Advertisement

ނެދަލެންޑްސް ވެސް ގަތަރު ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

17 ނޮވެންބަރު 2021 - 07:02 0


ނެދަލެންޑްސް ވެސް ގަތަރު ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

17 ނޮވެންބަރު 2021 - 07:02 0

އަމްސްޓެޑަމް (ނޮވެމްބަރު 17) - ކޮލިފައިންގައި ރޭ ނޯވޭ އަތުން 2-0 އިން މޮޅުވެ، ނެދަލެންޑްސް އިން އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ގަތަރުގައި އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕުގެ ޖާގަ ހޯދާފައިވަނީ ހޯސްޓްގެ ހައިސިއްޔަތުން ގަތަރުގެ އިތުރުން 12 ގައުމަކުންނެވެ. އެއީ ދެކުނު އެމެރިކާގެ ބްރެޒިލާއި އާޖެންޓީނާގެ އިތުރުން ޔޫރަޕްގެ 10 ގައުމެކެވެ. ޔޫރަޕްގެ ގައުމުތަކަކީ ނެދަލެންޑްސްގެ އިތުރުން ޖަރުމަނާއި ފްރާންސް، ޑެންމާކް، ބެލްޖިއަމް، ސްޕެއިން، ސާބިއާ، ކްރޮއޭޝިއާ، އިންގްލެންޑް އަދި ސްވިޒަލެންޑް އެވެ.

ފޯރިގަދަ ކުޅުމަކަށް ފަހު ރޭގެ މެޗުގައި ނެދަލެންޑްސް އިން ގޯލުތައް ޖެހީ މެޗުގެ ފަހު ވަގުތުގަ އެވެ. ނެދަލެންޑްސް އިން ލީޑުނެގި ގޯލު މެޗުގެ 84 ވަނަ މިނިޓްގައި އާނޯޓް ޑަންޖޫމާ ދިން ބޯޅައަކުން ޖެހީ ސްޓީވެން ބާގްވެއިން އެވެ. އަދި ބާގްވައިން ތަނަވަސްކޮށްދިން ފުރުސަތެއްގައި މެޗުގެ އިތުރު ވަގުތުގައި ނެދަލެންޑްސްގެ ދެ ވަނަ ގޯލު ޖެހީ މެމްފިސް ޑިޕާއި އެވެ.

ކޮލިފައިންގައި އެންމެ ގިނަ ގޯލު ޖެހީ ޑިޕާއިގެ އިތުރުން ހެރީ ކޭން އެވެ. ދެ ކުޅުންތެރިން ވެސް 12 ގޯލު ޖެހި އެވެ.

ނެދަލެންޑްސް އިން ކޮލިފައިން ގްރޫޕް ޖީގެ އެއް ވަނަ ހޯދީ 10 މެޗުން 23 ޕޮއިންޓާ އެކު އެވެ. މި ގްރޫޕުން ޕްލޭއޮފްގެ ޖާގަ ކަށަވަރުކުރީ ރޭ މޮންޓަނެގްރޯ ދަނޑުގައި 2-1 އިން މޮޅުވި ތުރުކީ އެވެ. ތުރުކީ ވަނީ 10 މެޗުން 21 ޕޮއިންޓް ހޯދައިފަ އެވެ.

ނެދަލެންޑްސް އިން އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތުގަ އެވެެ. އޭރު ނެދަލެންޑްސްގެ ކޯޗަކަށް ހުރީ މިހާރު އެ ޓީމާ ހަވާލުވެ ހުރި ލުއީ ވެން ހާލް އެވެ. އޭނާ ވަނީ އެ ފަހަރު ނެދަލެންޑްސް އަށް ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިދީފަ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ނެދަލެންޑްސް ކޮލިފައިނުވެ އެެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން ފްރާންސް އިން ކޮލިފައިން ނިންމާލީ ރޭ ފިންލެންޑް ދަނޑުގައި 2-0 އިން ހޯދި މޮޅާ އެކު އެވެ. ފްރާންސްގެ ގޯލުތައް ޖެހީ ކީލިއަން އެމްބާޕޭ އާއި ކަރިމް ބެންޒެމާ އެވެ.