Advertisement

މި ސަރުކާރުގެ ތަރައްގީ ބުރަވަނީ މާލެއަށްތަ؟ އަތޮޅުތެރެއަށްތަ؟

21 ނޮވެންބަރު 2021 - 11:50 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ


މި ސަރުކާރުގެ ތަރައްގީ ބުރަވަނީ މާލެއަށްތަ؟ އަތޮޅުތެރެއަށްތަ؟

21 ނޮވެންބަރު 2021 - 11:50 0

"އަޅުގަނޑުމެންނަށް އެބަ ފާހަގަ ކުރެވޭ މާލޭ ސިޓީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަ ހުރިކަން. އިހުސާސްތަކެއް އެ ބޭފުޅުން ފާޅުކުރައްވައިފި,"

އޭޕްރިލް 12، 2021 ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ، އެ މަނިކުފާނު ވެސް ނިސްބަތްވާ އަދި އެންމެ ބިޔަ ޕާޓީ، އެމްޑީޕީ އަށް އަލަށް ގެއްލިގެން ދިއުމާ ގުޅިގެންނެވެ.

ފަހުގެ ތާރީހުގައި ދުނިޔެ ތަޖުރިބާކުރަން ޖެހުނު އެންމެ ބޮޑު ބަލިމަޑު ކަމާއި، އެ ބަލިން އުފެއްދި ހާއްސަކަމާއި ނުތަނަވަސްކަން ނިމުމަކަށް އައުމުގެ ކުރިން ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި، ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އަށް ޖުމްލަކޮށް ބަލާއިރު ކާމިޔާބު ލިބުނު ނަމަވެސް، ވެރި ރަށް މާލޭގެ މޭޔަރުގެ ގޮނޑި އާއި ސިޓީ ކައުންސިލްގެ މެޖޯރިޓީ ގެއްލިގެން ދިޔުމަކީ މުޅި އިންތިހާބުން ބަލިވުން ވަރުގެ ބޮޑު ކަމެކެވެ.

އެ ނަތީޖާއާ ގުޅިފައިވާ އެތައް ސަބަބެއްގެ ތެރެއިން އެއް ސަބަބަކީ މާލެ އަށް ކޮށްދޭން ޖެހޭ ކަންކަން ނުކޮށްދެވި ނުވަތަ ލަސްވެގެން ދިޔުން ކަން ރައީސް ސޯލިހު ވެސް ގަބޫލުކުރައްވާކަން އެ މަނިކުފާނުގެ ވާހަކަފުޅުން ދޭހަވެ އެވެ.

މިފަހަރު މާލޭ ސިޓީއިން މި ލިބުނު ނާކާމިޔާބުގައި އޮންނާނެ ސަރުކާރުން ބަދަލު ކުރަން ޖެހޭ ކަންތައްތަކެެއް ވެސް. މާލޭ ސިޓީގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ނުކުރެވި ހުރި ކަމަށް ވެދާނެ. ބޭނުން ނޫން ގޮތަކަށް ބައެއް ކަންތައް ކުރެވިފައި ހުރީ ކަމަށް ވެސް ވެދާނެ،"

ބައެއް ކަންކަމަށް ނަޒަރު ހިންގާލާއިރު، އިންތިހާބުގެ ކުރިން ހިޔާ ފްލެޓަށް މީހުން ބަދަލެއް ނުކުރެވުނެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އުފުލެމުން ދިޔަތަނެއް ނުފެނެ އެވެ. ރާއްޖޭގެ ތާރީހުގައި ގާއިމުކުރާ އެންމެ ބިޔަ އިންފްރާސްޓްރަކްޗާ މަޝްރޫއު، ތިލަމާލެ ބްރިޖްގެ މަސައްކަތްތައް ތަރުތީބާ އެއްގޮތަށް ކުރިއަށް ދާ ކަމަށް ބުނި ނަމަވެސް، ތިން އަހަރުވީ އިރުވެސް ފެނުން ތޮޅެލަން އުޅޭކަމުގެ އަލާމާތެއް ނުފެނެ އެވެ.

