Advertisement

ކުޑަ އުޖޫރައިގެ ބޮޑު ނިންމުން، ހިތްހަމަޖެހުމާއި ނުޖެހުން

10 ނޮވެންބަރު 2021 - 08:05 0

އަމަން ހަލީމް

އަމަން ހަލީމް


ކުޑަ އުޖޫރައިގެ ބޮޑު ނިންމުން، ހިތްހަމަޖެހުމާއި ނުޖެހުން

10 ނޮވެންބަރު 2021 - 08:05 0

މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރައިގެ ވާހަކަ ދެކެވޭތާ އަހަރުތަކެއް ވެއްޖެ އެވެ. މަސައްކަތްތެރިން ހަރު އަޑުން އެކަމަށް ވަކާލާތުކުރާތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. އެކަމަށް ފަހިކޮށް ތަސްދީގުކޮށްފައިވާ ވަޒީފާއާ ބެހޭ ގާނޫނަށް އަމަލުކުރަމުން އަންނަތާ ވެސް 13 އަހަރު ވެއްޖެ އެވެ.

މިހާތަނަށް އެއްވެސް ސަރުކާރަކުން އެކަން ނުކޮށް އޮތުމަށް ފަހު ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖު ހޯމަ ދުވަހު ވަނީ ކަނޑައަޅައިފި އެވެ.

މި ބަދަލާއެކު އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ވަޒީފާ އަދާކުރާ ކޮންމެ ދިވެއްސަކަށް މަދުވެގެން 4،500ރ. ގެ މަހު މުސާރައެއް ލިބެން ޖެހޭނެ އެވެ. އެކަމަކު ކަނޑައެޅި އަދަދުތަކާ ދޭތެރޭ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ މީހުން ހިމެނޭ ގޮތަށް ހިތްހަމަޖެހުމާއި ހިތްހަމަނުޖެހުން ވެސް އެބަހުއްޓެވެ.

އެންމެ ބޮޑު މައްސަލައަކަށްވީ މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން ލަފާ ދިން އަދަދުތައް ކުޑަކުރުމެވެ. މިނިސްޓްރީން ގެނައި ބަދަލުތަކާއެކު ކުޑަ ވިޔަފާރި ކެޓެގަރީން 500ރ. އަދި ބޮޑު ވިޔަފާރި ކެޓެގަރީން 900ރ. ވަނީ އުނިވެފަ އެވެ. އަދި އިގުތިސޯދީ ހާލަތަށް ބަލާފައި ގެނައި ބަދަލުތަކެއް ކަމަށް ބުނެ މިނިސްޓްރީން ދިފާއުވި ނަމަވެސް، އެންމެން ދެކެނީ އެގޮތަކަށް ނޫނެވެ.

މިނިމަމް ވޭޖު ބޯޑުން ލަފާ ދިނީ ދެވޭނެ އަދަދުތަކެއް: މަސައްކަތްތެރިންގެ ޖަމިއްޔާތައް

މުސާރަތައް ކުޑަކުރުމާ ގުޅިގެން އެންމެ ފުރަތަމަ އަޑު އުފުލީ ގިނަ ސިނާއަތްތަކުގެ ގިނަ މަސައްކަތްތެރިންގެ ޖަމިއްޔާތަކެއްގެ މެމްބަރުންގެ މައްޗަށް އެކުލެވޭ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)ންނެވެ.

އެގޮތުން ސަރުކާރުގެ ނިންމުމަށް ފާޑުކިޔާ އެ ޖަމިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ތިން ފަރާތް ހިމެނޭ ގޮތަށް ކުރިޔަށް ގެންދިޔަ މަޝްވަރާތަކުން ކަނޑައެޅި އަދަދުތަކެއް އެއް ފަރާތަކަށް ބަދަލެއް ނުކުރެވޭނެ ކަމަށެވެ. އަދި ބުނީ އެއީ ވިޔަފާރިތަކަށް ދެވޭނެ ކަމަށް ބަލާފައި ކަނޑައެޅި އަދަދުތަކެއް ކަމަށްވީއިރު، އެ އަދަދުތައް ބަދަލުކުރުން ބަލައި ނުގަނެވޭ ކަމަށެވެ.

