Advertisement

ފެލިވަރުގައި ހިނގި 1.5 މިލިއަން ރުފިޔާގެ ހިޔާނާތުގެ ޝަރީއަތް ނިމުމަކާ ގާތަށް

17 ނޮވެންބަރު 2021 - 13:13 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

މުހައްމަދު އިމްތިޔާޒް: މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ވިޔަފާރިއަކަށް ނާޖާއިޒް ފައިދާ ހޯދަދިން ކަމުގެ ދައުވާ ވަނީ އުފުލާފައި.


ފެލިވަރުގައި ހިނގި 1.5 މިލިއަން ރުފިޔާގެ ހިޔާނާތުގެ ޝަރީއަތް ނިމުމަކާ ގާތަށް

17 ނޮވެންބަރު 2021 - 13:13 0

މީގެ ނުވަ ވަރަކަށް އަހަރު ކުރިން ފެލިވަރު އޭރު ހިންގި, ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަނެއްގެ މަގާމުގައި ހުރެގެން މުހައްމަދު އިމްތިޔާޒް ހިންގި ކަމަށް ތުހުމަތު ކުރެވޭ، 1.5 މިލިއަން ރުފިޔާގެ ހިޔާނާތެއްގެ މައްސަލާގެ ޝަރީއަތް ނިމުމާ ގާތްވެއްޖެ އެވެ.

މިއީ އިމްތިޔާޒް ފެލިވަރުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުރެ، 1،535،060 (އެއްމިލިއަން ފަސްލައްކަ ތިރީސް ފަސްހާސް ފަސްދޮޅަސް ރުފިޔާ)ގެ އަގުހުރި 2000 ދަޅު މަސް ކޭސް އޭނާގެ ވިޔަފާރީއަކަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދޫކުރި ކަމަށް ތުހުމަތުވާ މައްސަލައެކެވެ. އަމިއްލަ ފަރާތަކުން އިސްވެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި މި މައްސަލާގައި ދައުވާކޮށްދިނުމަށް އެ ކޮމިޝަނުން އެެދިފައި ވަނީ 26 ސެޕްޓެމްބަރު 2012 ގަ އެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ އާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ދައުލަތަށް ނުލިބިވާ -/1،235،060ރ (އެއްމިލިއަން ދެލައްކަ ތިރީސް ފަސްހާސް ފަސްދޮޅަސް ރުފިޔާ) ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އިމްތިޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ 18 ފެބްރުއަރީ 2013 ގަ އެވެ.

މި މައްސަލާގައި މިހާތަނަށް 24 އަޑުއެހުން ތާވަލްކޮށްފައިވާއިރު އިއްޔެ ވެސް އަޑުއެހުމެއް ކުރިއަށް ގެންދިޔަ އެވެ. މި މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ ޗުއްޓީގައި ހުންނެވުމުން އެ ކޯޓުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ގާޒީ އަލީ އާދަމް އެވެ.

އިއްޔެ ހެނދުނު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ކުރިއަށް ދިޔައީ ދައުލަތުން ހުށަހެޅި ޝަފައީ ހެކިވެރިންގެ ހެކިބަސް ނެނގުމުގެ މަރުހަލާ އެވެ. އޭސީސީގެ ތަހުގީގަށް މައުލޫމާތު ދީފައިވާ ދެ މީހެއްގެ ހެކިބަސް އިއްޔެގެ އަޑުއެހުމުގައި ނަގާފައިވާއިރު، ދައުލަތުން ހުށަހެޅި ޖުމްލަ ތިން މީހެއްގެ ހެކިބަސް ނަގާފައިވެ އެވެ.

