Advertisement

ނިޒާމު ބަދަލުކުރުމަށް އެއްބަސްނުވާ ކަމަށް ޕާޓީތަކުން ބުނެފި

9 ނޮވެންބަރު 2021 - 22:50 3

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ރައީސް ނަޝީދު (ކ-2) ރައީސް ސޯލިހު (ވ-3) އާއި އެމްއާރްއެމްގެ ޒައީމް މައުމޫން (ވ-2) އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް (ވ) އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން (ކ) އާ އެކު.


ނިޒާމު ބަދަލުކުރުމަށް އެއްބަސްނުވާ ކަމަށް ޕާޓީތަކުން ބުނެފި

9 ނޮވެންބަރު 2021 - 22:50 3

ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމާ މެދު އަންނަ އަހަރުގެ ނޮވެމްބަރު މަހު ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، 2023 ވަނަ އަހަރު ނިޒާމު ބަދަލުކުރުމަށް ޕާޓީތަކުން އެއްބަސްވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަކީ ހަގީގަތެއް ނޫން ކަމަށް ޕާޓީތަކުން ބުނެފި އެވެ.

ބެލެވޭ ގޮތުގައި ނަޝީދު އެ އިޝާރާތްކުރެއްވީ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަދި ދާދި ފަހުން ވުޖޫދުވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އެވެ.

ނަޝީދު އެހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މިރޭ ފޮނުއްވި މެސެޖެއްގަ އެވެ.

އެ މެސެޖާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު މި ނޫހަށް ވިދާޅުވި، މިފަހުން ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެމަނިކުފާނާ ބައްދަލުކުރެއްވި ނަމަވެސް ވަކި ކަމަކަށް އެއްބަސްނުވާ ކަމަށެވެ.

އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވެސް ކުރައްވާ އަލީ ވިދާޅުވީ އެ ބައްދަލުވުމުގައި ވެރިކަމުގެ ނިޒާމާ ގުޅޭ ވާހަކަ ނަޝީދު ދެއްކެވި ކަމަށާއި އެކަމަކު ޖޭޕީ އަށް އެފަދަ ނިންމުމެއް ނިންމޭނީ، އެ ޕާޓީގެ ކައުންސިލަށް ހުށަހަޅައިގެން ކަމަށް ގާސިމް ވިދާޅުވި ކަމަށެވެ.

"އެހެން ނަމަވެސް އެފަދަ އެއްވެސް ކަމެއް އަދި އެއް ނެތް ކައުންސިލަށް ހުށަހަޅާފައެއް. ދެން އޮނޮރަބަލް ގާސިމް ވިދާޅުވި، ޕާޓީގެ އަމިއްލަ މެމްބަރެއްގެ ހައިސިއްޔަތުން އެމަނިކުފާނަކީ އަބަދު ވެސް ރިޔާސީ ނިޒާމަށް ތާއިދުކުރައްވާ ބޭފުޅެއްކަމަށް. އެއަށްވުރެ ސާފު ޖަވާބެއް ޖޭޕީއަކަށް ނުއެއް ދެވޭނެ،" އަލީ ވިދާޅުވި އެވެ.

ސަން އައިލެންޑްގައި ޕާޓީގެ ލީޑަރާއި ނަޝީދު މިފަހުން ބޭއްވި ބައްދަލުވުމުގެ ވާހަކަތައް މީގެ ކުރިން އާންމު ނުކުރި ނަމަވެސް، ނިޒާމުގެ ބަދަލުކުރުމާ ގުޅިގެން ޖޭޕީގެ ނިންމުމާއި ވިސްނުމަކީ ވެސް އެއީ ކަމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ހަވާލާދެއްވައި ތަރުޖަމާނު އަލީ ވިދާޅުވި އެވެ.

"ނިޒާމު ބަދަލުކުރުމުގެ ވާހަކައަކީ އަޅުގަނޑުމެން ދަންނަ ވާހަކައެއް ވެސް ނޫން،" އަލީ ވިދާޅުވި އެވެ.

ކޯލިޝަނުގައި ދެން ހިމެނޭ އެމްއާރްއެމުން ވެސް ބުނީ ނިޒާމު ބަދަލުކުރުމުގެ އެއްވެސް މަޝްވަރާއެއްގައި އަދި އެ ޕާޓީން ބައިވެރިނުވާ ކަމަށެވެ. ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ، އެފަދަ މަޝްވަރާއެއް ނުކުރާތަނުގައި އެފަދަ ކަމަކަށް އަދި މިހާތަނަށް އެޕާޓީގެ ކިބައިން އެދިފައި ވެސް ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑް މީގެ ކުރިން ވެސް ވާނީ ހާމަކޮށްފައި،" އަލީމް ވިދާޅުވި އެވެ.

އެމްއާރުއެމުން އަންނަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ދެކޮޅަށް ފެށުނީއްސުރެ ވަކާލާތުކުރަމުންނެވެ. އެ ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަކީ 2007 ވަނަ އަހަރުގެ ނިޒާމީ ވޯޓުގައި ރިޔާސީ ނިޒާމަށް ތާއީދުކުރެއްވި ބޭފުޅެކެވެ.

