Advertisement

އަންނަ އަހަރުގެ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކޮށް ކޮމިޓީން ފާސްކޮށްފި

18 ނޮވެންބަރު 2021 - 21:37 0

އަމަން ހަލީމް

އަމަން ހަލީމް

ބަޖެޓު ކޮމިޓީގެ މުގައްރިދު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝީޒު-- ފޮޓޯ: މަޖިލިސް އިދާރާ


އަންނަ އަހަރުގެ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކޮށް ކޮމިޓީން ފާސްކޮށްފި

18 ނޮވެންބަރު 2021 - 21:37 0

ބައެއް ރަށްރަށުގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށާއި ބައެއް މުއައްސަސާތަކުން ބަޖެޓަށް ޖުމުލަ 73.8 މިލިއަން ރުފިޔާ އިތުރުކޮށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، މަޖިލީހުގެ ކޮމިޓީން މިރޭ ފާސްކޮށްފި އެވެ.

މި ބަދަލާއެކު ޖުމުލަ ބަޖެޓަށާއި ބަޖެޓްގެ ހަރަދަށް އަންނަނީ ކުޑަ އިތުރުވުމެކެވެ. ބަޖެޓްގެ ޖުމުލަ ހަރަދު 34 ބިލިއަން ރުފިޔާއިން 34.10 ބިލިއަން ރުފިޔާ އަށް އަދި ޖުމުލަ ބަޖެޓް، 36.92 ބިލިއަން ރުފިޔާއިން، 36.99 ބިލިއަން ރުފިޔާ އަށް ބޮޑުވެގެން ދާނެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސުން ހުށަހަޅާފައިވާ ކަންކަމާއި، ހުށަހަޅާފައިވާ 24 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ބަޖެޓް ދިރާސާކުރި ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެވެ.

އަންނަ އަހަރުގެ ބަޖެޓަށް އިތުރުކުރަން މަޖިލީހުގެ ކޮމިޓީން ފާސްކުރީ، 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމުލަ 57.4 މިލިއަން ރުފިޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި އަދި ހަތް މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް ޖުމުލަ 16.4 މިލިއަން ރުފިޔާ އިތުރުކުރުމަށެވެ.

ބަޖެޓް އިތުރުކުރަން ފާސްކުރި މިނިވަން މުއައްސަސާތަކުގެ ތެރޭގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ސިވިލް ސާވިސް ކޮމިޝަން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، އިންތިގާލީ އިންސާފުގެ އޮފީސް، އެންޓި ކޮރަޕްޝަން ކޮމިޝަން، އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިމެނެ އެވެ.

އޮފީސްތަކުގެ ބަޖެޓަށް އިތުރުކުރި ފައިސާ


1. ރައްޔިތުންގެ މަޖިލިސް އިދާރާގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސްއަށް 7 މިލިއަން ރުފިޔާ 2. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޖިޓަލައިޒް ކުރަން ފަސް ލައްކަ ރުފިޔާ 3. ސިވިލް ސާވިސްގެ އެންހޭންސިން ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފް ސިވިލް ސާވިސް ޕްރޮޖެކްޓަށް 1.69 މިލިއަން ރުފިޔާ 4. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން މުވައްޒަފުން ނަގަން 865،636ރ. 5. އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީހަށް ގާނޫނުގައި ބުނާ ތާރީހަށް މަސައްކަތްތައް ނިންމަން މުވައްޒަފުން ނަގަން 2.2 މިލިއަން ރުފިޔާ 6. އޭސީސީއަށް، އެމްއެމްޕީއާރްސީ މައްސަލައިގައި ތަހުގީގު ނިންމަން ބޭނުންވާ މުވައްޒަފުން ނަގަން 3.9 މިލިއަން ރުފިޔާ 7. އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް ލޯ ފާމެއް ހޯދަން 204،000ރ. 8. މިނިސްޓްރީ އޮފް ފިނޭންސުގެ ހާއްސަ ބަޖެޓުން ސިޔާސީ ޕާޓީތަކަށް އިތުރުކުރަން 73،782ރ.

