Advertisement

އަންނަ އަހަރު ވޯޓަކަށް ގޮސް، 2023 ގައި ނިޒާމު ބަދަލުކުރަން ޕާޓީތަކުން އެއްބަސްވާ ކަމަށް ނަޝީދު ވިދާޅުވެއްޖެ

9 ނޮވެންބަރު 2021 - 21:02 3

ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި: އެމަނިކުފާނު އަންނަނީ ބަރުލަމާނީ ނިޒާމަކަށް ކެމްޕެއިން ކުރައްވަމުން. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އަންނަ އަހަރު ވޯޓަކަށް ގޮސް، 2023 ގައި ނިޒާމު ބަދަލުކުރަން ޕާޓީތަކުން އެއްބަސްވާ ކަމަށް ނަޝީދު ވިދާޅުވެއްޖެ

9 ނޮވެންބަރު 2021 - 21:02 3

ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމާ މެދު އަންނަ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، 2023 ވަނަ އަހަރު ނިޒާމު ބަދަލުކުރުމަށް ހުރިހާ ޕާޓީއަކުން ވެސް އެއްބަސްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ މި ވާހަކައާ ގުޅޭ ގޮތުން ޕާޓީތަކުގެ ބަސް ހޯދުމަށް މި އަންނަނީ މަސައްކަތްކުރަމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ލިޔުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް އެކަމާ މަޝްވަރާކުރުން ބޭނުންތެރިކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު ވަނީ ނިޒާމު ބަދަލުކުރުމަށް ރައީސުލްހުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމްއާ މަޝްވަރާކުރައްވައިފަ އެވެ.

މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ގާސިމް ވިދާޅުވެފައި ވަނީ ބަރުލަމާނީ ނިޒާމަނަށް ތާއީދު ނުކުރައްވާ ކަމަށާއި ރާއްޖޭގައި ބޮޑުވަޒީރަކު ހުރުމަށް ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.

ނާޒިމް ވިދާޅުވެފައިވަނީ ނިޒާމާ މެދު އެ ޕާޓީން ގޮތެއް ނިންމާނީ ކައުންސިލުގައި މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

އެމްޑީޕީ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އައްޝޭހް އިމްރާން އަބްދުﷲ ދާދި ފަހުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު އޮންނަ 2023 ވަނަ އަހަރާ ހަމައަށް ދާއިރު، ވެރިކަމުގެ ނިޒާމާ މެދު އިތުރަށް ވިސްނަން ޖެހޭ ނަމަ ސަރުކާރުގެ ކޯލިޝަންގެ ހުރިހާ ބައިވެރިންނާއެކު އެ ޕާޓީން ވެސް މަޝްވަރާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ކޯލިޝަނުގެ އަނެއް ބައިވެރިޔާ، ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމް އިން އަންނަނީ ފާޅުގައި ބަރުލަމާނީ ނިޒާމާ ދެކޮޅު ހަދަމުންނެވެ.

ނަޝީދު ދާދި ފަހުން ވިދާޅުވީ ނިޒާމު ބަދަލުކުރުމާ ގުޅޭ ވާހަކަ ދެން އެމަނިކުފާނު ދައްކަވާނީ ރައީސްއާ ބައްދަލުކުރައްވައި އެކަމުގެ މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ. އޭގެ ފަހުން ރައީސްއާ ރައީސް އޮފީހުގައި ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމަށް ފަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ރައީސަށް ޝުކުުރުއަދާކުރައްވައި ވިދާޅުވީ "އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް" ކަމަށެވެ.

ނަޝީދު ބޭނުން ވަނީ 2023 ގެ އިންތިހާބު ނުބާއްވައި ބަރުލަމާނީ ނިޒާމަކުން ވެރިކަން ހިންގަން ފެށުމަށެވެ. އެ ނިޒާމުގައި އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރަސްމީކޮށް ރައީސް ސޯލިހުގެ އަރިހުން އޮތީ އެދިވަޑައިގެންފަ އެވެ.

ރައީސަށް ފޮނުއްވި މެސެޖުގައި ނަޝީދު ކުރިން އެދިވަޑައިގެންގައި އޮތީ 2023 ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ.

ޖެހިގެން އަންނަ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްދާއިރު, ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.

އެކަމަކު ރައީސް ސޯލިހް މިހާތަނަށް ތަކުރާރުކޮށް ދެއްވި ޖަވާބަކީ ނިޒާމުގެ ވޯޓުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން 2007 ގައި ނެގި އިންތިހާބުގައި ގިނަ ރައްޔިތުން ވޯޓުދިނީ ރިޔާސީ ނިޒާމަށެވެ. އެއީ ސައްހަ 154،123 ވޯޓުގެ 62 ޕަސެންޓެވެ.

އެކަމަކު ނިޒާމުގެ ބަހުސް އަލުން ހުޅުވާލަައި ގޮތެއް ނިންމަން އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުން ގެންދަވަނީ ގޮވާލައްވަމުންނެވެ. އެކަމަށް ގޮވާލައި، އެމްޑީޕީގެ ބައެއް އިސް ބޭފުޅުންތަކެއް ދަނީ ޕެޓިޝަނެއް ހުށަހެޅުމަށް މުޅި ރާއްޖޭން ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.