Advertisement

ނަޝީދުގެ ބޭސްފަރުވާއަށާއި ޖެންގައި ހުންނެވުމަށް ހަރަދުވީ 2.3 މިލިއަން ރުފިޔާ

10 ނޮވެންބަރު 2021 - 14:07 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް ނަޝީދު މިދިޔަ އޮކްޓޯބަރު މަހު މާލެ ވަޑައިގެންނެވުމަށްފަހު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެމަނިކުފާނުގެ އެކަމޮޑޭޝަނަށް މިހާތަށް ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވޭ -- ފޮޓޯ: އަދަދު ފައިލް


ނަޝީދުގެ ބޭސްފަރުވާއަށާއި ޖެންގައި ހުންނެވުމަށް ހަރަދުވީ 2.3 މިލިއަން ރުފިޔާ

10 ނޮވެންބަރު 2021 - 14:07 1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނު ރާއްޖޭން ބޭރުގައި ބޭސް ފަރުވާ ކުރެއްވުމަށް ހުންނެވުމަށާއި އޭގެ ފަހުން ރާއްޖެ ވަޑައިގެން ހޮޓަލުގައި ހުންނެވުމަށް މިހާތަނަށް ހަރަދުވެފައި ވަނީ 2.3 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން މި ނޫހާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން އެންމެ ބޮޑަށް ހަރަދުވެފައި ވަނީ ނަޝީދު އިނގިރޭސި ވިލާތުގައި ހުންނަވައި ކުރެއްވި ބޭސް ފަރުވާއަށެވެ. ދެން އެންމެ ބޮޑު ހަރަދެއް ހިނގީ މާލެ ވަޑައިގެން ހޮޓެލް ޖެންގައި ހުންނެވި 21 ދުވަހަށެވެ.

ރައީސް ނަޝީދު އިނގިރޭސި ވިލާތުގައި ހުންނަވައި ބޭސްފަރުވާ ކުރެއްވުމަށް ތިން ފަހަރެއްގެ މަތިން ސަރުކާރުން ވަނީ 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެއީ ޖޫން މަހު ހަރަދު ކުރި 610،601ރ. އާއި އޯގަސްޓު މަހު ހަރަދު ކުރެއްވި 319،767ރ. އާއި ސެޕްޓެމްބަރު މަހު ހަރަދު ކުރެއްވި 570،172ރ. އެވެ.

ބޭސްފަރުވާ ކުރެއްވުމަށްފަހު އޮކްޓޯބަރު މާލެ ވަޑައިގެން ކޮޕް-26 އަށް ފުރާވަޑައިގަތުމާ ހަމަޔަށް ހޮޓެލް ޖެންގައި ނަޝީދު ހުންނެވުމަށް ހަރަދުވެފައި ވަނީ 698،168ރ. އެވެ.

އޭގެ އިތުރުން ޖަރުމަން ވިލާތުގައި ބޭސްފަރުވާ ކުރެއްވުމަށް 164،601ރ. ވަނީ ހަރަދުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ހޮޓެލް ޖެންގައި ނަޝީދުގެ އެކޮމަޑޭޝަން ހަމަޖައްސަނީ އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އެދުމަށް ކަމަށެވެ.

"ހޮޓެލް ޖެންގައި ރައީސް ނަޝީދު އެ ހުންނަވަނީ، އެ ހަރަދު ކުރައްވަން އެ މަނިކުފާނު ބޭނުންފުޅު ވެގެނެއް ނޫން. ޑިފެންސް މިނިސްޓްރީން އެދިފައި ވަނީ، އަދި މަޖިލީހުގެ 241 ކޮމިޓީގެ ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވޭ، ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން. އެކަމަށްޓަކައި އެ ސަރަހައްދުން [މަޖިލިސްކުރާ ގޭގެ ސަރަހައްދުން] ސެކިއުރިޓީ އެންމެ ރަނގަޅު، އަދި ސެކިއުރިޓީ ރަނގަޅަށް ބެލެހެއްޓޭނެ ތަނަކަށް ހުރީ ހޮޓެލް ޖެން. އެހެންވެ، އެ މަނިކުފާނު އެތަނުގައި ބެހެއްޓެވުމަށް ޑިފެންސުން އެދުނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މިދިޔަ މެއި 6، ގައި ބޮން ގޮއްވާލުމުން އެމަނިކުފާނަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. އަދި ފުރާނަފުޅު ސަލާމަތް ކުރެވެނީ މެދުނުކެނޑި 16 ގަޑިއިރު އޭޑީކޭ ހޮސްޕިޓަލުގައި ކުރި ސާޖަރީތަކަކަށްފަހު އެވެ. ނަޝީދަށް އެމަޖެންސީގައި ފަރުވާ ދެއްވި ޑޮކްޓަރުން ފަހުން ވިދާޅުވީ ބޮމަށް އަޅާފައި ހުރި ބެއަރިން ބޯޅަތަކުގެ ތެރެއިން ބޯޅައެއް އެމަނިކުފާނުގެ ހިތަށް އަމާޒުނުވީ ހަމަ ކިރިޔާ އެވެ.