މިނިމަމް ވޭޖުން ބިދޭސީން އިސްތިސްނާކުރުމުގެ ސަބަބުން މިނިމަމް ވޭޖުގެ ހަގީގި މަގުސަދު ގެއްލިފައިވާ ކަމަށް ބުންޏެވެ. އަދި މިހާރު ވެސް ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ދައުލަތާއި ވިޔަފާރިތަކުން އަމަލުކުރަމުންދާކަމުގެ ކަންބޮޑުވުން ފާޅުކޮށް މިނިމަމް ވޭޖު ސިޔާސަތު ތަންފީޒުކުރަން އެކަށީގެންވާ މޮނިޓަރިން އަދި ރެގިއުލޭޓަރީ ނިޒާމެއް އެކުލަވާލަން ގޮވާލި އެވެ.

މިނިމަމް ވޭޖު ކަނޑައެޅި ގޮތާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)ން ނެރުނު ބަޔާން


އެމްޓީޔޫސީގެ ބަޔާނާ ގުޅިގެން އެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް އަދި މިނިމަމް ވޭޖު ބޯޑުގައި މަސައްކަތްތެރިންގެ ފަރާތުން އެ ޖަމިއްޔާ ތަމްސީލުކުރެއްވި ފާތިމަތު ޒިމްނާ "އަދަދު" އަށް ވިދާޅުވީ ބޯޑުން މިނިސްޓަރަށް އެރުވި ލަފާގައި ހުރި އަދަދުތަކަކީ ސަރުކާރުން ހުށަހެޅި އަދަދުތަކެެއް ކަމަށެވެ. އަދި ސަރުކާރުގެ ފުރިހަމަ ބައިވެރިވުމާއެކު ކަނޑައެޅި އަދަދުތައް ބަދަލުކޮށް އިއުލާނުކުރުމާ ހަމައަށް އެެކަން ހިއްސާކޮށްފައި ނުވާއިރު، ސަރުކާރުގެ ނިންމުން އޭނާ ސިފަކުރެއްވީ އޮޅުވާލުމެއްގެ ގޮތުގަ އެވެ.

"އެންމެ ބޮޑު ކަންބޮޑުވުން އޮތީ ސަރުކާރުގެ އެހާ ބޮޑު ބައިވެރިވުމެއް އޮވެގެން މަޝްވަރާކޮށްގެން ކަނޑައެޅި އަދަދުތައް ފަހުން ބަދަލުކުރުމުން، މިކަން އޮޅުވާލުމެއް ގޮތަށް ފެންނަނީ" ޒިމްނާ ވިދާޅުވި އެވެ.

ޒިމްނާ އިތުރަށް ވިދާޅުވީ މިއީ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ މެތޮޑޮލޮޖީގެ މައްޗަށް ބިނާކޮށް ކަނޑައެޅި އަދަދުތަކެއް ކަމަށްވީއިރު، ބޮޑު ވިޔަފާރިތަކަށް ބޯޑުން ނިންމި 8،900ރ. އާއި ކުދި ވިޔަފާރިތަކަށް ނިންމި 5،000ރ. ނުދެވެންވީ ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި ހުރިހާ ސެކްޓާއަކަށް އެއްހަމައަށް 6،700ރ. ކަނޑައެޅި ނަމަ އެއީ ވެސް ވިޔަފާރިތަކަށް ދެވޭނެ އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މަސައްކަތްތެރިންގެ ޖަމިއްޔާ، ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ން ވެސް އެމްޓީޔޫސީގެ ކަންބޮޑުވުންތައް ހިއްސާކުރެ އެވެ އެވެ.

އެގޮތުން ބޮޑު ވިޔަފާރި ކެޓެގަރީއަށް ކަނޑައެޅި އަދަދު 8،000ރ. ގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ބައެއް މުވައްޒަފުން ވަނީ އިހުތިޖާޖުކޮށްފަ އެވެ. މިއީ ވިޔަފާރިވެރިންގެ ނުފޫޒުގެ ދަށުގައި "ފޭރިގަތް" 900ރ. ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޓީމުގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިނިމަމް ވޭޖު ކުޑަވެގެން ރިސޯޓު މުވައްޒަފުން ކުރި އިހުތިޖާޖުގެ ތެެރެއިން. -- ފޮޓޯ: ސޯޝަލް މީޑިއާ


އެކަމަކު މި ރިސޯޓު ވިޔަފާރި ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ވެސް މި އަދަދުތަކާ ދޭތެރޭ ހިތްހަމަނުޖެހޭ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި މިނިމަމް ވޭޖު ބޯޑުގެ ލަފަޔާ ގުޅިގެން، ބޮޑު ވިޔަފާރި ކެޓެގަރީގެ މުސާރަ ކުޑަކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން ދެންނެވި ކަމަށް މައުލޫމާތު ލިބެ އެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅިގެން ސުވާލުކުރުމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރިސޯޓު ވިޔަފާރިވެރިންގެ ތެރެއިން ބައެއް ވިޔަފާރިވެރިންގެ މި ކަންބޮޑުވުންތައް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މިނިމަމް ވޭޖު ތަންފީޒުކުރަން ރިސޯޓު ވިޔަފާރިވެރިންގެ ފަރާތުން ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިސޯޓުތަކަށް ފުލުހުން އަރުވައިގެން މިނިމަމް ވޭޖް ތަންފީޒުކުރަން ޖެހިދާނެ ހެނެއް އަޅުގަނޑަކަށް ހިޔެއް ނުވޭ" ފައްޔާޒު ވިދާޅުވި އެވެ.

