Advertisement

ސިވިލް ސާވެންޓުންގެ މަސައްކަތު ވަގުތު އިތުރުކުރުމުގެ މަޝްވަރާ އަދި ނުފަށާ

14 ނޮވެންބަރު 2021 - 10:56 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް


ސިވިލް ސާވެންޓުންގެ މަސައްކަތު ވަގުތު އިތުރުކުރުމުގެ މަޝްވަރާ އަދި ނުފަށާ

14 ނޮވެންބަރު 2021 - 10:56 0

ސިވިލް ސާވެންޓުންގެ މަސައްކަތު ގަޑި އިތުރު ކުރުމުގެ މަޝްވަރާ މިހާތަނަށް ކުރެވިފައި ނުވާ ކަމަށް ރައީސް އޮފީހުންނާއި ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.

ސަރުކާރުގެ މުވައްޒަފުން މަސައްކަތުގައި ހޭދަކުރާ ވަގުތާއި އަމިއްލަ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން މަސައްކަތުގައި ހޭދަކުރާ ވަގުތުގެ މެދުގައި ހުރި ފަރަގު ކުޑަކުރުމުގެ ގޮތުން، ސިވިލް ސާވިސް މުވައްޒަފުން ވަޒީފާގައި ހޭދަކުރަންޖެހޭ ވަގުތު އަށް ގަޑިއިރަށް އިތުރުކުރަން ސަރުކާރުން ވިސްނަމުންދާކަން މިދިޔަ ހޯމަ ދުވަހު ވަނީ ހާމަކޮށްފަ އެވެ.

މި ވިސްނުން އޮތްކަން ހާމަކުރެއްވީ ސަރުކާރުގެ ފަރާރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. އެއީ މިނިމަމް ވޭޖު ބޯޑުން ދިން ލަފައެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރާ ގަޑި ކަނޑައަޅަނީ ރައީސް އޮފީހުންނެވެ. އެހެން ނަމަވެސް އެ ނިންމުން މުރާޖާކޮށް، ސިވިލް ސާވެންޓުންގެ ގަޑިއަށް ބަދަލު ގެނައުމުގެ އިހްތިޔާރު ކޮމިޝަނަށް ލިބިގެންވެ އެވެ.

ޗެޕްޓަރ 17: ސިވިލް ސަރވިސްގެ މަސައްކަތު ގަޑި - (ސިވިލް ސާވިސް ގަވާއިދު 2014)


168. (ހ) ސިވިލް ސަރވިސްގެ މަސައްކަތުގެ ވަގުތު ކަނޑައެޅިފައި އޮންނާނީ ސަރުކާރުން އެ ހިދުމަތެއް ދިނުމަށް ކަ ނޑައަޅާ ގޮތެއްގެ މައްޗަށެވެ. އެގޮތުން، މުޅި ސިވިލް ސަރވިސްގެ، ނުވަތަ ސިވިލް ސަވިސްގެ އިދާރާއެއްގެ ހިދުމަތްދޭ ވަގުތަށް ނުވަތަ ގަޑިއަށް އަންނަ ނުވަތަ ގެނެވޭ ބަދަލާ ގުޅިގެން، ސިވިލް ސަރވިސްގެ މަސައްކަތު ވަގުތު އަދި ގަޑި ބަދަލު ކުރުމުގެ އިހުތިޔާރު ކޮމިޝަނަށް ލިބިގެން ވެއެވެ.

ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު "އަދަދު" އަށް ވިދާޅުވީ އެފަދަ މަޝްވަރާއެއް ކޮމިޝަންގެ މެމްބަރުންގެ މެދުގައި އަދި ހިނގާފައި ނުވާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ އެ ވިސްނުމަށް ރައްދުދޭން ނުވަތަ ކޮމިޝަނުން އެކަމާއި ދެކޭ ގޮތް ހާމަކުރަން އަދި އަވަސް ކަމަށް އޭނާ ވިދާޅުވި އެވެ.

ނާސިހު ގަބޫލުކުރައްވާ ގޮތުގައި ސަރުކާރުގެ ވިސްނުން އެގޮތަށް ހުރި ނަމަވެސް، އެފަދަ ނިންމުމެއް ނިންމާނީ ސިވިލް ސާވިސް ކޮމިޝަނާއި މަޝްވަރާ ކުރުމަށްފަހު އެވެ. މިހާތަނަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ސިވިލް ސާވިސް ކޮމިޝަނާއި އެފަދަ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވެސް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ގަޑި އިތުރުކުމުގެ މަޝްވަރާއެއް އެ އޮފީހުގައިވެސް ހިނގާފައި ނުވާ ކަމަށެވެ.

"ރައީސް އޮފީހުގައި އަދި ތިކަހަލަ އެއްވެސް މަޝްވަރާއެއް ހިނގާފައެއް ނެތް،" މަބްރޫކް ވިދާޅުވި އެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ޖުމްލަ އަދަދަކީ 26،000 އެވެ. މިހާރު ސިވިލް ސާވަންޓުންގެ މަސައްކަތު ގަޑިއަކީ 8-2 އަށް ހަ ގަޑިއިރެވެ.