މީގެ އިތުރުން މި އަހަރުގެ ބަޖެޓު ސަޕްލިމެންޓު ކުރަން ފިނޭންސުން ހުށަހެޅި 2.2 ބިލިއަން ރުފިޔާ ރިވައިޒް ކުރަން ކޮމިޓީގެ މެމްބަރުން ފާސްކުރި އެވެ. ބަޖެޓު ސަޕްލިމެންޓު ކުރީ މި އަހަރަށް މަޖިލިހުންފާސްކުރި 34.9 ބިލިއަން ރުފިޔާގެ ބަޖެޓު އަހަރު ނިމޭއިރަށް 37.1 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ލަފާކުރާތީ އެވެ.

ކޮމިޓީގެ ރެކޮމެންޑޭޝަންތައް

1. އާސަންދައިގެ ހަރަދުތައް ދެމެހެއްޓެނިވި މިންވަރަކަށް ގެނައުމަށާއި، އެ ސްކީމް ހިންގުމުގައި ބޭކާރުވާ ހަރަދުތައް ކުޑަކޮށް އެފިޝަންސީ އިތުރުކޮށް ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ ނަފާ ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ އެކްޝަން ޕްލޭނާ އެއްގޮތަށް 2022 ވަނަ އަހަރު ތަންފީޒުކުރުމަށް ދެންނެވުމަށް. އަދި އާސަންދައިގެ ހަރަދުތަކުގެ ތެރެއިން މެޑިކަލް ކޮންސިއުމަބަލްސްއަށް ކުރާ ހަރަދުތައް ކުޑަކުރުމަށް ފެންނަކަމަށް ދަންނަވާ، ބޭހަށް އެންމެ މަތިން ކަނޑައެޅޭ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ކަނޑައަޅާ ބޭހަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ ތެރޭގައި ތަންފީޒުކުރުމަށާއި އާސަންދަ ސްކީމު ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ފުރުސަތު ނުދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް މިނިސްޓްރީ އޮފް ހެލްތަށް ދެންނެވުމަށް

2. ދައުލަތުގެ ބަޖެޓުން ދޭ އިންޑައިރެކްޓް ސަބްސިޑީސްތަކުގައި ހުރި އިންއެފިޝަންސީތައް ކުޑަކުރުމަށް ދަންނަވާ، އެ އިންއެފިޝެންސީތަކުގެ ސަބަބުން ކުރިމަތިވާ ޑެޓް ވެއިޓް ލޮސް ނުވަތަ އެ އިންއެފިޝެންސީތަކުގެ ސަބަބުން މުޅި މުޖުތަމުއަށް ގެއްލިގެންދާ ބައި ކުޑަކޮށް ދައުލަތުގެ ބަޖެޓުން އިސްރާފުވާ ހަރަދުތައް ކުޑަކުރުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ދެންނެވުމަށް

3. 2021 ވަނަ އަހަރުގެ ބަޖެޓު ފާސްކުރި ފަހުން ގާނޫނުތަކަށް ގެނެވުނު ބަދަލުތަކާއެކު ޖުމްލަ 52.7 މިލިއަން ރުފިޔާ އަހަރުގެ ތެރޭގައި ބަޖެޓަށް އިތުރުކޮށްފައިވާކަމަށް ފާހަގަކުރެވިފަވާތީ، އާ ގާނޫނުތަކުން ގެނެވޭ ބަދަލުތަކުން އިތުރުވާ ހަރަދު ގާނޫނު ޑްރާފްޓުކުރުމުގެ މަރުހަލާގައި ދެނެގަތުމަށާއި ބަޖެޓުގައި ނުހިމެނޭ އާ ޕޮލިސީއެއް ނުވަތަ އާ ގާނޫނެއް ފާސްވެއްޖެނަމަ ދެން ފެށޭ ބަޖެޓު ސައިކަލްގެ ތެރޭގައި އެ ޕޮލިސީ ނުވަތަ ގާނޫޏު ތަންފީޒުކުރުމަށާއި އަހަރުގެ ތެރޭގައި ބަޖެޓުގައި ނުހިމެނޭ އާ ބިލެއް ފާސްވެއްޖެނަމަ ސަޕްލިމެންޓްރީ ބަޖެޓާއެކު ބިލު ފާސްކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް

