Advertisement

ނަޝީދުގެ ވަކީލާ ރައީސް ސޯލިހު ބައްދަލުކުރައްވައިފި

12 ނޮވެންބަރު 2021 - 08:28 0

ރައީސް ސޯލިހު (ކ) އާއި ނަޝީދުގެ ވަކީލް ބްރިމްލޯ މުލިއާގޭގައި ބައްދަލުކުރައްވަނީ.


ނަޝީދުގެ ވަކީލާ ރައީސް ސޯލިހު ބައްދަލުކުރައްވައިފި

12 ނޮވެންބަރު 2021 - 08:28 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލު އިނގިރޭސި ވިލާތުގެ ޖެނިން ކާސްޓީ ބްރިމްލޯއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ބައްދަލުވުމަށް ފަހު ބްރިމްލޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްއާ މަޝްވަރާކުރެއްވީ ދިވެހި ރައްޔިތުންނާއި އޭނާގެ މުވައްކިލު ނަޝީދުއާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކާ ގުޅޭގޮތުންނާއި މޭ 6 ވަނަ ދުވަހު ނަޝީދު އަވަހާރަކޮށްލަށް ދިން ހަމަލާއާ ގުޅޭ ގޮތުން ކަމަށެވެ.

މި ބައްދަލުވުމުގެ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. އެހެންވެ ބެލެވެނީ މިއީ ނުރަސްމީ ބައްދަލުވުމެއް ކަމަށެވެ. އިއްޔެ އަކީ ސަރުކާރު ބަންދު ދުވަހެއް ކަމުން މި ބައްދަލުވުން އޮތީ ވެސް ރައީސް ދިރިއުޅުއްވާ މުލިއާގޭގަ އެވެ.

ނަޝީދުގެ ވަކީލް ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާ ވެސް ބައްދަލުކުރައްވައިފަ އެވެ. މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އާއި ހަމަލާގެ ކަންކަން ބެލުމަށް އެމްޑީޕީން އެކުލަވާލި ހަޔެއް މޭ ކޮމިޓީގެ މެމްބަރުންނާ ވެސް ވަކިވަކިން އޭނާ ބައްދަލުކުރެއްވި އެވެ.

އިންސާނީ ހައްގުތަކާއި ޖިނާއީ މައްސަލަތަކަށް ހާއްސަ ވަކީލު ބްރިމްލޯ ވަނީ، އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ނަޝީދާ ދެކޮޅަށް ދައުލަތުން އުފުލި ދައުވާ ގުޅިގެން އެކުލަވާލި އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ވެސް ހިމެނިވަޑައިގެންފަ އެވެ.

ނަޝީދުގެ އަނެއް ވަކީލަކީ އެމަނިކުފާނުގެ ކޮއްކޮ އަލްއުސްތާޒް ނާޒިމް އަބްދުއްސައްތާރެވެ. ހަމަލާއާ ގުޅިގެން ޖަރުމަންގައި ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާއަށް އިނގިރޭސި ވިލާތުގައި ނަޝީދު ހުންނަވައި ވަކީލަކަށް ނާޒިމް ހަމަޖެއްސެވީ އެމަނިކުފާނުގެ ބަޔާނެއް ނަގަން ފުލުހުން އެދުމުންނެވެ. ނަޝީދު ވަނީ ބަޔާން ދެއްވަން ތައްޔާރުކަމަށާއި ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް އެދިވަޑައިގެންފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި 10 މީހަކު ހައްޔަރުކޮށް، ޖިނާއީ ދައުވާތައް ވެސް ވަނީ އުފުލައިފަ އެވެ. އަދި ގިނަ މީހުންގެ ޝަރީއަތް ފެށިގެން މިހާރު ދަނީ ކުރިއަށެވެ. ބޮމުގެ ހަމާލެ ފަހަތުގައި އެކަމަށް ފަންޑު ކުރި ބަޔަކު ތިބޭނެ ކަމަށް ނަޝީދު ވިދާޅުވަމުން ގެންދެވި ނަމަވެސް ފުލުހުން ބުނެފައި ވަނީ މިއީ ފައިސާ ދީގެން ކުރުވި ކަމެއް ކަމެއް އެހާތަނަށް ހޯދި ހޯދުންތަކަށް ނުފެންނަ ކަމަށެވެ.