Advertisement

ފަންނަށް ހިތް ބަންޑުންވަނީ؛ އުފެއްދުންތެރިކަމުގެ އާ ދައުރުން ފެންނަ އުފާވެރި މަންޒަރު

14 ނޮވެންބަރު 2021 - 07:38 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

އުފެދެމުން އަންނަ ބައެއް ފަންނުވެރިން


ފަންނަށް ހިތް ބަންޑުންވަނީ؛ އުފެއްދުންތެރިކަމުގެ އާ ދައުރުން ފެންނަ އުފާވެރި މަންޒަރު

14 ނޮވެންބަރު 2021 - 07:38 0

އަށް އަހަރުގެ ޒީކު ޒަބީރު އަނެއްކާ ވެސް ތައްޔާރުވަމުން ދަނީ އޭނާގެ އޯޓިސްޓިކް ދޮންބެ، ޒާން ޒަބީރުގެ ސްޓެމް ތެރަޕީއަށް ބޭނުންވާ ފަންޑު ހޯދަން، ގަހަނާގެ އާ ބެޗެއް ތައްޔާރުކުރުމަށެވެ. ފުރަތަމަ ބެޗުގައި ހެދި ގަހަނާ ވިއްކީ ހަފުތާއެއް ކުރިން ނިމުނު ހުކުރުގަ އެވެ.

ހިތުގެ ޖަޒުބާތުތައް ދުލުކުރިއަށް ގެނެސް، ފުރިހަމައަށް ބުނެދޭން ނޭނގުނަސް، ކުޑަ ދެއަތުން އަމުނައި މޭޒެއްގެ މައްޗަށް އަތުރާފައި ހުރި 'ރީތި' މަސައްކަތްތައް ދޮންބެއަށްޓަކައި ޒީކުގެ ހިތުގައި އުފެދި ވަރުގަދަވަމުން އަންނަ ލޯބި ހާމަކޮށްދިނެވެ. އެދުވަހު ޒީކުގެ ބަދަލުގައި، ގަދަ، ހަރު އަޑުން ވާހަކަ ދެއްކީ އޭނާގެ މަސައްކަތްތެރިކަމެވެ. އުފެއްދުންތެރިކަމެވެ. އެ އަޑު އެންމެނަށް އިވުނެވެ. އެހި އެވެ.

އަށް އަހަރުގެ ޒީކް


ފަންނުވެރިޔާ، އާމިނަތު ޝިހާނާ (އަބުޑި) ގެ ރޮދީގެ ކުރެހުންތަކުން ވެސް އިއްވަނީ އެފަދަ ރާގެކެވެ. އޭނާގެ ކުރެހުންތަކުގައިވި 'ހޭޑިފޭޑި' އާއި ނަލަ ކަވި ކަމާއި ފަށުއްވާއި ކުލަތަކުގައި ފޮރުވިފައިވާ ކޮންމެ ވާހަކައަކަށް މާ ގިނަ ބަސްތަކެއް ބޭނުމެއް ނުވެ އެވެ. އެކަމަށް، އެ މަސައްކަތަށް އޭނާ ގެންގުޅޭ ޖޯޝު އެކަނި ފުދެ އެވެ. އޭނާގެ އުފެއްދުންތެރިކަމުގެ ޖާދޫގައި ޖެހި، އެކަމުގެ އިލްމު ހޯދަން އަންނަ ހަރުފުރައިގެ މީހުންނާއި ޒުވާނުން މިހާރު ދެގުނަ ވެއްޖެ އެވެ.

އަބުޑީ މައުރަޒަކަށް އޭނާ ތައްޔާރުކުރި ރޮދީގެ ކުރެހުމެއް: ރޮދިން ކުރެހުން ރާއްޖޭގައި މިދިޔަ ދެ ތިން އަހަރެއް ތެރޭ ހީ ނުކުރާހާ މަޝްހޫރުވެ މަގުބޫލުވެ، އެކަން ކުރާ މީހުން ގިނަވެއްޖެ ކަމަށް އަބުޑީ ބުނޭ


މަސައްކަތްތެރިކަމާއި ފަންނުވެރިކަމާއި އުފެއްދުންތެރިކަމަކީ މީހުން 'މިނިވަނުންނަށް' ހަދާލާ ވަރުގެ ބާރެކެވެ. އެ ބާރު މިހާރު ފެތުރެން ފައްޓައިފި އެވެ. އޭގެ މަންޒަރުތައް ފެންނަން ފައްޓައިފި އެވެ. އެ ބާރުގައި ފުރައެއް، ޖިންސެއް ނެތި "މިނިވަނުން'ނަށް ވާ މީހުންގެ އަދަދު ގިނަ ވަނީ އެވެ. ނުވަތަ ގިނަ ވެއްޖެ އެވެ. ހާއްސަކޮށް އަންހެނުންނެވެ.

