Advertisement

ސެޕަރޭޝަން އެންޒައިޓީ؛ ކުޑަ ދަރިފުޅުގެ ބޮޑާހޭކުމާއި ހިތާމަތައް ދެނެގަތުން

19 ނޮވެންބަރު 2021 - 07:45 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

އިލަސްޓްރޭޓެޑް އިމޭޖް: ނިއު ޔޯކް ޓައިމްސް


ސެޕަރޭޝަން އެންޒައިޓީ؛ ކުޑަ ދަރިފުޅުގެ ބޮޑާހޭކުމާއި ހިތާމަތައް ދެނެގަތުން

19 ނޮވެންބަރު 2021 - 07:45 0

ސައުވީސް އަހަރުގެ ޒުވާން މަންމަ ލީލާ، (އަސްލު ނަމެއް ނޫން) ދެވަނަ ދަރިފުޅު ވިހައިން ގެއަށް އައި ވަގުތު ވެސް ތިން އަހަރުވީ ދޮށީ ދަރިފުޅުގެ ކިބައިން ތަފާތުތަކެއް ފާހަގަވި އެވެ. ކުރިން ހުރި ފޯރި އާއި ޖޯޝެއް ނެތެވެ. ހީކުރީ އެއީ ހަމައެނި ވަގުތުގެ މޫޑު ކަމަށެވެ. އެކަމަކު އޭގެ ފަހުން ދަރިފުޅު މުޅިން ހަމަޔަކަށް ނޭޅުނެވެ. މަޑު މަޑުން ދުރުވާން ފެށި އެވެ. ކުރިން ކޮއްކޮއެއް ލިބޭތީ ހުރި އެކްސައިޓްމަންޓް ވެސް މާ ބޮޑަކަށް ނެތެވެ. ބޮޑާ ހޭކުމާއި, ޝެއާ ނުކުރުމާއި ކުދިކުދި ކަންކަމާ ވެސް މާ ބޮޑަށް ރޮވޭ ގޮތް ވާން ފެށި އެވެ.

"މިއީ ކިހާވަރެއްގެ ކަމެއްކަން ހަމަ އެއްގޮތަކަށްވެސް ވިސްނުމަކަށް ނާދޭ. ހަމަސް ފަހުން މިހާރު މާބޮޑަށް އެޓޭޗްވަނީ. ޖެހިގެން ހުރި ފިހާރައަށް އެކަނި ނުކުތަސް އެނބުރި އަންނަންދެން ހުންނާނީ ރޯން. އަބަދު ބޭނުންވަނީ ކައިރީގައި ހުންނަން." ލީލާގެ ސިކުނޑި، ކުޑަ ދަރިފުޅަށް އަންނަމުންދިޔަ ބަދަލުތަކާ އެކު ހާސްކޮށްލި އެވެ.  

އެހެން މަންމަ އެކެވެ. ދޮށީ ދަރިފުޅަށް ނުވަ އަހަރުފަހުން ބަނޑުބޮޑުވި ފުރަތަމަ ފަހަރު ބައިގެން ދިޔައީ އެވެ. ކޮއްކޮއެއްގެ އިންތިޒާރުގައި ހުރި  އަންހެން ދަރިފުޅަށް އޭގެ ސަބަބުން އަސަރުކޮށްފާނޭ ކަމަކަށް ހިޔާލުގައި ވެސް ނެތެވެ.  

"އޭގެ ފަހުން ބަނޑުބޮޑުވީމަ ނުނިދާ ހޭލާވެސް ހުރޭ މަންމަ އޯކޭތޯ ބަލަން. ނޭވާލާތޯ ބަލަން. ބޭބީ ލިބުނު ފަހުންވެސް ކިރިޔާ ބޭބީ ބަލިވިޔަސް ނުކައި ހުންނަނީ. އެހާ ބޮޑަށް ވިސްނޭ ބޭބީ އަށް ކަމެއް ވެދާނެތީ ވެސް"   

