ގައިވާ އެޕްލިކޭޝަން ފޯމާއި ޖަދުވަލް 2 ގައިވާ ޑެކްލެރޭޝަން ވެސް މިހާރު ހުށަނާޅައި، އީފާސް މެދުވެރިކޮށް ބިޒްނަސް ޕޯޓަލްއިން އެ މަސައްކަތް ކުރިޔަށް ގެންދެވޭނެކަމަށް ބުނެ އެވެ.

ބިދޭސީން އީފާސް ޕޯޓަލްގައި ރެޖިސްޓްރީވުމަށް ސައްހަ ވޯކް ޕާމިޓެއް ބޭނުންވާނެ އެވެ. އަދި ރާއްޖޭގައި ބޭނުންކުރާ ފޯން ނަމްބަރެއް ނުވަތަ އެ ފަރާތެއްގެ އީމެއިލް މެދުވެރިކޮށް އީފާސްގެ ލޮގްއިން ވެރިފައި ކުރެވޭނެ އެވެ.

އިސްލާހުގައި ދެން ފާހަގަކޮށްލެވޭ މައިގަނޑު ބަދަލެއްގެ ގޮތުގައި ބިޒްނަސް ވިސާ ދޫކުރާއިރު ވެސް އަދި އިތުރުކުރާއިރު ވެސް ކޮންމެ އަހަރަކު 180 ދުވަހަށްވުރެ އިތުރުނުވާނޭހެން ވިސާ އިތުރުކޮށްދެވިދާނެކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމެވެ.

އެގޮތުން ވިސާ ދޫކުރާއިރު ވެސް އަދި އިތުރުކުރުމަށް އެދި ހުށަހަޅާއިރު ވެސް، 30 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތެއް ކަނޑައަޅާފައި އޮންނަ އިރު އެ ވިސާއެއްގެ ޖުމްލަ މުއްދަތު 180 ދުވަސް ނުވަތަ ހަ މަސް ދުވަހަށް ވުރެ އިތުރު ވެގެން ނުވާނެ އެވެ.

މާނައަކީ އިސްލާހާއެކު އަހަރެއްގެ ތެރޭގައި 180 ދުވަސް ނުވަތަ ހަ މަސް ދުވަހަށް ވުރެ އިތުރުވާ ގޮތަކަށް ވިސާ ދޫނުކުރާނެ ކަމެވެ. ކުރިން ގަވާއިދުގައި ވަކި މުއްދަތެއް އެގޮތަށް ކަނޑައެޅިފައެއް ނޯވެ އެވެ. އޮންނަނީ އަހަރެއްގެ ތެރޭގައި ހުށަހެޅޭނީ 30 ދުވަހާއި 90 ދުވަހުގެ މުއްދަތަކަށް ވިސާ ދޫކުރެވިދާނެ ނުވަތަ އިތުރު ވެސް ކުރެވިދާނެ ކަމަށެވެ.

އިސްލާހުގައި ދެން ފާހަގަކޮށްލެވޭ ބަދަލެއްގެ ގޮތުގައި ވިސާއަށް އެދި ހުށަހަޅާއިރު ހުށަހަޅާ ހެލްތް އެންޑް ޓްރެވަލް އިންޝޫރަންސް ޕޮލިސީގެ ކޮޕީ މިއަދުން ފެށިގެން ނޮޓަރައިޒް ކުރާކަށް ނުޖެހޭނެ އެވެ.

އަދި ވިސާއެއް ދޫކުރާތާ ހަ މަސް ތެރޭ ރާއްޖެ އެތެރެ ނުވެއްޖެނަމަ އެ ވިސާ ބާތިލުކުރަން ކުރިން އޮންނަ އޮތުން ތިން މަސް ދުވަހަށް ވަނީ ކުޑަކޮށްފަ އެވެ. މާނައަކީ ވިސާ ދޫކުރާތާ ތިން މަސް ތެރޭ ރާއްޖެ އެތެރެ ނުވެއްޖެނަމަ އެ ވިސާ ބާތިލުކުރެވޭނެ އެވެ.