Advertisement

އޭސީސީ މެންބަރުންގެ މަސައްކަތުގެ އޮޑިޓެއް ހަދައި ވަކިކުރުމާމެދު ވިސްނަނީ

10 ނޮވެންބަރު 2021 - 12:10 1

ނާޒިމް ހަސަން

ނާޒިމް ހަސަން

އޭސީސީ މެންބަރުން; އެ މެންބަރުންގެ ވަކިވަކި އޮޑިޓެއް ހަދައި ވަކިކުރުމާމެދު ގޮތެއް ނިންމުމަށް ވަނީ ފާސްކޮށްފައި


އޭސީސީ މެންބަރުންގެ މަސައްކަތުގެ އޮޑިޓެއް ހަދައި ވަކިކުރުމާމެދު ވިސްނަނީ

10 ނޮވެންބަރު 2021 - 12:10 1

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް އެ މެންބަރުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ނިންމައިފި އެވެ.

އެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ހުށަހެޅުއްވީ އޭސީސީގެ މެންބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް މަސައްކަތުގެ އޮޑިޓެއް ހެދުމަށެވެ. އެގޮތަށް ހުށަހެޅުއްވީ އޭނާ ވިދާޅުވި ގޮތުގައި, ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުން ލަސްވެފައިވާތީ އެވެ.

"ބަލަން އެބަ ޖެހޭ ކިހާ މައްސަލައެއްތޯ ބެލިފައިހުރީ, ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ކިހާ މައްސަލައެއް ޕީޖީއާ ހަމައަށް ގެންދެވިއްޖެތޯ, އިންވެސްޓިގޭޝަން ކިހާ މައްސަލައެއް އެބަ ކުރިއަށް ދޭތޯ," ހަސަން ވިދާޅުވި އެވެ.

ހަސަންގެ އެ ހުށަހެޅުއްވުމަށް ތާއިދު ކުރައްވައި ހެންވޭރު ދެކުނު ދާއިރާ ހުސެއިން ޝަހީމް ވަނީ ބައެއް ކަންކަން އިތުރު ކުރައްވާފަ އެވެ. އޭނާ ހުށަހެޅުއްވީ މަސައްކަތުގެ ފެންވަރުގެ އޮޑިޓަށްފަހު އެ މެންބަރުންގެ ޕާފޯމެންސް ދަށް ކަމަށްވާނަމަ, މަގާމުން ވަކިކުރުމުގެ މަސައްކަތް ކޮމިޓީން ފެށުމަށެވެ.

"ފާޑުފާޑުގެ ޕްރޮމިސްތައް ދީފައި ހުރީ, މިވެނި ތާރީހަކަށް މިވެނި މައްސަލަތަކެއް ނިންމާނެ ކަމަށް, އެމްއެމްޕީއާރްސީގެ ބޮޑެތި ދެތިން މައްސަލަ ފޮނުވާނެ ވާހަކަ ވެސް މިތަނުގައި ރެކޯޑްގައި ބުނި," ޝަހީމް ވިދާޅުވި އެވެ.

ނަމަވެސް, އެގޮތުގައި އެ ކޮމިޝަންގެ މަސައްކަތްތައް ހަލުވި ކަމާއެކު ކުރިއަށް ނުދާކަން މެންބަރު ފާހަގަ ކުރެއްވި އެވެ. މެންބަރު ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ މައްސަލައެއް ބެލުމަށް އަށް މަސް ހޭދަވާ ކަމަށް އެ ކޮމިޝަންގެ ރައީސް ވިދާޅުވެފައިވީ ނަމަވެސް, އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެ ބޭފުޅުން މިތަނުގައި ފާހަގަ ކުރެއްވި ދަތިތަކެއްގެ ވާހަކަ, މުވައްޒަފުން ބޭނުންވާ ވަހަކަ, އެ ބޭނުންވާ ސްޓްރަކްޗާއެއް ގެނައުމަށް ވެސް ބުނިން, އެކަމަކު އެޔެއް ވެސް ނުފޮނުވާ, އެ ބޭފުޅުން އެދިގެން ބަޖެޓްގައި ވެސް އެއްޗެއް ހިމެނިފައެއް ނެތް," މެންބަރު ޝަހީމް ވިދާޅުވި އެވެ.