ބައެއް ފަހަރު، ކުދިންގެ ފަރާތުން ފެންނަ މިފަދަ ބަދަލުތަކަކީ އާދައިގެ "ޗައިލްޑިޝް ބިހޭވިއާ" ކަމުގައި ހީވެދާނެ އެވެ. ނޫނީ ބޮޑާހާކަނީ އޭ ހިތައި ހިތްހަމަނުޖެހި ރުޅިވެސް އިސްކުރެވިދާނެ އެވެ. އެކަމަކު ނަފްސާނީ އިލްމުވެރިން ބުނާގޮތުންނަމަ މިއީ ވަރަށް އާންމުކޮށް ތުއްތުކުދިންނަށް ދިމާވާ ނަފްސާނީ ހާލަތެކެވެ. މިއަށް އިނގިރޭސި ބަހުން "ސެޕަރޭޝަން އެންޒައިޓީ ޑިސްއޯޑާ (އެސްއޭޑީ)" އޭ ކިޔަ އެވެ. 

ސެޕަރޭޝަން އެންޒައިޓީ އަކީ ކޮބާ؟

މިއީ ވަކި ހާއްސަ މީހަކާ ނުވަތަ އެއްޗަކާ ވިޔަސް މާބޮޑަށް އެޓޭޗްވެފައި ހުއްޓާ ކުއްލިއަކަށް ދުރުވާން ޖެހުމުން މާ ބޮޑަށް ހާސްވާ ހާސްވުމުގެ ސަބަބުން ކުދިންނަށް އަންނަ އެންޒައިޓީ އެވެ.

ކުޑަ ދަރިފުޅުގެ އުމުރުން ތިންއަހަރުވުމާ ހަމައަށް މަންމަ ނުވަތަ ބައްޕައާ ދުރަށް ދާންޖެހުމުން ރުއިމާއި ދެރަވުމާއި މިފަދަ އިހުސާސްތަކެއް ކުރެވުމަކީ ވަރަށް އާދައިގެ އާންމު ކަމެކެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ދިގުދެމިގެންދާ ގޮތަށް ބިރާއި ނުތަނަވަސްކަމާއި ކުރިމަތިލާންޖެހި, ހާލަތާއި ނުބައްދަލު ގޮތްގޮތަށް އަބަދު ރޮއެ ހަދާނަމަ އެންޒައިޓީ ކަމަށް ބެލެވިދާނެ އެވެ. 

ސެޕަރޭޝަން އެންޒައިޓީ ތަހައްމަލުކުރަނީ އާންމުކޮށް ކުޑަކުދިންނެވެ. އެހެން ނަމަވެސް، މިއީ ބައެއްފަހަރު ބޮޑެތި މީހުންނަށް ވެސް ދިމާވާ ނަފްސާނީ ހާލަތެއް ކަމަށް ލައިސެންސްޑް ސައިކޯލޮޖިކަލް އެސޯސިއޭޓެއް ކަމުގައިވާ ޝަޒީނާ އަހުމަދު ނަސީމް ވިދާޅުވި އެވެ. 

"އާންމުކޮށް މި ވާގޮތަކީ މިސާލަކަށް މަންމަ ކުޑަކޮށް ބޭރަށް ނުކުމެލިއަސް ނޫނީ ކިރިޔާވެސް ވަކިވެލާއިރަށް ކުއްޖާ ވަރަށް ބޮޑު ޑިސްޓްރެސްއަކަށް ދަނީ. ވަރަށް އިންޓެންސިޓީ ހައިކޮށް ރޮވި, ދެރަވެ އެކަމާ ހާސްވެ ކަންބޮޑުވަނީ"

ސެޕަރޭޝަން އެންޒައިޓީ ހުންނަ ނަމަ ފާހަގަވާނެ ބައެއް ނަފްސާނީ އަލާމާތްތައް ޝަޒީނާ ފާހަގަކުރި އެވެ. އޭނާ ވިދާޅުވީ، ނަފްސާނީ އަލާމާތްތަކުގެ އިތުރުން ގިނަ ފަހަރު މި މައްސަލަ ދިމާވާ ކުދިންގެ ކިބައިން ބައެއްކަހަލަ ފިޒިކަލް އަލާމާތްތަކެއްވެސް ފެންނަ ކަމަށެވެ.

