Advertisement

ބަޖެޓު 22: މަސައްކަތް ލަސްކަމުގެ ޝަކުވާއަށް އޭސީސީން ތަކުރާރުކުރީ މުވައްޒަފުން މަދުވުން

16 ނޮވެންބަރު 2021 - 15:55 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އަންނަ އަހަރުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް އޭސީސީގެ ބައެއް މެމްބަރުން މިއަދު މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް


ބަޖެޓު 22: މަސައްކަތް ލަސްކަމުގެ ޝަކުވާއަށް އޭސީސީން ތަކުރާރުކުރީ މުވައްޒަފުން މަދުވުން

16 ނޮވެންބަރު 2021 - 15:55 0

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލަތައް ލަސްވާކަމުގެ ޝަކުވާ އިތުރުވަމުންދާއިރު، އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ އެކަށީގެންވާ އަދަދަށް މުވައްޒަފުން ނެތުން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓާބެހޭ ގޮތުން ބައެއް މުއައްސާސަތަކުން ވަނީ ޝަކުވާކޮށްފަ އެވެ.

އެގޮތުން، މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީގައި އޭސީސީގެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން، އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ސަލީމް ވިދާޅުވީ އަންނަ އަހަރަށް 41.5 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު ރިކަރެންޓް ހަރަދަށް 40.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

ސަލީމް ވިދާޅުވި ގޮތުގައި އޭސީސީގެ އިންވެސްޓިގޭޓަރުންގެ ގޮތުގައި މި ވަގުތު 38 މުވައްޒަފުން ތިބި އިރު، ބޭނުންވާ ފެންވަރަށް އެ މުވައްޒަފުން ތަމްރީން ކުރަން ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށެވެ.

ނަމަވެސް، މަގާމުގެ ކުރިއެރުމާއި މަސައްކަތް ބުރަވި ނަމަވެސް އިތުރުގަޑީގެ ފައިސާ ނުދެވުމުގެ ސަބަބުން އެގޮތަށް ތަމްރީން ކުރާ މުވައްޒަފުން ވަކިވެގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ބަޖެޓަށް އިތުރުކޮށްދޭން އޭސީސީން ހުށަހެޅި ކަންކަން

  • މުވައްޒަފުން އިތުރުކުރަން 3.3 މިލިއަން ރުފިޔާ.
  • އޯޓީ ދެވޭ ލިމިޓު 20 ޕަސަންޓް އިތުރުކުރަން 271،000ރ.
  • ޕްރޮމޯޝަން ދެވޭނެ ގޮތެއް ހަމަޖައްސައި ދިނުން.

އެކަމުގެ ސަބަބުން، މައްސަލަތައް ނުބެލި ދިގުލައިގެންދާތީ ރައްޔިތުންގެ އިތުރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލަތައް ނިންމުން ލަސްވާތީ ގިނަ ސުވާލުތަކެއް

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ދިގުލައިގެންދަނީ މުވައްޒަފުން މަދުވުމުގެ ސަބަބުން ކަމަށާއި، އެކަން ހައްލުކުރަން އެ މައްސަލައަށް ހާއްސަ އިތުރު 12 މުވައްޒަފުން ނެގުމަށް 3.3 މިލިއަން ރުފިޔާ ދިނުމަށް އޭސީސީން އެދުނެވެ.

އެއާއެކު، ކޮމިޓީގެ ގިނަ މެމްބަރުންގެ ސުވާލުތަކާއި ފާޑުކިޔުންތައް އޭސީސީގެ މެމްބަރުންނަށް މިއަދު ވެސް އަމާޒުވި އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެ ކޮމިޝަނުގެ މެމްބަރު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އަލީ އަޝްރަފް ވިދާޅުވީ މިހާރު ވެސް 1،145 މައްސަލަ އޭސީސީން ބަލަމުންދާ ކަމަށެވެ.

މިގޮތުން، އޭސީސީއަށް ހުށަހެޅޭ މައްސަލަތައް މިހާރު އިތުރުވެފައިވާއިރު، ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 15 ޝަކުވާ ހުށަހެޅޭއިރު، ކުށުގެ ރެކޯޑް ސާފުކުރަން ވެސް ގިނަ ބަޔަކު އެދޭކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހާ ގިނަ އަދަދެއްގެ މައްސަލަ ނުނިމި ދިގުލާތީ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެމުން އޭސީސީން މިއަދު ބުނީ މިހާރު ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި 548 މައްސަލައަކީ 2019 ވަނަ އަހަރުގެ ކުރިން ހުށަހެޅި، ވާރުތަވެފައިވާ މައްސަލަތައް ކަމަށެވެ.

"އަދި 240 މައްސަލަ އިވޭލިއުޝަންގަ ވެސް އެބަހުރި. މުވައްޒަފުން މަދުވުމުގެ ސަބަބުން މައްސަލަތައް ބެލުން ލަސްވެފަ މިވަނީ،" އަޝްރަފް ވިދާޅުވި އެވެ.

އޭސީސީން އެދޭ އަދަދަށް އިތުރު މުވައްޒަފުން ލިބިއްޖެނަމަ، އަންނަ އަހަރުގެ ތެރޭގައި އެމްއެމްޕީއާރުސީގެ މައްސަލަތައް ބަލައި ނިންމޭނެތޯ މެމްބަރަކު ސުވާލު ކުރެއްވުމުން، އަޝްރަފް ވިދާޅުވީ ބޮޑު ހިޔާނާތުގެ މައްސަލައަކީ ފުލުހުންގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނާ ގުޅިގެން ހިންގާ ތަހުގީގަކަށްވާތީ އެފަދަ ތާރީހެއް ދެއްވަން ދަތި ކަމަށެވެ.

ނަމަވެސް، އެ މައްސަލަތައް ބަލަން އިތުރު އިންވެސްޓިގޭޓަރުން ލިބިއްޖެނަމަ، އެ މައްސަލަތައް ބަލައި އަވަހަށް ނިންމަން ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.