Advertisement

ހުކުމް ތަންފީޒުކުރުން ފަސްކުރިޔަސް ފައިސާ ދައްކަން ފުރަތަމަ ފަހަރަށް އަމުރުކޮށްފި

14 ނޮވެންބަރު 2021 - 13:41 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ހައިކޯޓު: ހުކުމް ތަންފީޒުކުރަން ފަސްކުރިޔަސް ފައިސާ ދައްކަން އަމުރެއް ވަނީ ނެރެފައި


ހުކުމް ތަންފީޒުކުރުން ފަސްކުރިޔަސް ފައިސާ ދައްކަން ފުރަތަމަ ފަހަރަށް އަމުރުކޮށްފި

14 ނޮވެންބަރު 2021 - 13:41 0

ހުކުމް ތަންފީޒުކުރަން އެންގި ނަމަވެސް, ހުކުމާ އެއްގޮތަށް ދަށު ކޯޓަށް ފައިސާ ދައްކަމުން ދިޔުމަށް ފުރަތަމަ ފަހަރަށް ހައިކޯޓުން އަމުރެއް ނެރެފި އެވެ.

މި އަމުރު ހައިކޯޓުން މިދިޔަ ބުދަ ދުވަހު ނެރެފައިވަނީ ޏ.ފުވައްމުލައް ނިއާ، ދޫޑިގަން، ނިޒާރު އަހުމަދު, ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑްއާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި ފައިސާގެ މައްސަލައެއްގަ އެވެ.

މި މައްސަލާގައި ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑްއަށް ނިޒާރު އަހުމަދު ފައިސާތަކެއް ދައްކަން ޖެހޭ ކަމަށެވެ. އެހެންވެ, އެ ފައިސާ ދައްކާ ހަލާސްކުރުމަށް ހުކުމްގައި މުއްދަތެއް ކަނޑައެޅި އެވެ.

އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް ނިޒާރު އެދިފައިވަނީ އެ ހުކުމް ތަންފީޒު ކުރުން ފަަސްކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް, ހައިކޯޓުގައި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ނިންމެވީ ތަފާތު ނިންމެވުމެކެވެ.

މީގެކުރިން ފައިސާގެ މައްސަލަތަކުގައި ވެސް ހުކުމް ތަންފީޒުކުރުމުގެ އަމުރެއް މަތީ ކޯޓަކުން ނެރެފިނަމަ, އެ ހިސާބުން ފައިސާ ދެއްކުން ވެސް މަޑުޖައްސާލަ އެވެ. ނަމަވެސް, ބުދަ ދުވަހު ހައިކޯޓުން ނެރުނު އަމުރުގައި ހުކުމް ތަންފީޒުކުރުން ފަސް ކުރިޔަސް, ފައިސާ ދައްކަމުން ދިޔުމަށް ވަނީ އަމުރުކޮށްފަ އެވެ.

އޭގެ ސަބަބެއް ކަމަށް އަމުރުގައި ބަޔާންކޮށްފައިވަނީ މިފަހުން ސުޕްރީމް ކޯޓުން އެކުލަވާލި ޕްރެކްޓިސް ޑައިރެކްޝަންގައިވާ އުސޫލެވެ.

ހުކުމް ފަސްކުރުމުގެ އަމުރުތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަން ބުނެފައިވާ ގޮތުގައި ޕްރެކްޓިސް ޑައިރެކްޝަން ފަސްކުރުމަށް އެދިފައިވާ ހުކުމަކީ ފައިސާ ދެއްކުމަށް ކޮށްފައިވާ އަމުރެއް ނަމަ، ކޯޓަށް ފައިސާ ދައްކަމުންދާ ފަރާތެއްގެ ފައިސާތައް އެއްވެސް ފަރާތަކަށް ދޫނުކޮށް ހިފެހެއްޓުމުގެ އިހްތިޔާރު ކޯޓަށް އޮންނާނެ އެވެ.

އެހެންކަމުން ހައިކޯޓުން ނިޒާރުގެ މައްޗަށް ފައިސާ ދެއްކުމަށް އަމުރުކޮށް, އެ ފައިސާ މައްސަލާގައި ހައިކޯޓުން ގޮތެއް ކަނޑަނާޅަނީސް އެއްވެސް ފަރާތަކަށް ދޫނުކުރުމަށް ސިވިލް ކޯޓުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.