އޭރު ފެލިވަރު އެސިސްޓެންޓް ޖެނެރަލް މެނޭޖަރަކަށް ހުރި މުހައްމަދު އަރީފް އިއްޔެ ކުރިއަށް ދިޔަ އަޑުއެހުމުގައި ހެކިބަސްދެމުން ވިދާޅުވީ މި މައްސަލަ ފެންމަތިވިއިރު، އެ ކުންފުނީގެ ޗެއާމަންއަކަށް ހުރި އިމްތިޔާޒުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އޭއެންޔޫ ފްރެޝް ފާމްއަށް 2000 ދަޅު މަސް ކޭސް ކްރެޑިޓަށް ދޫކޮށްފައިވާ ކަމަށެވެ. އަދި އެ މުއާމަލާތް ކުރެއްވިއިރު، އެގްރިމެންޓްއެއް ހެދިފައި ނުވާ ކަމަށާއި، އޭނާ ހަވާލުވެ ހުރި އެކައުންޓްސް ޑިޕާޓްމެންޓުން ކުރިހާވެސް ކަމަކީ އިންވޮއިސް ޕްރިންޓް ކުރުމަށްފަހު ސްޓޭޕް ޖަހާ، އެ ބިލު އޭއެންޔޫ ފްރެޝް ފާމްއަށް ރައްދު ކުރުން ކަމަށެވެ.

އިއްޔެގެ ޝަރީއަތުގެ އަޑުއެހުމުގައި ދެން ހެކިބަސް ދީފަައި ވަނީ އޭރު ފެލިވަރުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ އަހްމަދެވެ. އޭނާ ވިދާޅުވި ގޮތުގައި އޭރު އެ ކުންފުނީގެ އުސޫލު އޮންނަ އޮތުން އެމްޑީ ވެސް ސްލޭސްގެ މަސައްތުގައި ޝާމިލްވެ، އުޅެން ޖެހެ އެވެ. އެގޮތުން އިމްތިޔާޒްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އޭއެންޔޫ ފްރެޝް ފާމްއަށް މަސްދަޅު ކޭސްތައް ދޫކުރީ، ޗެއާމަންއާއި މުއާމަލާތު ކުރެވިގެން ކަމަށާއި، އެ މަސްދަޅު ކޭސްތައް ދޫކުރިއިރު، މުދާ ރައްދު ކުރެވޭ ވިޔަފާރީއަކީ ޗެއާމަންގެ ހިއްސާ އޮންނަ ކުންފުންޏެއްކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 1.5 މިލިއަން ރުފިޔާގެ ތެރެއިން ނުދައްކާ ހުރި 1.2 މިލިއަން ރުފިޔާ ހޯދުމަށް ޗެއާމަންއަށް ގުޅި ކަމަށާއި، އެކި ފަހަރު މަތިން ފޯނުން މުއާމަލާތު ކުރެވުނު ކަމަށް ހެކި ބަސް ދެމުން ފާހަގަކުރެއްވި އެވެ.

އިއްޔެ އަޑުއެހުން ނިންމާލީ މި ދެ ހެކިވެރިންގެ ހެކިބަސް ނެގުމަށްފަހު އެވެ. ގާޒީ އަލީ އާދަމް ވިދާޅުވީ ދެން އޮންނަ އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ހަތަރު ވަނަ ހެކިވެރިޔާގެ ހެކި ބަސް ނަގާނެ ކަމަށެވެ. މި ތުހުމަތުތަކުން ބަރީއަވުމަށް އިމްތިޔާޒުގެ ފަރާތުން ދިފާއުގައި ދެ ޝަފައީ ހެކިވެރިންނާއި، ކިޔާބީ ހެއްކެއް ހުށަހަޅާފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދިފާއީ ވަކީލް، އާދަމް އާސިފް މި ނޫހާ ވާހަދައްކަވަމުން ވިދާޅުވީ މި މައްސަލަ ސާބިތު ނުވާނެ ކަމަށާއި، އިމްތިޔާޒަށް ދައުވާ ކޮށްފައި ވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މި މައްސަލަ ސާބިތުވާ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައެއް ނުވެ އެވެ.

