Advertisement

އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

17 ނޮވެންބަރު 2021 - 07:27 0


އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

17 ނޮވެންބަރު 2021 - 07:27 0

ސައޮ ޕައޮލޯ (ނޮވެމްބަރު 17) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބްރެޒިލާ ދެކޮޅަށް ލަނޑެއް ނުޖެހި 0-0 އިން އާޖެންޓީނާ އެއްވަރުވިއިރު، ފަހުން ކުޅުނު މެޗުން އެކުއެޑޯ އިން ޗިލީ ބަލިކުރުމުން އާޖެންޓީނާ އަށް ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުވެއްޖެ އެވެ.

އާޖެންޓީނާ އަކީ ދެކުނު އެމެރިކާ އިން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރި ދެ ވަނަ ޓީމެވެ. ބްރެޒިލަކީ އެ ބައްރުން ފުރަތަމަ ވޯލްޑް ކަޕަށް ކޮލިފައިވި ޓީމެވެ.

ރޭ ބްރެޒިލްގައި އެ ޓީމާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗު އެއްވަރުވެގެން ނިމުނުއިރު، އާޖެންޓީނާ އަށް ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުވީ އެކުއެޑޯ އިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ޗިލީގެ މައްޗަށް 2-0 އިން ކުރިހޯދުމުންނެވެ. ޗިލީގެ އާޓޫރޯ ވިޑާލް ކުރި ނުރައްކާތެރި ފައުލަކަށް އޭނާ އަށް ސީދާ ރަތް ކާޑެއް ދެއްކި އެވެ.

ދެކުނު އެމެރިކާގެ ކޮލިފައިން ތާވަލަށް ބަލާއިރު، މެޗަކުން ބަލިނުވެ އެންމެ ކުރީގައި އޮތީ ބްރެޒިލް އެވެ. ބްރެޒިލަށް ވަނީ 13 މެޗުން 35 ޕޮއިންޓް ލިބިފަ އެވެ. އާޖެންޓީނާ ވެސް އަދި މެޗަކުން ބަލިނުވެ އެވެ. އާޖެންޜީނާ އަށް 13 މެޗުން ވަނީ 29 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެކުއެޑޯ އަށް 14 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތީ 14 މެޗުން 17 ޕޮއިންޓާ އެކު ކޮލަމްބިއާ އެވެ.

ކޮލިފައިންގައި ކޮންމެ ޓީމަކަށް ބާކީ ހަތަރު މެޗު އެބައޮތެވެ. ދެކުނު އެމެރިކާ އިން ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބެނީ ހަތަރު ގައުމަކަށެވެ. ފަސް ވަނަ އަށް ނިންމާ ޓީމެއް ޖެހޭނީ ޕްލޭއޮފްގައި ކުޅޭށެވެ.

ބްރެޒިލްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ކުޅުނީ އަނިޔާގެ ސަބަބުން ނޭމާ ނުލަ އެވެ. އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ މި މެޗުގައި ކުޅުނުއިރު، ބްރެޒިލް ކުޅުންތެރިން ވަނީ އޭނާ ހުއްޓުވުމުގައި ކުރިހޯދައިފަ އެވެ. މެސީ އާއި އާޖެންޓީނާގެ ރޮޑްރީގޯ ޑެ ޕޯލް ޖެހި ޝޮޓްތައް ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ މަތަކުރީ އެވެ. އަނެއް ކޮޅުން ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ އަށް ލިބުނު ފުރުސަތު ބޭނުން ނުކުރެވިދިޔައިރު، އެ ޓީމުގެ ފްރެޑް ފޮނުވާލި ބޯޅައެއް ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.