ހިތްހަމަނުޖެހުން ހުއްޓަސް ސިޔާސަތު ރަނގަޅު، މަންފާ ވެސް ކުރާނެ

މަސައްކަތްތެރިންގެ ހައްގުގައި މިނިމަމް ވޭޖަކީ މުހިންމު ސިޔާސަތެކެވެ. އެހެންކަމުން އަދަދުތަކާ ދޭތެރޭ ހިތްހަމަނުޖެހުން ހުއްޓަސް ސިޔާސަތު މުހިންމެވެ. ޕެންޝަން އޮފީހުގެ މައުލޫމާތާ ހަވާލާދީ ސަރުކާރުން ބުނާ ގޮތުން މި ބަދަލުގެ ސަބަބުން 30،000 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ އެވެ. އަދި ވަޒީފާ އަދާކުރާ މީހުންގެ މުސާރަތައް މިހާރު ހުރި ނިސްބަތަށް ބަލާއިރު މިނިމަމް ވޭޖުގެ ސަބަބުން މުޅި އިގުތިސޯދަށް ވެސް އޭގެ މަންފާކުރާނެ އެެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި "ރިސްކެއް" ނަގައިގެން ވިޔަސް ސަރުކާރުން މިކަން ކުރަން ބޭނުންވީ ހަރަދުތައް ބޮޑުވިޔަސް ދުރު މުސްތަގުބަލުގައި މަންފާތައް ފެންނާތީ އެވެ. އަދި މިނިމަމް ވޭޖު ކަނޑައެޅުމުގެ ސަބަބުން ސަރުކާރާއި ސަރުކާރު ކުންފުނިތައް ހިމެނޭ ގޮތަށް 700 މިލިއަން ރުފިޔާގެ ހަރަދު އިތުރުވާނެކަން ފާހަގަކޮށް އޭނާ ވިދާޅުވި ގޮތުގައި މި ފައިސާގެ ތެރެއިން ކޮންމެވެސް ޕަސެންޓެއް ޓެކުހުގެ ގޮތުގައި ދައުލަތުގެ އާމްދަނީ ތެރެއަށް ވަދެގެން ދާނެ އެވެ.

މި ނިންމުމާ ގުޅިގެން ޖުމްލަކޮށް ވިޔަފާރިވެރިން ވެސް ތިބީ ހަމަޖެހިގެންނެވެ. އެގޮތުން މި ނޫހާ ވާހަކަ ދެއްކި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ޖަމިއްޔާ އެސްއީއެފްއެމްގެ ރައީސް އިބްރާހިމް ލަތީފް ވިދާޅުވީ ސަރުކާރުން ކަނޑައެޅީ ހަމަޖެހޭ އަދަދުތަކެއް ކަމަށެވެ. އަދި ގަޑިއިރަކުން މުސާރަ ކަނޑައަޅާފައި އޮތުމާ އެކު ވިޔަފާރިތަކަށް ވެސް ހަރަދު ބޮޑު ނުވާނެހެން މަސައްކަތްތައް ބައްޓަން ކުރުމުގެ ފުރުސަތު ލިބޭތީ މިނިމަމް ވޭޖާ މެދު ހިތްހަމަޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި ޕްރޮސެސްގެ ތެރޭގައި މިވީ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ބައިވެރިވުން އޮތް. އަޅުގަނޑަށް ދެންނެވޭނީ ސަރުކާރުން ކަނޑައެޅީ ރީޒަނަބަލް އަދަދުތަކެކޭ" ލަތީފް ވިދާޅުވި އެވެ.