ކުރީ ސަރުކާރުގައި މައްސަލައިގެ އަޑުއެހުންތައް ހުއްޓުނު


މި މައްސަލާގައި ކްރިމިނަލް ކޯޓުގައި ތާވަލް ކުރެވިފައިވާ އަޑުއެހުންތައް: 2014 - 2 އަޑުއެހުން 2015 - 4 އަޑުއެހުން 2016 - އެއްވެސް އަޑުއެހުމެއް ބޭއްވިފައި ނުވޭ 2017 - އެއްވެސް އަޑުއެހުމެއް ބޭއްވިފައި ނުވޭ 2018 - 1 އަޑުއެހުން 2019 - 3 އަޑުއެހުން 2020 - 7 އަޑުއެހުން 2021 - މިހާތަނަށް 7 އަޑުއެހުމެއް

މައްސަލަ ހިނގައިދިޔަ ގޮތް

އޭސީސީން އާންމު ކުރި މި މައްސަލައިގެ ތަހުގީގީ ރިޕޯޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު، އޭއެންޔޫ ފްރެޝް ފާމްގެ މެނޭޖަރު ކަމަށް ބަޔާންކޮށް ޕާޗޭސް އޯޑަރުގައި ސޮއިކޮށްފައި ވަނީ އިމްތިޔާޒްއާ ދެބެއިންގެ ދެރަރި މީހެއް ކަމަށްވާ މުހައްމަދު ސިރާޖް އެވެ. އެހެންނަމަވެސް އޭނާއަކީ އެ ކުންފުނީގެ މުވައްޒަފެއް ނޫން ކަމަށް، އެ ވިޔަފާރީގެ ވެރިފަރާތުން ބުނެފައިވާ ކަމަށް އެރިޕޯޓްގައި ވެއެވެ.

އެ ރިޕޯޓުން ހާމަވާ ގޮތުގައި 2000 ދަޅު ކޭސް މަސް އެ ކުންފުންޏަށް ދޫކޮށްފައި ވަނީ އެ ކުންފުނީގެ ރަޖިސްޓްރޭޝަން އާ ނުކޮށްގެން ބާތިލްކޮށްފައި ވަނިކޮށެވެ. އަދި މިފަދަ ބޮޑު އަދަދެއްގެ މުދާ ކްރެޑިޓަށް ދޫކޮށްފައި ވާއިރު، ޑިޕޮސިޓެއް ނުވަތަ ގެރެންޓީއެއް ހިފަހައްޓާފައި ނުވާ ކަމަށްވެ އެވެ.

އޭރު ކްރެޑިޓަށް ފައިސާ ދޫކުރުމުގެ އުސޫލެއް ފެލިވަރުގައި ހެދިފައި ނުވިނަމަވެސް، ބޮޑު އަދަދެއްގެ މުދާ ކްރެޑިޓަށް ދޫކުރުމުގައި ބަލަން ޖެހޭ ވަރަށް ނުބަލާ، ކުންފުންޏަށް ގެއްލުންވާ ގޮތަށް މުދާ ދޫކޮށްފައި ވާތީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްޑީ އަލީ އަހްމަދަށްވެސް ދައުވާކޮށްދިނުމަށް އޭސީސީން އެދުނެވެ. ދައުލަތުން ވަނީ އިމްތިޔާޒަށް ކުރާ ދައުވާ ސާބިތުކުރަން އޭނާ ހެކިވެރިއެއްގެ ގޮތުގައިވެސް ހުށަހަޅާފަ އެވެ.

އޭސީސީން މި މައްސަލާގައި ދައުވާ ކުރަން ފޮނުވިއިރު، އިމްތިޔާޒު ހުރީ ދުބާއީ ގައެވެ. އޭރު އޭނާ ވިދާޅުވަމުން ގެންދެވީ އެ ތުހުމަތަކީ އޭނާ މަގާމުން ވަކިކުރުމަށް ސަރުކާރުން ދައްކާ ވާހަކައެއް ކަމަށެވެ. އަދި މަގާމުން ދުރުކުރުމަށްފަހު އެ މައްސަލަ އޮބޭނެ ކަމަށެވެ.

ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަންގެ މަގާމަށް އޭނާ އައްޔަން ކުރީ ޖުމްހޫރީ ޕާޓީން އޭނާގެ ނަން ހުށަހެޅުމާއި ގުޅިގެންނެވެ. އޭރު އޭނާއަކީ ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރާ ޖެނެރަލްގެ މަގާމު ފުރުއްވަމުން ދިޔަ ބޭފުޅެކެވެ.

މި މައްސަލަ ފެންމަތިވުމާއެކު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ދެ މެމްބަރަކު ވެސް މަގާމުން ދުރުކޮށްފައިވެ އެވެ.