"ޒިންމާދާރު ކަމެއް ނެތް,"

ޝަހީމް ހުށަހެޅުއްވި ގޮތަށް އޮޑިޓް ހެދުމަށްފަހު މެންބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ތާއިދު ކުރެއްވުމުން ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވޯޓަކަށް އެއްސެވި އެވެ. އިއްޔެ ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ މެންބަރުން ވެސް ވޯޓު ދެއްވީ އޮޑިޓެއް ހަދައި, މެންބަރުން ވަކިކުރަން ޖެހޭނަމަ, އެކަން ފެށުމަށެވެ.

އެހެންވެ, ރޮޒައިނާ ވަނީ އަންނަ ހަފުތާގައި އޭސީސީގެ ހުރިހާ މެންބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އަންގަވާފަ އެވެ.

އެންމެފަހުން ކޮމިޓީއަށް އޭސީސީގެ މެންބަރުން ހާޒިރުކޮށް މައްސަލަތައް ލަސްވާ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެފައިވަނީ ކޮމިޝަނަށް އިތުރު މުވައްޒަފުން ވެސް ބޭނުންވާ ކަމަށެވެ. އެކަމަށް ޕްރޮޕޯޒަލްއެއް ހަދައި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

"މި ވީކް ތެރޭގައި ނޫނީ ނެކްސްޓް ވީކް ތެރޭގަ އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީއާ ބައްދަލުވުމެއް ބާއްވާނަން މި ބުނާ ޕްރޮޕޯޒަލްއާ ގުޅިގެން. މި ބުނާ އިތުރު 12 ސްޓާފު އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ. ގާތްގަނޑަކަށް އެރައުންޑް 4 މިލިއަން ރުފިޔާ އަޅުގަނޑުމެންނަށް އިތުރަށް ބޭނުންވާނެ. މި ތަހުގީގު އެކްސްޕެކްޓް ކުރާ ސްޕީޑުގައި އަނެއްކާ ކަން ހިނގާފަ އޮތް ގޮތަށް ބަލާނަމަ، އެ މުއްދަތަށް ބަލާނަމަ، އެ ސްޕީޑުގައި ގެންދަން ބޭނުންވާނަމަ އެބަ ބޭނުންވޭ 12 މުވައްޒަފުން،" އެ ދުވަހު ޝިއުނާ ވިދާޅުވި އެވެ.

އޭސީސީއަށް މުވައްޒަފުންގެ އަދަދު މަދުވުމުގެ ސަބަބެއް ކަމަށް ޝިއުނާ ފާހަގަކުރެއްވީ، ގިނަ ދުވަސްތަކެއް ވަންދެން އެމްއެމްޕީއާރުސީ މައްސަލައިގައި ހަރަކާތްތެރިވާ ބައެއް މުވައްޒަފުން ވަޒީފާއިން ކެނޑިގެން ދިޔުމެވެ.

އަދި އެގޮތަށް ކެނޑިގެން ދަނީ ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ މައްސަލަތަކެއް ވެސް ހުރުމުންކަމަށް ޝިއުނާ ވިދާޅުވި އެވެ. އެހެންކަމުން އެމްއެމްޕީއާރުސީ މައްސަލައަށް އާ ރެކްރޫޓެއް ނަގައި، ޓްރެއިންކޮށް އަދި ކޭސްއަށް ވެއްދުމަކީ ދަތިކަމެއްކަމަށް ޝިއުނާ ފާހަގަކުރެއްވި އެވެ.

އަދި ޕޮލިހާއި އެސެޓް ރިކަވަރީ ކޮމިޝަނުގައި ވެސް މުވައްޒަފުންގެ ދަތިތައް އެބަހުރިކަމަށް ޝިއުނާ ވިދާޅުވި އެވެ. އެހެންކަމުން ފުލް ޓައިމްކޮށް އެ ތަހުގީގަށް މުވައްޒަފުން ނެތުމުން ތަހުގީގު ލަސްވާކަމަށް އޭނާ ވިދާޅުވި އެވެ.