Advertisement

ޔާމީންގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި

16 ނޮވެންބަރު 2021 - 18:22 0

އަމަން ހަލީމް

އަމަން ހަލީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން: މި ދުވަސްކޮޅު އެމަނިކުފާނު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފައި. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ޔާމީންގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި

16 ނޮވެންބަރު 2021 - 18:22 0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިން މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް ބުރާސްފަތި ދުވަހު ބާއްވަން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓަށް ހިޔާނާތްތެރިވި މައްސަލާގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލީ ނިމުނު އޮކްޓޫބަރު މަހުގެ 5 ގައެވެ.

އޭރު އަޑުއެހުންތައް ނިންމާލީ މައްސަލާގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރާ ގޮތަށެވެ. އެ ދުވަހުގެ ޝަރީއަތުގެ މަޖިލިހުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި މަހާޒު އަލީ ވިދާޅުވީ މި މައްސަލާގައި ބޮޑެތި ދިރާސާތަކެއް ކުރަން ޖެހޭތީ ދުވަސްތަކެއް ނަގާނެ ކަމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓު ރީސެސްއަށް ދިޔުމުގެ ކުރިން މައްސަލަައިގައި ހުކުމް އިއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެ ކޯޓު ރިސެސްއަށް ދާން ދެން އޮތީ ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަހެވެ.

މިހާތަނަށް ބޭއްވި އަޑުއެހުންތަކުގައި ޔާމީން ވަނީ އެއީ ގޯސްކޮށް ލިބިވަޑައިގެންނެވި ފައިސާތަކެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ މައްސަލައިގެ ތުހުމަތުން ބަރީއަވެވަޑައިގެންފަ އެވެ.

އެގޮތުން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޔާމީން ވަނީ އެ މަނިކުފާނާ މެދު ވަަރަށް ބޮޑަށް ބޭއިންސާފުން އަމަލުކޮށްފައިވާ ކަަމަށާއި އެކަންކަމަށް ރިއާޔަތްކޮށްދިނުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންނަވާފަ އެވެ.

ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގު އެންމެންގެ މައްޗަށް ހިންގަމުންދާއިރު, އެމަނިކުފާނުގެ މައްޗަށް އެކަނި ދައުވާ އުފުލުމުން ގަބޫލުކުރެވެނީ ދައުލަތުން އަމަލު ކުރަމުން ދަނީ އެމަނިކުފާނާމެދު ތަފާތުކޮށް ކަމަށެވެ. އަދި ދަށު ކޯޓުން ފެށިގެން ބޭއިންސާފުން އަމަލު ކުރަމުން ދިޔައިރު, ގިނަ ހައްގުތަކަކުން މަހުރޫމްވި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެހެންވެ, މި މައްސަލާގައި ސުޕްރީމް ކޯޓުން ވީއެންމެ އަވަހަކަށް ގޮތެއް ނިންމަވައިދެއްވުމަށް ޔާމީން އެދިވަޑައިގަތެވެ.

ޔާމީންގެ ވަކީލުންގެ ޓީމުން ފާހަގަކުރި ގޮތުގައި ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުކޮށްފައިވަނީ މުޅި ކޮންސެޕްޓް އޮޅުވާލައިގެން ގާނޫނުގެ މާނަތައް އެފުށްމިފުށަށް ޖަހައިގެންނެވެ.

އެހެންކަމުން އެ ހުކުމް އެގޮތަށް ދަމަހައްޓައިފިނަމަ ތުހުމަތު ވެސް ނޭނގި ގިނަ ބައެއްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ކޯޓުގައި ބުންޏެވެ. އަދި އެކަންކަމަަށް ރިއާޔަތްކޮށް ހުކުމް ބާތިލުކޮށްދޭން އެދުނެވެ.

ނަމަވެސް, ދައުލަތުން ވަނީ ޔާމީންގެ މައްޗަށް އޮތް ހުކުމް ރަނގަޅު ކަމަށް ބުނެ, އެ ހުކުމް ދަމަހައްޓައިދިނުމަށް އެދިފަ އެވެ. އެގޮތުން ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވި ގޮތުގައި މަނީލޯންޑްރިން ކުށުގެ ހުރިހާ އުންސުރެއް ޔާމީންގެ މައްޗަށް ވަނީ ސާބިތުކޮށްދެވިފަ އެވެ. އަދި, މައްސަލާގައި އަމަލުކޮށްފައިވަނީ ގާނޫނީ އުސޫލުތަކުގެ ތެރެއިންނެވެ. އެހެންވެ, އެ ހުކުމް ބާތިލް ކުރާނެ ތަނެއް ނެތް ކަމަށެވެ.