Advertisement

ޖޫރިމަނާ ދެއްކުމުން ލަންކާ މަސްވެރިން ފުރުމުގެ ކަންކަން ހަމަޖެހިއްޖެ

16 ނޮވެންބަރު 2021 - 09:44 1

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްގެން ހިފެހެއްޓި ސްރީލަންކާގެ ދެ މަސް ބޯޓު. އެ ދެ ބޯޓު ވެސް ވަނީ 400،000 ރުފިޔާއިން ޖޫރިމަނާކޮށްފަ-- ފޮޓޯ:އެމްއެންޑީއެފް


ޖޫރިމަނާ ދެއްކުމުން ލަންކާ މަސްވެރިން ފުރުމުގެ ކަންކަން ހަމަޖެހިއްޖެ

16 ނޮވެންބަރު 2021 - 09:44 1

ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްގެން ހިފެހެއްޓި ސްރީ ލަންކާގެ ދެ މަސް ބޯޓުގެ ތެރެއިން އެއް ބޯޓުގެ ޖޫރިމަނާ ދައްކާފައިވާތީވެ، ދެ ބޯޓުގެ ފަޅުވެރިން ކުރިއަށް އޮތް 10 ދުވަސް ތެރޭ އަބުރާ ގައުމަށް ފުރަން ހަމަޖެހިފައިވާކަން "އަދަދު" އަށް ކަށަވަރު ވެއްޖެ އެވެ.

މައްސަލައިގައި ޒާތުން ނަން ނުޖެހުމަށް ޝަރުތުކޮށް، ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ މައްސަލައަކީ ލަންކާއަށް ނިސްބަތްވާ ދެ މަސް ބޯޓެއް ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ހުއްދަ ނުނަގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަން އުޅެނިކޮށް ކޯސްޓްގާޑުން އަތުލައިގަތް މައްސަލައެކެވެ. އެ ދެ ބޯޓު ވެސް މިވަގުތު އޮތީ ހުޅުމާލެ ފަޅުގަ އެވެ.

އެ މައްސަލައިގައި ހިމެނޭ ބޯޓުތަކުގެ ވެރިފަރާތް 400،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ސަރުކާރުގެ އެ އޮފިޝަލް ވިދާޅުވީ ދެ ބޯޓުގެ ވެރިޔާ ވަނީ އެތަނުން އެއް ބޯޓުގެ ޖޫރިމަނާ މިހާރު ދައްކާފަ އެވެ. އަދި ދެ ބޯޓުގެ ވެސް ފަޅުވެރިންނާއެކު ޖޫރިމަނާ ދައްކާފައިވާ ބޯޓު ކުރިއަށް 10 ދުވަސް ތެރޭ އަނބުރާ ގައުމަށް ފުރާގޮތަށް ވެސް ހަމަޖެހިފައިވާކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

"ދެވަނަ ބޯޓާއި ދޭތެރޭ ބޯޓުގެ ވެރިޔާ އަމަލުކުރަން ނިންމާފައިވާ ގޮތެއް އަދި ސާފެއް ނުވޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ މައްސަލައިގައި އަވަށްޓެރި ގައުމެއްގެ ބަޔަކަށް އިހާނެތިކޮށް ހިތައި ކެއުންބުއިން ފަދަ ކަންކަން ހަމަޖައްސައިނުދޭކަމަށް ބުނާ ވާހަކަތަކެއް މިފަހުން ސޯޝަލް މީޑިއާގައި ދައުރުވިނަމަވެސް، އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އަދި އެ މައްސަލައިގައި ބޯޓުގެ ވެރިން އެ ގައުމުގެ އެމްބަސީ މެދުވެރިކޮށް އެ މީހުންނަށް ފައިސާ ފޯރުކޮށްދީ، އެހީތެރިކަން ދީފައިވާކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

އެކަމަކު، މައްސަލައިގައި ހިމެނޭ ފަޅުވެރިންނާ ހަވާލުވުމުގައި ސަރުކާރުގެ އިދާރާތަކުގައި އޮޅުންތަކެއް އުޅޭ ކަމަށް އޭނާ ވިދާޅުވި ވެ.

"އެމީހުންނަކީ ހައްޔަރުގަ ތިބޭ ފަރާތްތަކެއް ނޫންވީމަ، ހަގީގަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ނުދާނެ. ދެން އަސްލު އިންނާނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ދާ ގޮތަށް. އެކަމަކު ކެޕޭސިޓީ ނެތުމާ، ދެން ގަވާއިދެއް ވެސް ނެތުން އެއީ އެކަން އެހެން ނުވެފައި އޮތް ސަބަބު،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައިގައި ފުލުހުން ބުނީ ފުލުހުންގެ ދައުރަކީ ހަމައެކަނި އެހީތެރިވުން ކަމަށެވެ. އަދި އެމީހުންގެ ކަންކަމަކީ ފިޝަރީޒް މިނިސްޓްރީން ކުރަން ޖެހޭ ކަމެއް ކަމަށް ފުލުހުން ބުންޏެވެ. އެކަމާ ގުޅިގެން މިނިސްޓްރީން ވަނީ ވަކި އެއްޗެއް ބުނަން ދެކޮޅު ހަދައިފަ އެވެ.