Advertisement

ފްރާންސާއި ބެލްޖިއަމް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

14 ނޮވެންބަރު 2021 - 08:06 0


ފްރާންސާއި ބެލްޖިއަމް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

14 ނޮވެންބަރު 2021 - 08:06 0

ޕެރިސް (ނޮވެމްބަރު 14) - ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ފްރާންސާއި ބެލްޖިއަމް އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުން ޖާގަ ކަށަވަރުކޮށްފި އެވެ.

ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި ދުނިޔޭގެ ރޭންކިން އެއް ވަނަ ބެލްޖިއަމްގެ އިތުރުން ދެން އަންނަ އަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ހޯދާފައިވަނީ ހޯސްޓްގެ ހައިސިއްޔަތުން ގަތަރާއި ކޮލިފައިން ބުރުން ވޯލްޑް ކަޕްގެ ޖާގަ ހޯދި ޑެންމާކް، ޖަރުމަނު އަދި ބްރެޒިލް އެެވެ.

އަމިއްލަ ދަނޑުގައި ރޭ ފްރާންސުން ވަނީ ކަޒަކްސްތާން އަތުން 8-0 އިން މޮޅުވެފަ އެވެ. ރޭގެ މެޗުގައި ފްރާންސްގެ ތަރި އަކީ ހަތަރު ގޯލު ޖެހި ކީލިއަން އެމްބާޕޭ އެވެ. އެމްބާޕޭ ހެޓްރިކް ހެދީ ފުރަތަމަ 32 މިނިޓް ތެރޭގަ އެވެ. މިއީ ވާދަވެރި މެޗެއްގައި 1985 ވަނަ އަހަރަށް ފަހު ފްރާންސް ކުޅުންތެރިއަކު ހެދި ފުރަތަމަ ހެޓްރިކް އެވެ. އަދި އެމްބާޕޭ ގައުމީ ޓީމަށް ހެދި ފުރަތަމަ ހެޓްރިކް އެވެ.

ރޭގެ މެޗުގައި ފްރާންސްގެ ކަރިމް ބެންޒެމާ ދެ ގޯލު ޖެހިއިރު، އޭގެއިން އެއް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އެމްބާޕޭ އެވެ. ފްރާންސްގެ އަނެއް ގޯލު ޖެހީ ޕެނަލްޓީ އަކުން އެންޓޮއިން ގްރީޒްމަން އެވެ.

ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި ފްރާންސް އޮތީ ހަތް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕްގެ ދެ ވަނަ ހޯދައިގެން ޕްލޭއޮފްގެ ޖާގަ އަށް ވާދަކުރަނީ ދެ ވަނައިގައި އޮތް ފިންލެންޑާއި ތިން ވަނައިގައި އޮތް ޔޫކްރެއިން އެވެ. ހަތް މެޗުން ފިންލެންޑަށް 11 ޕޮއިންޓް ލިބިފައިވާއިރު، ޔޫކްރެއިންގެ އޮތީ ނުވަ ޕޮއިންޓެވެ.

ގްރޫޕް އީގެ އެއް ވަަނަ ކަށަވަރުކޮށް ވޯލްޑް ކަޕްގެ ޖާގަ ހޯދަން ރޭ ބެލްޖިއަމުން ވަނީ 3-1 އިން އެސްޓޯނިއާ ބަލިކޮށްފަ އެވެ. ކްރިސްޓިއަން ބެންޓޭކޭ އާއި ޔަނިކް ކަރާސްކޯގެ ގޯލުތަކުން ބެލްޖިއަމް ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް އެސްޓޯނިއާގެ އެރިކް ސޯގާ އެ ޓީމަށް ގޯލެއް ޖަހައިދީ އުއްމީދެއް ހޯދައިދިން ނަމަވެސް ތޯގަން ހަޒާޑް ވަނީ ބެލްޖިއަމްގެ ތިން ވަނަ ގޯލު ޖަހައި އެ ޓީމު މޮޅުކޮށްދީފަ އެވެ.

ބެލްޖިއަމް ގްރޫޕް އީގެ އެއް ވަނައިގައި އޮތީ މެޗަކުން ބަލިނުވެ، ހަތް މެޗުން 19 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ގަރެތު ބޭލްގެ 100 ވަނަ މެޗުގައި 5-1 އިން ބެލަރޫސް ބަލިކުރި ވޭލްސް އެވެ. ވޭލްސް އަށް ވަނީ ހަތް މެޗުން 14 ޕޮއިންޓް ލިބިފަ އެވެ.

ރޭ ނެދަލެންޑްސްއާ ކުޅުނު މެޗުގައި ފަހު ވަގުތު މޮންޓަނެގްރޯ އިން ވަނީ ދެ ގޯލު ޖަހައި 2-2 އިން އެއްވަރުކޮށްފަ އެވެ. މެމްފިސް ޑިޕާއި ދެ ގޯލު ޖަހައި ނެދަލެންޑްސް އަށް ކުރިހޯދައިދީފައި ވަނިކޮށް މެޗުގެ 82 ވަަނަ މިނިޓްގައި މޮންޓަނެގްރޯގެ ފުރަތަމަ ގޯލު ޖެހީ އިލީޔާ ވުކޮޓިޗް އެވެ. އޭގެ ހަތަރު މިނިޓް ފަހުން މޮންޓަނެގްރޯ އަށް އެއްވަރުކޮށްދިނީ ނިކޯލަ ވުޖްނޯވިޗް އެވެ.

ކޮލިފައިންގައި ނެދަލެންޑްސް އަށް ބާކީ އެއް މެޗު އޮތްއިރު، އެ ޓީމު އެއް ވަނައިގައި އޮތީ ނުވަ މެޗުން 20 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ތުރުކީ އާއި ތިން ވަނައިގައި އޮތް ނޯވޭ އަށް ވަނީ ނުވަ މެޗުން 18 ޕޮއިންޓް ލިބިފަ އެވެ. ފަހު މެޗުގައި ނެދަލެންޑްސް އަމިއްލަ ދަނޑުގައި ނޯވޭއާ ކުޅޭއިރު، މޮންޓަނެގްރޯ އަމިއްލަ ދަނޑުގައި ތުރުކީއާ ބައްދަލުކުރާނެ އެެވެ.