އަލާމާތްތައް:

  • މާ ބޮޑަށް ބެލެނިވެރިޔާ އާއި ތަތްވެގެން އުޅުން·      
  • އެޓޭޗްވެފައި ހުންނަ މީހަކު ކުޑަ ވަގުތުކޮޅަކަށް ވަކިވިޔަސް މާ ބޮޑަށް ރުއިން·  
  • އެޓޭޗްވެފައި ހުންނަ މީހަކާ ވަކިން ކުރަންޖެހޭ ކަންކަން ކުރަން ދެކޮޅު ހެދުން·      
  • ވަކިވެއްޖެނަމަ ބޮލުގައި ރިހުން, ހޮޑުލުން·      
  • ބައެއްފަހަރު ރުޅިގަދަވެ އަތް އިސްކުރެވި, ޓެންޓްރަމްސް ދިމާވުން·      
  • ސްކޫލަށް ދާން ދެކޮޅު ހެދުން
"އަލަށް ސްކޫލަށް ދާ ފުރަތަމަ ހަފްތާތަކުގައި ސްކޫލަށް ދާން ދެކޮޅު ހަދާ ރުއިމަކީ ވަރަށް ނޯމަލް ބިހޭވިއާ އެއް. އެކަމަކު އެކަން ދިގުދެމިގެން ގޮސް އެހެން ހުރިހާ ކުދިން އެޖަސްޓް ވާއިރުވެސް ކުއްޖާ ހަމައަކަށް ނޭޅި ދެތިން މަސް ވަރު ވާނަމަ އޭގެ މާނައަކީ ސެޕެރޭޝަން އެންޒައިޓީގެ އަސަރު އެބަކުރެޔޭ"  

ތަޖުރިބާކާރުން ބުނާގޮތުގައި އެސްއޭޑީ އަކީ ހަމަހުން ފެށިގެން ތުއްތު ކުއްޖެއްގެ ކިބައިގައި ފެނިދާނޭ ކަމެކެވެ. އަދި މީގެ އަސަރު އެންމެ ބޮޑުވާ ކަމަށް ފާހަގަވަނީ ގާތްގަނޑަކަށް 10 މަހާއި 18 މަހާއި ދޭތެރޭގަ އެވެ. އަދި ގިނަފަހަރު މުޅިން މިކަމުގެ އަސަރުތައް ފިލައި ދަނީ އުމުރުން ތިން އަހަރު ވުމުންނެވެ. ނަމަވެސް މިއަށްވުރެ ބޮޑު އުމުރުފުރާތަކުގެ ކުދިންގެ މެދުގައިވެސް މި މައްސަލަ ދިމާވެދާނެ އެވެ. 

ފޮޓޯ:ސްޓެންފޯޑް ޔުނިވާސިޓީ


 މިއީ ބެލެނިވެރިޔާގެ ސަބަބުން ދިމާވާ ކަމެއްތަ؟  

ކުއްޖާގެ ކިބައިން މިފަދަ އަލާމާތްތަކެއް ފެންނަ ނަމަ، ވަރަށް ފަސޭހައިން މައިންބަފައިން ނުވަތަ ބެލެނިވެރިޔާ ގޯސް ކުރެވި ފާޑު ކިޔެ އެވެ. ނަމަވެސް މިއީ ތަރުބިއްޔަތު ކުރެވޭ ގޮތެއްގެ ސަބަބުން ދިމާވާ ކަމެއް ނޫނެވެ. ނުވިތާކަށް މި މައްސަލަ ދިމާވަނީ ހަމައެކަނި މައިންބަފައިންނާ މާ ބޮޑަށް އެޓޭޗް ވެވިގެން އެކަންޏެއް ވެސް ނޫނެވެ. ގެންގުޅޭ ކުޅޭ އެއްޗަކަށް ނުވަތަ "ޕެޓް" އަކަށް ވެސް ހަމަ އެހާމެ ލޯބި ޖެހި ވަކިވާން އުނދަގޫވެދާނެ އެވެ. 