މުޅި ރާއްޖެއަށް ތަރައްގީ ބަހާލެވިފައި

ރައީސް ސޯލިހުގެ ވެރިކަމަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ބުނެފައިވާ އެއް ވާހަކައަކީ މިއެވެ؛ ވޭތުވެދިޔަ ތިން އަހަރު މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ، އަދި ކުރިއަށް އޮތްތާ ދެމުން ގެންދާނީވެސް، ވަކި ފަރުދެއް، އަދި ވަކި ރަށެއް ފަރަގުނުކޮށް، ސަރުކާރުން ދޭންޖެހޭ ހިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދީ، އިޖުތިމާއީ އިންސާފު ގާއިމުކުރުމަށް ކަމަށެވެ.

ރައީސް ސޯލިހުގެ ވެރިކަމަށް ތިން އަހަރު ފުރުމުގެ ބަރާބަރު 18 ދުވަސް ކުރިން ސަރުކާރުން ވަނީ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިފަ އެވެ. ބަޖެޓުގެ ހަ ބިލިއަން ރުފިޔާ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކަނޑައަޅާފައި ވާއިރު، ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހިމަނާފައި އޮތީ މާލެ، ވިލިމާލެ، އަދި ހުޅުމާލެ ހިމެނޭ ގްރޭޓާ މާލެ ސަރަހައްދަށެވެ.

ްޕީއެސްއައިޕީ ބަޖެޓު މާލެ ސަރަހައްދަށް


މާލެ: 810،347،307 މިލިއަން ރުފިޔާ ހުޅުމާލެ: 218،467،546 މިލިއަން ރުފިޔާ ވިލިމާލެ: 1،597،901 މިލިއަން ރުފިޔާ ޖުމްލަ: 1،030،412،754 ބިލިއަން ރުފިޔާ

ބަޖެޓުގައި ކަނޑައަޅާފައިވާ ގޮތުން މާލޭ ސަރަހައްދުގައި ޖުމްލަ 91 މަޝްރޫއެއް ހިމެނެ އެވެ. ގިނައީ ސަރުކާރުން އަލަށް ފަށާ، ޓެންޑާގައި ނުވަތަ ޕްރީ ޓެންޑަރިންގައި ހުރި މަޝްރޫއުތަކެވެ.

ހިނގަމުންދާ ބައެއް މަޝްރޫތަކަށް ބަލާއިރު، ތިލަމާލެ ބްރިޖު މަޝްރޫއު، މިނީ ބަސް ހިދުމަތް، ދަރުމަވަންތަ ސްކޫލާ ސީއެޗްއެސްސީގެ އާ އިމާރާތްތައް، އޮލިމްޕަސް ހޯލު ތަރައްގީ ކުރުން ފަދަ މަޝްރޫތައް ފާހަގަކޮށްލެވެ އެވެ.

ރިޓެންޝަންގައި ހުރި މަޝްރޫތަކުގެ ތެރޭގައި ކިންގް ސަލްމާން މިސްކިތް، އައިޖީއެމްއެޗުގެ މެންޓަލް ހެލްތު ވޯޑު، ރައްޔިތުންގެ މަޖިލީހުގެ އާ އިމާރާތް، މާލެ ސިންތެޓިކް ޓްރެކް ފަދަ މަސައްކަތްތައް ހިމެނެ އެވެ.


އަލަށް ފަށާ މަޝްރޫތަކަށް ބަލާލާއިރު އައިޖީއެމްއެޗުގައި އޮންކޮލޮޖީ، ޓްރާންސްޕްލާންޓް، ޕަލްމޮނޮލޮޖީ ވޯޑު, ގަލޮޅު ދަނޑު ތަރައްގީކުރުން، ކުޅިވަރު އެކުވެނި ތަރައްގީކުރުން، މާލޭގައި ޕާކުކުރަން ހާއްސަ ދެ އިމާރާތެއް ގާއިމުކުރުން ފާހަގަކުރެވެ އެވެ. އަދި ހުޅުމާލޭގައި އަލަށް އަޅާ ހަތަރު ސްކޫލެއްގެ މަސައްކަތާއި ވިލިމާލެ މަސް މާރުކޭޓު ވެސް ބަޖެޓު ފޮތުގަ އެބަ އޮތެވެ.

