Advertisement

ހެރީ ޕޮޓާ ގެ 20 ވަނަ އެނިވަސަރީ އަށް ތަރިންގެ ރީޔޫނިއަން އެއް!

18 ނޮވެންބަރު 2021 - 07:15 0


ހެރީ ޕޮޓާ ގެ 20 ވަނަ އެނިވަސަރީ އަށް ތަރިންގެ ރީޔޫނިއަން އެއް!

18 ނޮވެންބަރު 2021 - 07:15 0

ދުނިޔޭގެ އެންމެ މަޝްހޫރު ފެންޓަސީ ފިލްމް ސީރީޒް، ހެރީޕޮޓާ އަށް 20 އަހަރު ފުރޭ އަހަރީ ދުވަހަށް މައި ތަރިން، ޑޭނިއަލް ރެޑްކްލިފް، އެމާ ވަޓްސަން އަދި ރުޕަޓް ގްރިންޓް އާއި ކާސްޓުގައި ހިމެނޭ ގިނަ އަދަދެއްގެ ތަރިން އެކުގައި ރީޔޫނިއަން ޝޯ އެއް ބާއްވަން ނިންމައިފި އެވެ.

އެއް އެޕިސޯޑުގެ ހާއްސަ ރީޔޫނިއަން ޝޯ ދެއްކުމަށް ހހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު އެޗްބީއޯ މެކްސް އިންނެވެ.

އިނގިރޭސި ވާހަކަ ލިޔުންތެރިޔާ ޖޭކޭ ރޯލިން، 1997 ވަނަ އަހަރު، ހަމަ އެނަމުގައި ލިޔުނު ވާހަކަ އަކަށް ބިނާކޮށް އުފައްދަން ފެށި ފިލްމު ސީރީޒްގެ ގިނަ އަދަދެއްގެ ތަރިން ބައިވެރިވާ ރީޔޫނިއަންގައި ޖޭ.ކޭ ބައިވެރިއެއް ނުވާނެ އެވެ.

ޝޯ ގައި ފެންނާނެ ތަރިންގެ ތެރޭގައި ހެރީޕޮޓާގައި ހެގްރިޑްގެ ރޯލުން ފެނިގެންދިޔަ ރޮބީ ކޮލްޓްރަން އާއި ޑްރެކޯ މަލްފޯއީ ގެ ރޯލުން އެތައް ބައެއްގެ މަގުބޫލުކަމެއް ހޯދި ޓޮމް ފެލްޓަން އާއި ހެލެނާ ބޮންހަމް ކާޓާ ފަދަ ތަރިން، ފިލްމުގެ ޑައިރެކްޓަރު ކްރިސް ކޮލަމްބަސް އާ އެކު ފެނިގެންދާނެ އެވެ. މި އެންމެންނާ އެކު ސީރީޒް އާ ބެހޭ އެކި ވާހަކަތަކާއި ތަޖުރިބާތައް ހިއްސާކުރުމާއި ހަނދާންތައް އާކުރުން އޮންނާނެވެ.

"ހެރީޕޮޓާ ޓުވެންޓިއެތު އެނިވަސަރީ: ރިޓާން ޓު ހޮގްވާޓްސް" ގެ ނަމުގައި ބާއްވާ މި ރީޔޫނިއަން އަށް ތަރިން، 2001 ވަނަ އަހަރު ރިލީޒްކުރި ފުރަތަމަ ފިލްމު، "ހެރީޕޮޓާ އެންޑް ދަ ސޮސަރާސް ސްޓޯން" ގައި ދައްކާ އަސްލު ހޮގްވާޓްސް ބޯޑިން ސްކޫލަށް ދާނެ އެވެ.

އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ ޔަތީމު ކުއްޖެއްގެ ހަޔާތުގައި ހިނގާ އާދަޔާ ހިލާފު ކަންތައްތަކެއްގެ މައްޗަށް އުފެއްދި މި ފިލްމު ސީރީޒުން ދުނިޔޭގެ ބޮކްސް އޮފީހުގައި 7.8 ބިލިއަން ޑޮލަރު ގެ އާމްދަނީ އެއް ހޯދި އެވެ. ހެރީޕޮޓާ އަކީ މިއަދާ ހަމައަށް ވެސް ކުދި ބޮޑު އެންމެންގެ ހިތުގައި ހާއްސަ މަގާމެއް ދެވިފައިވާ ހާއްސަ ފްރެންޗައިޒް އެކެވެ.

ފިލްމު އުފެއްދި އިރު ކުޑަކުދިންގެ ގޮތުގައި ތިބި ޑެނިއަލް އާއި އެމާ އަދި ރުޕަޓް އަކީ މިހާރު 30 އިން މަތީގެ ޒުވާނުންނެވެ. އެންމެންނަކީ ވެސް ހޮލީވުޑްގައި އެކްޓިވް ތަރިންނެވެ.

"ވާނާ ބްރޮސް" ސްޓޫޑިއޯ އިން ހާމަކޮށްފައިވާ ގޮތުން، ރީޔޫނިއަން ޝޯ އަކީ ވިހިވަނަ އަހަރީ ދުވަހަށް ޕްލޭން ކޮށްފައިވާ ގިނަ ފްލޭން ތަކުގެ ތެރެއިން އެންމެ ހާއްސަ ހަރަކާތް ކަމަށެވެ.