އާންމުގޮތެއްގައި، ސެޕަރޭޝަން އެންޒައިޓީ ތިން ބަޔަކަށް ގިންތި ކުރެވެ އެވެ. މީގެ ތެރޭގައި ހިމެނެނީ، ކުޑަ ދަރިފުޅު ހެދިބޮޑުވަމުން އަންނަ އިރު ދިމާވާ ސަބަބުތަކާއި, ވާރުތަވާ ބައެއް ކަންކަމާއި އަދި ވަށައިގެންވާ މާހައުލުން ދިމާވާ ސަބަބުތަކެވެ.   

  • އާއިލާގައި އެންޒައިޓީ ނުވަތަ ޑިޕްރެޝަންފަދަ ކަމެއްގެ ހިސްޓްރީ ހުރުން
  •  މަޑުމައިތިރި އަދި މާބޮޑަށް ލަދުގަންނަ ފަދަ މިޒާޖެއް ހުރުން  
  • އެކަށީގެންވާ ވަރުގެ ގުޅުމެއް މައިންބަފައިންނަށް ނުބޭއްވުން     
  • އުމުރުގެ އެހެން ކުދިންނާ އެކީގައި ގުޅިގެން އުޅެން އުނދަގޫވުން  

މީގެ އިތުރުން މިއީ ދިރިއުޅުމުގައި ދިމާވާ ވަކި ހާއްސަ ކަމަކާއި ގުޅިގެންވެސް ކުއްޖަކަށް ދިމާވެދާނެ ކަމެކެވެ.  މިސާލަކަށް އާ ގެއަކަށް ބަދަލުވުން, ސްކޫލް ބަދަލުވުން, މައިންބަފައިން ވަރިވުން ނުވަތަ ގާތް އާއިލާ މެންބަރެއް ވަކިވެދިއުން ހިމެނެ އެވެ.

 އެމެރިކާގެ ބައެއް ތަފާސް ހިސާބުތަކުން ދައްކާގޮތުން އުމުރުން 9 އަހަރާއި 17 އަހަރާއި ދެމެދުގެ ކޮންމެ 100 އަކުން 13 ކުއްޖެއްގެ ކިބައިގައި ކޮންމެވެސް ކަހަލަ އެންޒައިޓީ އެއް ހުރެ އެވެ. އަދި ގާތްގަނޑަކަށް 4 އިންސައްތަ ކުދިންނަކީ ސެޕަރޭޝަން އެންޒައިޓީ ތަހައްމަލު ކުރާ ކުދިންނެވެ.  

ވަގުތު ނަގާނެ, އެކަމަކު ހައްލު ކުރެވޭނެ

ސެޕަރޭޝަން އެންޒައިޓީގެ އަސަރުކޮށް ދިގުލައިގެން ދާނަމަ ސައިކޮލޮޖިސްޓަކަށް ދައްކާ ކުއްޖާގެ ހާލަތު ދެނެގަތުމަކީ މުހިންމު ކަމެކެވެ. ހާއްސަކޮށް މިކަމުގެ ސަބަބުން އާންމު ދިރިއުޅުމަށް އަސަރުކުރާނަމަ އެއީ ކޮންމެހެންވެސް އެހީތެރިކަން ބޭނުންވާ ކަމުގެ ރަތް ސިގްނަލެކެވެ. މިކަމަށް ފަރުވާ ކުރުމުގެ ގޮތުން ކޮގްނިޓިވް ބިހޭވިއާ ތެރަޕީގެ އެހީގައި އެންޒައިޓީއާއި ކުރިމަތިލާން ކުދިންނަށް ދަސްކޮށްދެވެ އެވެ. އަދި މާ ބޮޑަށް ހާލަތު ގޯސްނަމަ ބޭސް ވެސް ބޭނުންކުރަންޖެހެ އެވެ.  