އިތުރު ބައެއް މަޝްރޫތަކުގެ ތެރޭގައި 7،000 ހައުސިން ޔުނިޓް އަދި މާލެ ޖަލު އަޕްގްރޭޑް ފާހަގަކުރެވެ އެވެ. އަދި މާލޭގެ މަގުހެދުމުގެ މަޝްރޫއު ބަޖެޓްގައި އެބަ އޮތެވެ.


މަޝްރޫއުތަކުގެ ލިސްޓް ދިގު ނަމަވެސް، ކުރިއަށް ދިއުމުގައި ލަސްކަމެއް އެބަ ހުއްޓެވެ. މާލޭގެ މަޝްރޫއުތަކުގެ ބެންޗުމާކު ހުރީ ވަރަށް ވެސް މަތީގަ އެވެ. އެބުނާ ބެންޗުމާކަކަށްވެފައި ވަނީ ވަރުގަދަ ބްރިޖާއި، 25 ބުރީގެ އިމާރާތްތަކެވެ.

އެހެންވެ، މަޝްރޫއުތައް ހާއްސަކޮށް ބްރިޖާއި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުތައް ހަލުއިކޮށް ކުރިއަށްދާތަން ނުފެންނަ ނަމަ މާލެ ރައްޔިތުންނަށް ގަބޫލުކުރެވޭނީ އަދި ގަބޫލުކުރަން މަޖުބޫރު ވަނީ ވެސް މާލޭގައި ތަރައްގީގެ މަޝްރޫއު ނުހިނގާ ކަމަށެވެ.

"މާލެ ރައްޔިތުން ބޭނުންވަނީ ގޯތި. އެކަމަކު މިތަނަކު ނެތޭ ބިމެއް ގޯތި ދޭކަށް،" މާލޭގައި ތަރައްގީގެ މަޝްރޫއުތައް ނުހިންގާ ކަމަށް ރައްޔިތުންނަށް ގަބޫލުކުރެވޭ ސަބަބަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ލަސްވުން ކަމަށް މާލެއަށް އުފަން އަދި ކުރިން ނޫސްވެރިކަން ކުރި، އިބްރާހިމް ބުންޏެވެ.

ބޯހިޔާވަހިކަމަށް ހައްލު ހޯދައި، އަދި ގޯތި ވެސް ދިނުމަށް މާލެ ކައިރި ސަރަހައްދަކުން ބިން ހިއްކަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން، ހުޅުމާލެ ފޭސް 2 އާއި ގުޅީފަޅުން ވެސް ގޯތި ދޫކުރާނެ އެވެ. އެކަމަކު އެކަންކަން ސަރުކާރަށް ނުވަންޏާ މާލެ ރައްޔިތުންގެ ހިތްހަމަނުޖެހުން އޮންނާނެތާ އެވެ.

މުޅި ރާއްޖޭގެ އާބާދީހެން އޮތީ މާލޭގަ އެވެ. ކޮންމެ ރަށެއްގެ ވެސް ގިނަ ބަޔަކު ދިރިއުޅެމުން ދަނީ މާލޭގަ އެވެ. މާލޭގައި ދިރިއުޅެމުން އަންނައިރު، އަމިއްލަ ރަށުގައި، އަމިއްލަ އަތޮޅުގައި ހިންގަމުންދާ މަޝްރޫއުތަކެއް ގިނަ ބަޔަކަށް ނުފެނެ އެވެ. ދަނީ ބޯމަތިން ނޭނގި އެވެ. ހާއްސަކޮށް މި ވޭތުވެދިޔަ ޕެންޑެމިކްތެރޭގައި ދަތުރު ނުކުރެވުމާއެކު އަތޮޅު ތެރޭގެ ތަރައްގީގެ ހަގީގީ މަންޒަރު މީހުންނަށް ނުފެނެއެވެ.