4. ދައުލަތާ ދެކޮޅަށް ކުރާ ދައުވާތަކާ ގުޅިގެން އަންނަ ކޯޓު ހުކުމްތަކުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަންޖެހޭ ފައިސާގެ ހިރާސް ކުޑަކުރުމަށްޓަކައި މަޝްރޫއުތަކާއި ހިދުމަތް ހޯދުމަށް ވެވޭ ކޮންޓްރެކްޓްތަކާއި ގުޅޭ މައްސަލަތައް އިސްލާހުކުރުމަށާއި ޕްރޮޖެކްޓުގެ ސްކޯޕާއި މުއްދަތާއި ދޭހިދުމަތް ނުވަތަ މަޝްރޫއުގެ ފެންވަރާމެދު ދައުލަތާއި ކޮންޓްރެކްޓް ހަވާލުކުރެވޭ ފަރާތާއި ދެމެދު ކޮންޓްރެކްޓް ސޮއިކުރުމުގެ ކުރިން އެއްބަސްވުމަށާއި އަދި މަޝްރޫއުތައް ހިނގާ މިންވަރު ބަލާ މޮނިޓާކުރުމުގެ ކަންކަން ހަރުދަނާކުރަން ސަރުކާރުގެ އިދާރާތަކަށް ދެންނެވުމަށް

5. 2022 ވަނަ އަހަރުގެ ތެރޭގައި ޖެންޑާ ރެސްޕޮންސިވް ބަޖެޓިންގެ މަސައްކަތްތައް ފެށުމާއި ބައެއް ދާއިރާތަކުގެ ޖެންޑާ ރެސްޕޮންސިވް ބަޖެޓުތައް ޕައިލެޓުކޮށް ތައްޔާރުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްގައި ދެންނެވުމަށް

6. ބަޖެޓު ދިރާސާކުރާ ކޮމިޓީން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް އިތުރުކުރުމަށް ނިންމި މުވައްޒަފުންގެ ބަޖެޓާއެކު އިންތިގާލީ އިންސާފުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ އޮފީހަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކޮށް ނިންމުމަށް މަގުފަހިވާ ގޮތަށް އަމަލުކުރުމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގައި ދެންނެވުމަށް

7. ބަޖެޓު ދިރާސާކުރާ ކޮމިޓީން އެމްއެމްޕީއާރްސީ މައްސަލަ ނިންމުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިތުރުކުރުމަށް ނިންމި ބަޖެޓާއެކު 2022 ވަނަ އަހަރުގެ ނިޔަލަށް އެމްއެމްޕީއާރްސީ މައްސަލައިގެ ތަހުގީގު ނިންމަން މަސައްކަތްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގައި ދެންނެވުމަށް

8. 2022 ވަނަ އަހަރުގެ ބަޖެޓުގެ ހަރަދުތަކުގެ ތެރެއިން ސްކޫލްތަކާއި ސިއްހީ މަރުކަޒުތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދު އެތަންތަނަށް ވަކިވަކިން ފެންނާނެ ގޮތަށް ހެދުމަށް އެދެން

9. ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް ހުށަހަޅަންޖެހޭ ބިލުތައް ދައުލަތުގެ ބަޖެޓާއެކު ހުށަހެޅުމަށް ދެންނެވުމަށް

މި ރެކޮމެންޑޭޝަންތައް ފާސްކޮށްފައި ވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.