Advertisement

ސިވިލް ސާވަންޓުންނަށް ރައީސް ދެއްވީ ސިޔާސީ މިނިވަންކަން އޮންނާނެކަމުގެ ޔަގީންކަން، އެދިވަޑައިގަތީ ހިދުމަތް ދިނުމުގައި ކުލައެއް ނުގެންގުޅުމަށް

10 ނޮވެންބަރު 2021 - 21:56 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މިރޭގެ ޖަލްސާއަށް ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ: ވިދާޅުވީ މިނިމަމް ވޭޖަކީ އެޅުނު މުހިންމު ބިންގަލެއް ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ސިވިލް ސާވަންޓުންނަށް ރައީސް ދެއްވީ ސިޔާސީ މިނިވަންކަން އޮންނާނެކަމުގެ ޔަގީންކަން، އެދިވަޑައިގަތީ ހިދުމަތް ދިނުމުގައި ކުލައެއް ނުގެންގުޅުމަށް

10 ނޮވެންބަރު 2021 - 21:56 0

ސިވިލް ސާވަންޓުން ބޭނުންވާ ސިޔާސީ ފިކުރެއް ގަބޫލު ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި ނަމަވެސް އެ މުވައްޒަފުން ދޭ ހިދުމަތްތަކުގައި ސިޔާސީ އެއްވެސް ސިފައެއް ޖެހިގެންނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ފާހަގަ ކުރާ 54 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ "ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސާވެންޓެއް ރާއްޖޭގައި" ހުރުމަށް އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށެވެ.

"ސިޔާސީ ވަކިކަމެއްގައި ނޫޅެގެން ފިޔަވަޅުއެޅި، އެކަހެރި ކުރެވި، މަގާމުން ވަކި ކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ. ސިވިލްސަރވަންޓުންނަކީ އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރެވޭނެ މިނިވަނެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިވިލް ސާވަންޓުން ކުރަންޖެހޭނެ ކަމަކީ "ސަރުކާރުގެ ސިޔާސަތާއި ވައުދުތައް އޭގެ ގޮތުގައި ތަންފީޒު ކުރެއްވުން" ކަމަށެވެ.

"ސިވިލް ސާވަންޓުން ދެއްވާ ހިދުމަތުގައި ސިޔާސީ ފިކުރެއް، ކުލައެއް، ވަހެއް އަދި ރަހައެއް އޮވެގެން ނުވާނެ. ކުރައްވަންޖެހޭނެހާވެސް ކަމަކީ ސަރުކާރުގެ ސިޔާސަތާއި ވައުދުތައް އޭގެ ގޮތުގައި ތަންފީޒު ކުރެއްވުން. އެއީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ގައުމީ ހިދުމަތުގެ ފައުޖު،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، މި ފާހަގަ ކުރާ ޖުމްހޫރީ ދުވަހުގެ އެންމެ ބޮޑު އެއް އުފަލަކީ އެންމެ މަދުން ދެވޭނެ މުސާރަތައް ކަނޑައެޅުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ވިދާޅުވީ "ޖުމްހޫރިއްޔަތުގެ ހިޔަލުގައި ފިނިކަމެއް އެކުލެވޭނީ، މަސައްކަތްތެރީންނަށް ހައްގު ލިއްބައިދީގެން" ކަމަށެވެ.

"މިނިމަމް ވޭޖް ތަންފީޒުވުމުން އޭގެހެޔޮ ބަދަލު ވަޒީފާ އަދާކުރާ ފަރާތްތަކަށް ފެނިގެންދާނެ. އެންމެ ބޮޑު ބަދަލެއް، ނުވަތަ ރަނގަޅެއް ފެނިގެންދާނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް،" ރައީސް ފާހަގަ ކުރެއްވި އެވެ.

އެންމެ މަދުން ދެވޭ މުސާރައިގެ އޮނިގަނޑު ސަރުކާރުން ކަނޑައެޅީ މަސައްކަތް ކުރާ ފަރާތްތާއި ވަޒީފާ ދޭ ފަރާތްތަކުގެ ހައްގުތަކަށް ވެސް ސަރުކާރުން ވިސްނުމަށްފަހު ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިނިމަމް ވޭޖު ކަނޑައެޅުމަކީ ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުގައި އެޅުނު ހަރުދަނާ ބިންގަލެއް ކަމަށް ރައީސް ސިފަކުރެއްވި އެވެ.

"އެކަށީގެންވާ މުސާރައެއް ކަނޑައަޅާއިރު ވިޔަފާރިތައް ފުނޑި، ބަނގުރޫޓްވިޔަ ނުދިނުމަށް ވެސް ސަރުކާރުން ވިސްނިން. އޭގެ މައްޗަށް ބިނާކޮށް، މިހާރު މިވަނީ ފުރަތަމަ ފަހަރަށް، މިނިމަމް ވޭޖް ކަނޑައަޅާފައި. މިއީ ދިވެހި ތާރީހުގައި މަސައްކަތްތެރިންނަށްޓަކައި މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ބިންގާ،" އެމަނިކުފާނު ވިދާޅުވި އެވެ.