ހޯރަފުށީ މަގުހެދުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށް ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްގެންދިއުމުގައި ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކުރާ ކަމަށެވެ. އަދި ކޮވިޑުގެ ތެރޭގައި ވެސް ސަރުކާރުން ބެލީ ކަންކަން މެނޭޖްކޮށްގެން ވައުދު ފުއްދަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޑިމޮކްރެސީއަކީ ރައްޔިތުންނަށްޓަކައި ކޮށްދޭ ހިދުމަތެއް. ހަގީގީ ޑިމޮކްރެސީއެއް ހާސިލު ކުރެވޭނީ ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތައް ލާމަރުކަޒު ކުރެވިގެން،"

ރައީސް ސޯލިހުގެ ވެރިކަމަށް ތިން އަހަރު ފުރުމާ ގުޅިގެން ރައީސް އޮފީހުން ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވާ މި ވާހަކައިން ހިދުމަތްތައް ލާމަރުކަޒުކުރުމަށްޓަކައި އަތޮޅުތަކުގައި ބިޔަ މަޝްރޫއުތައް ހިންގުމުގެ މުހިންމުކަން އެނގެ އެވެ.

ރޭވި ހިންގަމުން އަންނަ ބިޔަ މަޝްރޫއުތަކުގެ ތެރެއިން ފަސް ރަށެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް ގާއިމުކުރުމާއި ލ. އަތޮޅު ގަމުގައި ކެންސަރު ބައްޔަށް ފަރުވާ ދޭ ހޮސްޕިޓަލް އެޅުމާއި، އިތުރު ރަށްރަށުގައި ތަރައްގީކުރާ ހޮސްޕިޓަލްތަކާއި ސިއްހީ ވަސީލަތްތަކާއެކު، ހިދުމަތް ލާމަރުކަޒުވެ، ސިއްހީ ހިދުމަތް ހޯދަން މާލެ އައުމަށް އޮތް މަޖުބޫރީ ހާލަތު ބަދަލުވެ، ރަށްރަށަށް ދިރުން ވެސް ލިބިގެންދާނެ އެވެ. ހަ ބިލިއަނުގެ ޕީއެސްސއައިޕީ ބަޖެޓުން ހަތަރު ބިލިއަނެއްހާ ރުފިޔާ އޮތީ އަތޮޅު ތެރެއަށް ދާ ގޮތަށެވެ.

މިއީ މިހެން ބުނެލުމަށް ވުރެ ބޮޑު، ނަތީޖާ ވެސް ދިގު ދެމިގެންދާނެ ފަދަ ކަންކަމެވެ.

އަތޮޅުތަކުގައި ކޮށްފައިވާ އަދި ކުރަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ލިސްޓު ދިގެވެ. ބަނދަރާއި، ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުން، ފެށިގެން ރަށުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި އެއާޕޯޓްތައް ހެދުމުގެ، ދަތުރުފަތުރުގެ ނިޒާމުގެ މަޝްރޫއު ހިމެނެ އެވެ.

މި މަޝްރޫއުތަކުގެ ތެރެއިން ސަރުކާރުން އަތޮޅުތަކަށް ހާއްސަކޮށްގެން ހިންގާ އެންމެ މުހިންމު މަޝްރޫއުއަކީ، ނަޖިސް ފެން ބޭނުންކުރުން ނިމުމަކަށް ގެނެސް އިންސާނަކަށް ވީތީވެ ލިބެންޖެހޭ އެންމެ އަސާސީ ހައްގުކަމުގައިވާ ސާފު ފެން ލިބުން ކޮންމެ ރަށެއްގެ ރައްޔިތަކަށް ކަށަވަރުކުރުމެވެ.

އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫއު 56 ރަށެއްގައި 62 ރަށެއްގެ މަޝްރޫއު ވަނީ ކޮންޓްރެކްޓްކުރެވިފަ އެވެ. މިއީ މާލޭގެ ނިސްބަތުން ވަރަށް ކުޑަ ކަމަކަށްވިޔަސް، އަތޮޅު ތެރޭ ރަށަކަށް ވަރަށް ބޮޑު އަދި ސަރުކާރަށް ވެސް ފަސޭހަ މަޝްރޫއެކެވެ.

ރައީސްގެ ވައުދަކީ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ގާއިމުކުރުމެވެ.

"ތަރައްގީގެ ވާހަކަ ދައްކަން ފެށޭނީވެސް، ގައިން ތާހިރުވެ ތިބެގެންކަން. ދިވެހި ޖުމްހޫރިއްޔަތުގެ ތެރެއިން، އަޅުގަނޑު ފާއިތުކުރި ތިން އަހަރުގެ މައިގަނޑު އެއް އަމާޒަކީ، ހުރިހާ ރަށެއްގައި ސާފު ފެނާއި، ނަރުދަމާގެ މަސައްކަތް ހިންގުން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ އަހަރާއެކު، ދިވެހި ޖުމްހޫރިއްޔާއަށް މިހާތަނަށް އަންނާނެ އެންމެ ސާފުތާހިރު ފަސް އަހަރު ކަމުގައި، މި ފަސް އަހަރު ވެގެންދާނެ،" މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

މިއީ ލޮލަށް ފެނި، އަތުން ހިފޭނެ ކަންކަމެވެ. މުޖުތަމައުއަށް ހެޔޮ ބަދަލު ގެނުވި ކަންކަން އަދި ގެނުވާނެ ކަންކަމުގެ ލިސްޓުގައި ހިމެނޭ ކަންކަމުގެ ތެރެއިން ހަ މަހުގެ މެޓާނިޓީ ލީވް އާއި، ހިލޭ ޑިގްރީ ޕްރޮގްރާމާއި، ދަރިވަރުންގެ ނާސްތާ ޕްރޮގްރާމް ފަދަ ކަންކަމަކީ ރަށެއް، އަތޮޅެއް ތަފާތުކުރުމެއް ނެތި އެއް ހަމައަކުން ލިބެމުން އަންނަ ކަންކަމެވެ.

ސަރުކާރުން ތަރައްގީ ލާމަރުކަޒީކޮށްފިއޭ ބުނުމަކީ ދޮގަކަށް ނުވެދާނެ އެވެ. އެކަމަކު ނޭނގިނަމަވެސް، ނުވަތަ ކޮވިޑާހެދިވިޔަސް، މާލެއަށް ދޭންޖެހޭ ސަމާލުކަމެއް ނުދެވޭކަމަށް ގިނަ މާލެ ރައްޔިތުން ގަބޫލު ކުރެ އެވެ. އެކަން އެންމެ ފަހުގެ ކައުންސިލް އިންތިހާބުން މާލެ ގެއްލުނު ގެއްލުން ހެކިދޭނެ އެވެ.

ރައީސް ސޯލިހަށް ދެން އޮތީ ބާކީ ދެ އަހަރު، ވައުދު ލިސްޓުގައި ނިންމަން ހުރި ކަންކަން މަދެއް ނޫނެވެ. އެ ލިސްޓުގައި މާލެ ރައްޔިތުންނަށް ކޮށްދޭން ހުރި ކަންކަން ވެސް މަދެއް ނޫނެވެ. އެކަންކަން ވާނެތޯ އެ ރައްޔިތުން ތިބީ ބަލާށެވެ. ތަރައްގީއާ ގުޅިގެން މާލެ ރައްޔިތުންގެ ހުރި ޖަޒުބާތީ އިހުސާސްތަކަށް އެ ދެ އަހަރު ތެރޭ ހަލެއް ގެނެވޭނެބާ؟