މިދިޔަ ފަސް ވަރަކަށް އަހަރު ތެރޭގައި އާދަޔާ ހިލާފު ބަދަލެއް އަންނަން ފަށައިފި. ކްރިއޭޓިވިޓީ އާއި އާޓުގެ ތެރެއަށް ވަރަށް ގިނަ މީހުން މިހާރު ވަންނަތަން ފެނޭ. ހުނަރެއް ދަސްކޮށްދޭ މީހެއްގެ ހައިސިއްޔަތުން އެ ބަދަލު އަންނަން ފަށައިފިކަމަށް ބުނުމަކީ ގޯހަކަށް ވާނެހެން އަޅުގަނޑަށް ހިއެއް ނުވޭ،"

ހިދާނާ އޭނާގެ މަސައްކަތުގައި: ތަފާތު އެކި ޝައުގުތަކަށް މަސައްކަތްތެރިކަމާއި ހުނަރުގެ ތެރެއަށް ވަންނަ މީހުން ގިނަ ވުމަކީ ދިވެހި މާހައުލުން ފެންނަ އުފާވެރި މަންޒަރެއް ކަމަށް ހިދާ ބުނޭ


ކަސަބުން ތަކެތި ހެދުމުގައި މިސާލު ދައްކަމުން އަންނަ ފަންނުވެރި ހިދާނާ ލަތީފް (ހިދާ) ދެކޭ ގޮތުގައި މިހާރު ފެށިގެން މި ހިނގަނީ އުފެއްދުންތެރިކަމުގެ އާ ދައުރެކެވެ. އޭގައި އަންހެނުންގެ ބާރު ގަދަ އެވެ. ކްރިއޭޓިވިޓީގެ ތެރެއިން އުފަންވާ މަސައްކަތްތަކުގެ އިތުރަށް އެ ވިސްނުމުގެ ތެރެއިން އާދަޔާ ހިލާފު ހިޔާލުތައް އުފެދި، އާ ހޯދުންތަކަށް ޝައުގުވެރިވެ، އެގޮތުގައި ކުރިއަށްދާ މީހުން ވެސް މިހާރު ފެންނަ ކަމަށް ހިދާ ބުންޏެވެ.

ތިރީސް ހަތަރު އަހަރުގެ ފާތުމަތު ނަދުހާ (ނަދޫ) އަބްދުލް މުހުސިނަކީ އޭގެ މިސާލެކެވެ. އޭނާ އަކީ ހިދާނާގެ ފަރާތުން ހުނަރު ދަސްކުރަމުން، އެ ހުނަރު ދިރާސާކުރަމުން އަންނަ އާދަޔާ ހިލާފު ޒުވާނެކެވެ. ކަސަބު ގަތަމުން، ދިވެހި ލިބާހުގައިވީ ސިއްރުތައް 'ޑިކޯޑު' ކުރުމުގެ މަސައްކަތުގައި ނަދޫ ނިންޖާއި އަރާމު ނަގާލައިގެން އުޅޭތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ އެވެ.

ނަދޫ: އޭޏާ ދަނީ ވަރަށް ފަހުން ކަސަބު ގެތުން ދަސްކޮށް، އެ މަސައްކަތުގެ ތެރެއިން ދިވެހި ޒަމާންވީ ލިބާހަށް ޖެހުނު ޝައުގުވެރިކަމާއެކު ލިބާހާ ބެހޭ ދިރާސާއެއް ހަދަމުން


"ފަންނަކީ ނަދޫ ކަހަލަ މީހަކަށް އުފާވެރި މަންޒިލެއް. ކަސަބު ގަތަން ދަސްކުރަން ފެށި ފަހުން އެންޒައިޓީ އާއި ޖަޒުބާތުތައް މެނޭޖުކުރުމުގެ ބައިން ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ. ހާއްސަކޮށް ރިސާޗް ފެށި ހިސާބުން ބޭކާރު ކަންކަމަށް ވިސްނަން ވަގުތެއް ވެސް ނުވޭ، ފަންނުވެރިކަމުގެ ނުވަތަ އާޓުގެ ތެރެއަށް މީހުން ގިނަ އަދަދަކަށް ވަންނަތަން ފެންނާތީ ވެސް އުފާވޭ،"

ނަދޫގެ ކްރިއޭޓިވިޓީ އާއި ފަންނާއި ރިސާޗުގެ ވާހަކަ މިހެން ލިއެލާ ދެ ތިން ޖުމްލަ އަކުން ބުނެދެވޭ ވަރަށްވުރެ ތަފާތުވެފައި ތާޒާ ކަމުން، މި ވާހަކަ ތަފްސީލުކޮށް ދެން އަންނަ އާޓިކަލް ގައި ލިޔެލާނަމެވެ.

ފަންނާއި މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަން އިތުރުވުމަކީ އާބާދީ އަށް ދުޅަހެޔޮ ބަދަލެކެވެ. އަހަރެމެންގެ މުޖުތަމައުން މިހާރު ފެންނަނީ އެ ބަދަލާ ދިމާލުގެ އަސްލު މަންޒިލަށް ދާން އޮތް ރާސްތާއިން ފެންނާނެ އުފާވެރި ސަޅި މަންޒަރުގެ ކުޑަ މިންވަރެކެވެ. މީގެ ތެރެއަށް ގިނަ މީހުން ވަދެ، ގިނަ މީހުން ބާރުވެރިވި ވަރަކަށް މަންޒަރުން ފެންނަ ކުލަތައް ރީތި ވާނެ އެވެ. އުޖާލާ ވާނެ އެވެ.