ރައީސް ނަޝީދުގެ އެ މެސެޖާ ގުޅިގެން ވެރިކަން ކުރާ ކޯލިޝަނުގައި ދެން ހިމެނޭ އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ވިދާޅުވީ އަދާލަތު ޕާޓީގެ މިވަގުތުގެ އަމާޒަކީ ނިޒާމު ބަދަލުކުރުމަށް ވުރެ، 2023 އަންނަންވާއިރު ސަރުކާރުގެ ވައުދުތައް ފުރިހަަމަކޮށް ފުއްދައިދިނުން ކަމަށެވެ.

"އެހެން ނަމަވެސް ރައްޔިތުން އެދޭނަމަ ނިޒާމާ ގުޅޭ ބަހުސްގައި އަދާލަތު ޕާޓީން ބައިވެރިވާނެ. މިހާތަނަށް ނިޒާމާ ގުޅޭ ގޮތުން އެއްވެސް ފަރާތަކާއެކު އެއްބަސްވުމަކަށް އާދެވިފައެއް ނުވޭ،" ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ ނަޒީރު ވިދާޅުވި އެވެ.

ކޯލިޝަނުގައި ނުހިމެނުނު ނަމަވެސް ނިޒާމު ބަދަލުކުރުމުގެ މަޝްވަރާތައް ނަޝީދު ވަނީ އެމްއެންޕީ އާ ވެސް ބާއްވަވައިފަ އެވެ. އެކަމަކު އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވެސް ވިދާޅުވީ އެ ޕާޓީން ވެރިކަން ބަދަލުކުރުމުގެ އެއްބަސްވުމެއް ވެފައި ނުވާނެ ކަމަށެވެ.

ރައީސް ނަޝީދު ގެންދަވަނީ އަބަދު ވެސް ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ރާއްޖެއަށް އެންމެ ކަމުދާނީ ބަރުލަމާނީ ނިޒާމެއް ކަމަށް ވިދާޅުވެ ވަކާލާތު ކުރައްވަމުންނެވެ. ނަޝީދާ އެކު، އެމަނިކުފާނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް އަންނަނީ ބަރުލަމާނީ ނިޒާމު ޕްރޮމޯޓުކުރަމުންނެވެ.

ނަޝީދު ދާދި ފަހުން ވިދާޅުވީ ނިޒާމު ބަދަލުކުރުމާ ގުޅޭ ވާހަކަ ދެން އެމަނިކުފާނު ދައްކަވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައި އެކަމުގެ މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ. އޭގެ ފަހުން ނަޝީދު ވަނީ އެކަމުގައި، އެމްޑީޕީގެ އެންމެ އިސް ލީޑަރުކަން ވެސް ކުރައްވާ ރައީސް ސޯލިހުއާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ރައީސަށް ޝުކުުރުއަދާކުރައްވައި ވިދާޅުވީ "އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް" ކަމަށެވެ.

ނަޝީދު ވަނީ މީގެ ކުރިން 2023 ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެދި ރައީސް ސޯލިހު އަރިހުން އެދިވަޑައިގެންފަ އެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.

ޖެހިގެން އަންނަ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްދާއިރު, ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.

އެކަމަކު ރައީސް ސޯލިހް މިހާތަނަށް ތަކުރާރުކޮށް ދެއްވި ޖަވާބަކީ ނިޒާމުގެ ވޯޓުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ. ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން 2007 ގައި ނެގި އިންތިހާބުގައި ގިނަ ރައްޔިތުން ވޯޓުދިނީ ރިޔާސީ ނިޒާމަށެވެ. އެއީ ސައްހަ 154،123 ވޯޓުގެ 62 ޕަސެންޓެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއު އެއްގައި ނަޝީދުގެ ސިޔާސީ ކުރިމަގާއި ނިޒާމު ބަދަލުކުރުމުގެ ވިސްނުމާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އާ ގާނޫނު އަސާސީ ފަރުމާކުރީ ގިނަ ބަރުލަމާނީ ސިފަތަކާއެކު ކަމަށެވެ.

އޮމާންކަމާއެކު ގާނޫނުއަސާސީ އިސްލާހުކުރެވޭނެ ގޮތެއްގެ މަޝްވަރާތައް ރައީސް ސޯލިހާއެކު ކުރެވޭ ކަމަށާއި، އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވިސްނުން ވެސް ގުޅެނީ ނިޒާމު ބަދަލުކުރުމުގެ މަސައްކަތާ ކަމަށް އެމަނިކުފާނު ހާމަކުރެއްވި އެވެ.

"ރިޔާސީ ކެންޑިޑޭޓަކަށް ވާން އަޅުގަނޑު ގަސްތުކުރިޔަސް އެކަން ކުރާނީ ނިޒާމު ބަދަލުކުރަން. ސިޔާސީ ގޮތުން ދެން އަޅުގަނޑު ނުކުންނާނީ ބަދަލެއް ގެންނަން. އެއީ ވެދާނެ ފެންނަ ނުފެންނަ ވޯޓަކަށް ވެސް. ނޫނީ ރިޔާސީ އިންތިހާބަށް ވެސް،" ނަޝީދު ވިދާޅުވި އެވެ.