މިނިމަމް ވޭޖާ ގުޅިގެން ގިނަ މުވައްޒަފުންތަކެއްގެ ވެސް ހިތްހަމަޖެހުން އެބަހުއްޓެވެ. ހާއްސަކޮށް ބޮޑު އާމްދަނީ ލިބޭ ކުންފުނިތަކުގައި ކުޑަ މުސާރައަށް މަސައްކަތްކުރަމުން އައި މީހުންނެވެ. އޭގެ ތެރޭގައި ގިނައީ ޓޫރިޒަމް ހިމެނޭ ގޮތަށް ސާވިސް އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ 70 ޕަސެންޓަކީ މިފަދަ ސިނާއަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކެއް ކަމުން، ގިނަ ބަޔެއްގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ނަމަވެސް މަސައްކަތްތެރިންގެ ޖަމިއްޔާތަކުން ފާހަގަކުރި ގޮތަށް މިނިމަމް ވޭޖު އިއުލާނުކުރިއިރު، އެކަން ތަންފީޒުކުރަން އެކަށޭނެ ނިޒާމެއް ނެތުމަކީ މައްސަލައެކެވެ. އަދި ސަރުކާރުގެ މަގުސަދު ހާސިލުކުރަން ހުރަހަކަށް ވެދާނެ ކަމެކެވެ. މިހާރު ވެސް ރާއްޖޭގައި ވިޔަފާރިތަކާ ވަޒީފާއާ ބެހޭ ގިނަ ގާނޫނުތައް ފުރިހަމައަށް ތަންފީޒުނުކުރެވޭ މައްސަލަތައް ގިނައިރު، އެކަށީގެންވާ ނިޒާމެއް ނެތި މިނިމަމް ވޭޖުގެ އުފާ ވަޒީފާ އަދާކުރާ މީހުންނަށް ނުލިބުމުގެ ފުރުސަތު ބޮޑެވެ.

ނޫސްވެރިންގެ ފަރާތުން މިނިސްޓަރު ފައްޔާޒަށް އެންމެ ގިނަ ސުވާލުތަކެއް އަމާޒުވީ ދާއިރާއަކީ ވެސް މިއީ އެވެ. ޖަވާބުގައި ފައްޔާޒު ވަނީ އަދި ގާނޫނު މިހާރު އޮތް ގޮތުން މިނިމަމް ވޭޖު ނުދޭ ވިޔަފާރިތަކަށް މިނިސްޓްރީއަށް އެޅޭނެ ފިޔަވަޅެއް ނެތް ނަމަވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިގެން އެކަންކަން ބެލޭނެ ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ސަރުކާރުން ބައިވެރިވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އަނެއް ކަމަކީ މިނިމަމް ވޭޖުން ބިދޭސީން އިސްތިސްނާކޮށްފައި އޮތުމެވެ. އެކަން ވަނީ ކުރިޔަށް އޮތް ފަސް އަހަރަށް ދައްމާލާފަ އެވެ. މީގެ ސަބަބުން ނުރަނގަޅު އެތައް ނަތީޖާއެއް ނުކުމެދާނެ ކަމަށް މިނިމަމް ވޭޖު ބޯޑުގެ ލަފާގައި ވެސް ފާހަގަކުރި އެވެ. އޭގެ ތެރޭގައި ދިވެހިންގެ ބަދަލުގައި ބިދޭސީންނަށް ވަޒީފާދިނުމާއި އިންސާނީ ވަގުފާރި އިތުރުވުން ހިމެނޭއިރު، އެކަން ނުވާނެ ގޮތަކަށް ފިޔަވަޅުތަކަށް އަޅަން ބޯޑުން ލަފާދިނެވެ.

އެކަމަކު ތިން އަހަރު އިތުރުކޮށް ފަސް އަހަރަށް ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސްކުރުމުގެ އިތުރަށް ބިދޭސީންނާ ގުޅޭ ނިންމުމެއް ނުނިންމަ އެވެ. އަދި މިހާރު ކޯޓާ ގެންގުޅުމަށް ގެންގުޅޭ އުސޫލުތަކުގެ ތެރެއިން އެ މައްސަލަތައް ހައްލުކުރެވޭނެ ކަމަށް މިނިސްޓަރު އިޝާރާތްކުރެއްވި ނަމަވެސް، މާޒީން ފެންނަނީ އެހެން މަންޒަރެކެވެ.

ކޮންމެއަކަސް މިނިމަމް ވޭޖާއެކު އަންނަ އަހަރުން ފެށިގެން ވިޔަފާރިތަކަށާއި ވަޒީފާގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. އެކަމަކު މިހާރު ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި މަގުސަތު ހާސިލުވާން ހުރަހަކަށް ވާނެ ކަންކަން ހުރިއިރު، މި މުހިންމު ބަަދަލުގެ ރަނގަޅު ނަތީޖާ ނެރެން ސަރުކާރުން އެކަަންކަމަށް އިޖާބަދީ ހައްލުކޮށްދޭން ޖެހެ އެވެ.