ތަޖުރިބާކާރުން ބުނާގޮތުގައި މިފަދަ އެންޒައިޓީއެއް ރަނގަޅު ކުރުމަށްޓަކައި އެންމެ މުހިންމީ ދަރިފުޅާ އޮންނަ ގުޅުން ވަރުގަދަކޮށް ބަދަހި ކުރުމެވެ. ކުދިންނާ އެކީގައި ރަނގަޅު ކޮލިޓީ ވަގުތު ހޭދަކުރުމެވެ.  ހާއްސަކޮށް ކުއްޖާ ކައިރިއަށް އެނބުރި އައުމަށްފަހު ބައްދާލާ، ދަރިފުޅު ދެކެ ވާ ލޯބި ހާމަކުރުމަކީ ނުވަތަ ބުނުމަކީ ވަރަށް މުހިންމު ކަމެކެވެ.  

"އެޓޭޗްމަންޓް ފިގާއަކީ މިސާލަކަށް މަންމަ ނަމަ، ކުދިން ވަރަށް އަވަހަށް މަންމަ ދަސްކުރާނެ. އެހެންވީމަ ދޮގެއް ހަދައިގެން ނޫނީ ފިލަފިލައިން ވަގުވަގަށް ދިއުމުގެ ބަދަލުގައި ތެދަށް ކިޔައިދީ ކުއްޖާ ރުޔަސް ކުރަންޖެހޭ ކަމެއް ކުރަން ދިއުން އެންމެ ރަނގަޅީ. މަންމަ ދިޔަޔަސް އަންނާނެ ކަމުގެ އިހުސާސް ކުއްޖާ އަށް ދަސްކުރެވޭނީ ވެސް އެކަމަށް ފުރުސަތު ދީގެން" ޝަޒީނާ އިތުރަށް ތަފްސީލު ކޮށްދިނެވެ. 

އާންމުގޮތެއްގައި މިފަދަ ބޮޑެތި އެޓޭޗްމަންޓްތައް ކުދިންގެ ހިތުގައި އުފެދެނީ އެކުދިންނާއި އެކީ އެންމެ ގިނަ ވަގުތު ހޭދަކުރާ މީހަކާ އެކުގަ އެވެ. އެހެން ނަމަވެސް، ވީހާވެސް ބޮޑަށް ކުއްޖާ ސޯޝަލައިޒް ކޮށް މީހުންގެ ތެރެއަށް ނެރެ، އެ އުމުރުގެ ކުދިންނާއި އެކީގައި ވަގުތު ހޭދަކުރަން ފުރުސަތު ދިނުމަކީ ވެސް މިކަން ރަނގަޅު ކުރަން ކުރެވިދާނެ ކަމެކެވެ. 

 "އަބަދު ގާތުގައި ހުންނާނެ ކަމުގެ ޕްރޮމިސް އެއް ނުކުރެވޭނެ. އެކަމަކު ކަންކަން ދިމާވާނެ ކަމާއި, ބައެއްފަހަރު ދާން ޖެހޭނެކަމާއި އެކަމަކު މަންމަމެން އަބަދުވެސް ކުދިންދެކެ ލޯބިވާނެކަން އަދި އެކުގައިވާނެކަން ބުނެދިނުން ވަރަށް މުހިންމު"  

ހިތުގައި އުފެދޭ ހުރިހާ އިހުސާސެއް ދުލުކުރިއަށް ގެނެސް ބުނެދޭން ނޭނގޭ ވަރުގެ ކުއްޖަކު ރޮއެ، ކަރުނަތައް ބަންޑުންކޮށްލާ ކޮންމެ ފަހަރަކީ ބުނާ އެއްޗެއް ނޭނގޭތީ، ނުވަތަ އަޑު ނީވޭތީ ގޮތް ދޫކޮށްލަން ބޭނުން ނުވެގެން ރޯ ރުއިމެއް ނޫނެވެ. އެއީ، އެ ރުއިމުގައި އެއަށްވުރެ މާ ފުން, މާ ގިނަ ވާަހަކަތަކެއް ބުނެދޭ ކަމެކެވެ.