Advertisement

ފްލައިން ސްކޫލަށް ގައުމީ ޔުނިވާސިޓީން ދެ މިލިއަން ޑޮލަރު އިންވެސްޓްކުރަނީ

17 ނޮވެންބަރު 2021 - 20:57 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އައްޑޫ ފްލައިން ސްކޫލުގައި މީގެ ކުރިން އޭއޭއޭއިން ބޭނުންކުރިން މަތިންދާބޯޓުތަކެއް. އެ ސްކޫލަށް އާ މަތިންދާބޯޓު ގަތުމަށް އެމްއެންޔޫއިން ދަނީ ދެ މިލިއަން ޑޮލަރު ހަރަދުކުރަން މަޝްވަރާކުރަމުން-- ފޮޓޯ: ފޭސްބުކް


ފްލައިން ސްކޫލަށް ގައުމީ ޔުނިވާސިޓީން ދެ މިލިއަން ޑޮލަރު އިންވެސްޓްކުރަނީ

17 ނޮވެންބަރު 2021 - 20:57 0

އައްޑޫގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި އައިލެންޑް އޭވިއޭޝަން ގުޅިގެން ފަށަން ނިންމާފައިވާ ފްލައިން ސްކޫލަށް މަތިންދާބޯޓު ގަތުމަށާއި، ހޭންގަރު ހެދުމަށާއި އަދި އެހެނިހެން މަސައްކަތްތަކަށް ދެ މިލިއަނެއްހާ ޑޮލަރު އިންވެސްޓްކުރުމަށް މަޝްވަރާކުރަމުންދާކަމަށް ޔުނިވާސިޓީން ބުނެފި އެވެ.

ޔުނިވާސިޓީގެ ވައިސް ޗާންސެލާ މުހައްމަދު ޝަަރީފް ވިދާޅުވީ، އެ އިންވެސްޓްމެންޓަކީ ސްކޫލަށް ބޭނުންވާ މަތިންދާބޯޓު ފަދަ ތަކެތި ގަނެ، ސްކޫލު ފަށައިގަންނަން ކުރަން ޖެހޭ ކަންކަމަށް ކުރާ ހަރަދެއް ކަމަށެވެ. އެހެންނަމަވެސް އެ އަދަދަކީ އަދި އެއްވެސް ހާލެއްގައި ނިމިފަ އޮތް އަދަދެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ސްކޫލު ހިންގަންޏާ މަތިންދާބޯޓު ހުންނަން ޖެހޭނެތާ. ދެން ހޭންގަރު ހެދުމާއި އެކަހަލަ އެކި އެކި މަސައްކަތްތަކަށް ގާތްގަނޑަކަށް ދެ މިލިއަނެއްހާ ޑޮލަރު އިންވެސްޓްކުރުމަށް މަޝްވަރާކުރަމުން ދަނީ،" ޝަރީފް ވިދާޅުވި އެވެ.

އެ އިންވެސްޓްމެންޓުގެ ދަށުން އެ ސްކޫލަށް ގަންނާނީ ކިތައް މަތިންދާބޯޓުކަމެއް ޝަރީފް ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް ޔުނިވާސިޓީ އާއި އައިލެންޑް އޭވިއޭޝަން ގުޅިގެން އުފައްދާ ޖޭވީ ކުންފުންޏެއްގެ ދަށުން ހިންގަން މަސައްކަތްކުރަމުންދާ އެ ފްލައިން ސްކޫލް އަންނަ މަސް ތެރޭ ފެށޭނެކަމަށް ޝަރީފް ލަފާކުރައްވަ އެވެ.

އައިލެންޑް އޭވިއޭޝަނުން ވެސް ވަނީ މީގެ ކުރިން ފްލައިން ސްކޫލް އަންނަ މަސްތެރޭ ފެށޭތޯ މަސައްކަތްކުރަމުންދާކަމަށް ބުނެފަ އެވެ. ފްލައިން ސްކޫލު މެނޭޖުކުރުމަށް ހަމަޖެހިފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލަކުންނެވެ.

އައިލެންޑް އޭވިއޭޝަނާއި އެމްއެންޔޫ ގުޅިގެން ފްލައިން ސްކޫލް ހިންގަން ނިންމާފައިވަނީ، އެތަން ކުރިން ހިންގި އޭޝިއަން އެކަޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިން ކުދިންނާމެދު ތަފާތުކޮށް، ދަރިވަރުންގެ އަތުން އިތުރަށް ނުހައްގު ފައިސާ ނަގައި، ކޯސް ދިގު ދަންމަމުން ގެންދިޔަ ކަމުގެ ޝަކުވާގެ މައްސަލަ ބޮޑުވެ، އޭއޭއޭއާއެކު ފްލައިން ސްކޫލުގެ އެއްބަސްވުން އާ ނުކުރަން އައްޑޫ އެއާޕޯޓު ކުންފުނިން ނިންމި ފަހުންނެވެ.

އެހެން ނަމަވެސް އޭގެ ފަހުން ވެސް އޭއޭއޭއިން ވަނީ ބޭރު ދަރިވަރުންގެ އަތުން ފްލައިން ސްކޫލުގައި ކޯސް ހެދުމަށްކަމަށް ބުނެ ބޮޑެތި އަދަދުތަކުން ފައިސާ ނަގައިފަ އެވެ.

އޭގެ ފަހުން އެވިޑު ކޮލެޖުން ވެސް ވަނީ ފްލައިން ސްކޫލު ހިންގަން މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް އެ މަސައްކަތް އެއްވެސް ކޮޅެއްގައި ނުޖެހި ފަހުން އެވިޑުން ވަނީ އެ މަސައްކަތް އެއްކޮށް ހުއްޓާލާފަ އެވެ.

އޭއޭއޭގެ ދަށުން ކިޔެވުން ފެށި އެތައް އަހަރެއްވީއިރު ވެސް ކީސް ނުނިމިފައިވާ 100 އެއްހާ ދަރިވަރުން އަދިވެސް އެބަ ތިއްބެވެ. އައިލެންޑް އޭވިއޭޝަނުން ވަނީ މީގެ ކުރިން އާ ފްލައިން ސްކޫލުން އެންރޯލްކުރުމުގައި އެ ކުދިންނަށް އިސްކަން ދޭނޭކަމަށް ބުނެފަ އެވެ.

އައިލެންޑް އޭވިއޭޝަނާއި އެމްއެންޔޫއިން ފަށާ ފްލައިން ސްކޫލުގެ އިތުރުން މަންޓާ އެއާއިން ވެސް ދަނީ އަންނަ އަހަރު ތެރޭ ފްލައިން ސްކޫލެއް ފެށުމަށް ތައްޔާރުވަމުންނެވެ.